އައިޖީއެމްއެޗުގެ ވެރިންނާއި ބަލިމީހުންނާ ގުޅޭގޮތުން ދޮގު މައުލޫމާތު ނުފަތުރަން އެދިއްޖެ

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗްގެ ވެރިންނާއި، ޑޮކްޓަރުން އަދި އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ބަލިމީހުންނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފި އެވެ.

ދޮގު ވާހަކަ ނުފެތުރުމަށް އައިޖީއެމްއެޗް އިން އެދިފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދާ ދެ ޕޭޝަންޓަކާ މެދު "ދިވެހި ޗެނަލް" އިން ރޭގެ ވަގުތެއްގައި ގެނެސްދީފައިވާ ހަބަރަކާ ގުޅިގެންނެވެ.

އެކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ހަބަރަކީ ކަމުގެ ހަގީގަތް އޮޅުވާލައި، ކަނޑައެޅިގެން ދޮގު މައުލޫމާތު ހިމަނައިގެން ފަތުރަމުން އަންނަ ހަބަރެއް ކަމަށެވެ.

އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލުގައި އެކި ބަލި ބައްޔަށް ފަރުވާދެމުންދާ ޕޭޝަންޓުންގެ ތެރެއިން އެ ދެ ޕޭޝަންޓުންނަކީ މެއި މަހުގެ ފުރަތަމަ ދުވަހު ކޮވިޑް19ގެ އޭރުގެ ހާލަތާ ގުޅިގެން، ޓްރީޓޮޕް ހޮސްޕިޓަލަކީ ކޮވިޑް19 އަށް ހާއްސަ ހޮސްޕިޓަލުގެ ގޮތުގައި ހަމަޖެހުމާ ގުޅިގެން އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ އަދި ހޮސްޕިޓަލުގައި ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ރަޖިސްޓްރީކޮށް، އެނދުމަތިކޮށް، އުސޫލުތަކާ އެއްގޮތަށް، ފަރުވާދެމުންދާ ޕޭޝަންޓުން ކަމަށެވެ.

އަދި އެ ޕޭޝަންޓުންނަކީ އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމްގެ އާއިލީ ބޭފުޅުން ކަމުގައި ދިވެހި ޗެނަލުން ރިޕޯޓުކޮށްފައިވީ ނަމަވެސް، އެއީ ކަނޑައެޅުގެން ދޮގެއް ކަމަށް ބަޔާނުގައިވެއެވެ.

އައިޖީއެމްއެޗް އިން ބުނީ ހޮސްޕިޓަލުގެ ސީއީއޯ އާއި އެ ދެ ޕޭޝަންޓުންނާ އާއިލީ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އެހެންކަމުން ހޮސްޕިޓަލުގެ އިސްވެރިންނާއި، ޑޮކްޓަރުން އަދި ޕޭޝަންޓުން ވެސް ބަދުނާމުވާ ގޮތަށް ކަމުގެ ހަގީގަތް އެއްވެސް މިންވަރަކަށް ސާފުކުރުމެއް ނެތި، އަދި ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން އެންމެހައި ރައްޔިތުންގެ ހިތުގައި އިންތިހާއަށް ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި މިފަދަ ދޮގު ވާހަކަތައް ފެތުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް