ޤާސިމާއި ޔާމީން ގޭ ބަންދުގައި ބޭތިއްބުމުގެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހުގެ ރެއާ ހަމައަށް އިތުރުކޮށްފި

22:00


ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި ޤާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅުއްވައިފައިވާކަމުގެ ތުހުމަތުގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް މި މަހުގެ 15 ވަނަ ދުވަހުގެ ރެއާ ހަމައަށް އެ ދެ ބޭފުޅުން ގޭބަންދުގައި ބޭތިއްބުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.


ހައިކޯޓުގައި މިރޭ އޮތް ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން އިސް ފަނޑިޔާރު އަބްދުލްގަނީ ވިދާޅުވީ ފުލުހުން ކޮށްފައިވާ ތުހުމަތަކީ ޤައުމީ މަސްލަހަތު ހިމެނޭ ކަމަކަށް ވާއިރު އެ މައްސަލާގެ ތަހްޤީޤް ކުރިއަށް ގެންދިއުމަށް ޖިނާއީ ކޯޓުން ކަނޑައަޅާފައިވާ ތިން ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ޓީމުން އިއްތިފާޤްވެފައިވާ ކަމަށެވެ. އެހެންކަމުން، ފުލުހުން އެދިފައިވާ ގޮތަށް ޔާމީނާއި ގާސިމް ގޭ ބަންދުގައި ބޭތިއްބުމުގެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 7:28 ގެ ނިޔަލަށް އިތުރުކޮށްދެއްވީ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.


ޤާސިމާއި ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދު، ސަންއެފްއެމްގެ ބްރޭކިން ނިއުސްއަށް ދެއްވި އިންޓަވިއެއްގައި މިރޭ ވިދާޅުވީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ފުލުހުންގެ ތަހްޤީޤަށް ފުރުސަތު ދެއްވުމަށް މުއްދަތު އިތުރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ މައްސަލަ މާދަމާ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.


ގާސިމާއި ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު މިރޭ ވިދާޅުވީ ޤާނޫނު އަސާސީއާ ހިލާފަށް ކުރެވިފައިވާ ބަންދެއްގެ މުއްދަތު އިތުރު ކުރެވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.


ގާސިމާއި ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ ކުރީގެ ޖަސްޓިސް މިނިސްޓަރ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވިދާޅުވީ މި މައްސަލާގައި އެ ދެބޭފުޅުން ބަންދުގައި ބޭއްތިއްބުމުގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށެވެ.


ހައިކޯޓުން ނުކުމެވަޑައިގެން ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން މިރޭ ވިދާޅުވީ ފުލުހުން އޭނާ ހައްޔަރުކުރީ ވެސް އެއްވެސް ޤާނޫނީ ހެއްކެތް އޮވެގެން ނޫން ކަމަށާއި އޭގެފަހުން ފުލުހުން ހެކި ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.


ޔާމީންގެ ވާހަކަފުޅަށް ތާއީދުކުރައްވާ ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ އެއްވެސް ހެއްކެތް ގަރީނާއެއް ނެތި އެބޭފުޅުން ބަންދުގައި ބޭތިއްބުމުގެ މުއްދަތު އިތުރުކުރާނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު