އިތުރު އަށް ސަފާރީ އަކަށް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފި

ސަފާރީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ އިތުރު އަށް ސަފާރީއަކަށް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފި އެވެ.

މިދިޔަ މަހުގެ 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލައި ފަތުރުވެރިން އަންނަން ފަށާފައިވާ އިރު ސަފާރީތަކަށް ވެސް އޮޕަރޭޓު ކުރުމުގެ ހުއްދަ ވަނީ ދީފައިވެ އެވެ. ނަމަވެސް ސަފާރީތައް އޮޕަރޭޓު ކުރަންޖެހެނީ ޓޫރިޒަމް މިނިސްޓްރީ އިން އެކަމަށް ނަގަން ޖެހޭ ހާއްސަ ހުއްދައެއް ނެގުމަށް ފަހު އެވެ.

މީގެ ކުރިން ބޯޓިން އެސޯސިއޭޝަނުން ވަނީ 70 ސަފާރީޢަކަށް އޮޕަރޭޓުކުރުމުގެ ހުއްދަ ދީފަ އެވެ. އެ އެސޯސިއޭޝަނުން ރޭ ބުނެފައި ވަނީ، މިހާތަނަށް ޖުމްލަ 78 ސަފާރީއަކަށް އޮޕަރޭޓްކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ސަފާރީތަކަށް ފަތުރުވެރިން ގެނައި ނަމަވެސް ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނާއި ސަފާރީތަކުގެ ކްރޫރިން މީހުން ދިރިއުޅޭ ރަށްރަށަށް ނުފޭބުމަށް ބޯޓިން އެސޯސިއޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި ބުނާ ގޮތުން ސަފާރީތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށަކަށް ނުފޭބޭނެ އެވެ. އަދި އެ ފަތުރުވެރިންނަށް އިތުރު ރިސޯޓަކަށް ވެސް ނުދެވޭނެ އެވެ.

މީގެ އިތުރުން ޕީސީއާރު ޓެސްޓު ހެދުމަށް ވެސް ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ރަށްރަށަށް ނުފޭބުމަށް ވަނީ އިލްތިލާސް ކޮށްފަ އެވެ. ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ މީހުން ޕީސީއާރު ޓެސްޓު ހެދުމަށް ހުޅުމާލޭގައި ވަނީ ހާއްސަ ސްޓޭޝަނެއް ވެސް ގާއިމްކޮށްފަ އެވެ. ބޯޓިން އެސޯސިއޭޝަނުން ބުނީ ހުޅުމާލެ ޕީސީއާރު ޓެސްޓިން ސްޓޭޝަނުން ޓެސްޓު ހެދުމަށް ކުރިއާލާ ޕްރީ ބުކިން ހެއްދޭނެ ކަމަށެވެ.

comment ކޮމެންޓް