ސްރީލަންކާގެ ރައީސް ވެރިކަމުގެ ބާރުތައް އަލުން ހޯއްދަވަނީ

ސްރީލަންކާގެ ރައީސް ގޮތަބަޔާ، ސްރީލަންކާގެ ޕާލަމެންޓް ހުޅުވުމުގެ ގޮތުން ތަގްރީރު ދެއްވަނީ

ކޮލޮމްބޯ (އޮގަސްޓް 21): ސްރީލަންކާގެ ރައީސްގެ ތަންފީޒީ ބާރު ކުޑަވާގޮތަށް މިދިޔަ ދައުރުގައި ގާނޫނުއަސާސީއަށް ގެނަސްފައިވާ ބަދަލުގެ ސަބަބުން ވެރިކަންކުރަން ދަތިވާތީ ޕާލަމެންޓުން އެ އިސްލާހު އުވާލާނެ ކަމަށް ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ދާދިފަހުން އިންތިހާބުކުރި ޕާލަމެންޓް އިފްތިތާހު ކުރުމުގެ ގޮތުން ޕާލަމެންޓްގެ މެންބަރުންނާ މުހާތަބު ކުރައްވައި އިއްޔެ ދެއްވި ތަގްރީރުގައި ރައީސް ގޯޓާބަޔަ ވިދާޅުވީ މިދިޔަ ދައުރުގައި ޕާލަމެންޓުން ގާނޫނުއަސާސީއަށް ގެނައި 19 ވަނަ ބަދަލުގެ ސަބަބުން ރިޔާސީ ނިޒާމު އޮޅުން ބޮޅުންވެފައިވާ ކަމަށާއި ޕާލަމެންޓުން އެންމެ ފުރަތަމަ ކުރާނީ އެ ބަދަލު އިސްލާހުކޮށް ކުރީގެ ހާލަތަށް ގެނައުމުގެ މަސައްކަތް ކަމުގައެވެ.

އެއަށްފަހު ސްރީލަންކާގައި ފުރިހަމަ ރިޔާސީ ނިޒާމެއް ގާއިމު ކުރުމަށްޓަކައި އާ ގާނޫނުއަސާސީއެއް އެކުލަވާލުމުގެ މަސައްކަތްވެސް ޕާލަމެންޓުން ކުރާނެކަމަށް ރައީސް ގޯޓާބަޔަ ވިދާޅުވިއެވެ. ސްރީލަންކާގައި މިހާރު އޮންނަނީ ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމު މަސްހުނިކޮށްލައިގެން ގާއިމު ކޮށްފައިވާ ނިޒާމެކެވެ. މިހާރުގެ ނިޒާމު އޮންނަގޮތުން ރައީސަށް ވެރިކަމުގެ ތަންފީ ޒީބާރުތައް ލިބޭވަރު ވަރަށް ކުޑައެވެ.

ސްރީލަންކާގެ ޕާލަމެންޓް

އޭގެ ބަދަލުގައި ތަންފީޒީ ގިނަ ބާރުތައް އޮންނަނީ ބޮޑުވަޒީރަށެވެ. ބޮޑުވަޒީރަކަށް ވެވަޑައިގެންނެވޭނީ ޕާލަމެންޓުގެ އަގުލަބިއްޔަތު ހޯދި ޕާޓީއެއްގެ ބޭފުޅެކެވެ. އެހެންކަމުން ރައީސްގެ ޕާޓީ ނޫން ޕާޓީއަކުން ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދައިފިނަމަ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ އިދިކޮޅު ބޭފުޅެއްކަމަށްވާތީ ވެރިކަންކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ރައީސަށް ކުރިމަތިވެވަޑައިގަންނަވައެވެ. ނަމަވެސް ގާނޫނުއަސާސީގައި ވެރިކަމުގެ ތަންފީޒީ ބާރުތަކުގެ އިސް ފަރާތަކީ ގައުމުގެ ރައީސްކަމަށް ބުނެފައިވެއެވެ.

ސްރީލަންކާގައި އެންމެފަހުން ވެރިކަންކުރެއްވި ރައީސް މައިތުރިޕާލަ ސިރިސޭނާގެ ވެރިކަމުގައި އޭރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ބޭނުންވެވަޑައިގެން ސިރިސޭނާއާވެސް ގުޅިގެން ގާނޫނުއަސާސީއަށް މިބަދަލު ގެނައުމުގެ ކުރިން ވެރިކަމުގެ ތަންފީޒީ ގިނަ ބާރުތައް އޮންނަނީ ރައީސަށެވެ. ބޮޑުވަޒީރަކީ ތަންފީޒީ ބާރުތައް ހިންގުމުގައި ރައީސަށް އެހީތެރިވެދޭ ބޭފުޅެވެ.

ނަމަވެސް ސިރިސޭނާގެ ވެރިކަމުގައި ގާނޫނުއަސާސީއަށް ގެނައި އެ ބަދަލުގެ ސަބަބުން ކެބިނެޓަށް ވަޒީރުން އައްޔަންކުރުމާއި ވަކިކުރުމާއި ފުލުހުންނާއި ޝަރުއީ ދާއިރާ އަދި ޕަބްލިކް ސާވިސްގެ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ޕާލަމެންޓް އުވާލުމުގެ ބާރު ވަނީ ރައީސަށް ގެއްލިފައެވެ. ކުރިން މި ހުރިހާ ބާރުތަކަކީވެސް ރައީސަށް ލިބިފައިވާ ބާރުތަކެކެވެ.

މިމަހުގެ ކުރީކޮޅު ބޭއްވި ސްރީލަންކާގެ ޕާލަމެންޓްރީ އިންތިހާބުގައި ރައީސް ގޯޓާބަޔަ ކޭމްޕޭން ކުރެއްވީ ވެރިކަމުގެ ފުރިހަމަ ބާރުތައް ރައީސަށް ލިބޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ވައުދާއެކުގައެވެ. އެ ވައުދާއެކު ކުރި ކެމްޕޭން ކާމިޔާބުވެ ޕާލަމެންޓްގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި އަގުލަބިއްޔަތު (ސުޕަ މެޖޯރިޓީ) ގޯޓާބަޔަގެ ޕޮޑުޖަނަ ޕާޓީއަށް ރައްޔިތުން ދިނުމަކީ މިއިސްލާހަށް ރައްޔިތުން ތާއީދުކުރާކަމުގެ ހެއްކެތްކަމަށް ރައީސް ގޯޓާބަޔަ ދެކެވަޑައިގަންނަވައެވެ.

ރައީސް ގޯޓާބަޔަގެ ޕާޓީގެ ކާމިޔާބާއެކު ބޮޑުވަޒީރަކަށް ހަމަޖައްސާފައިވަނީ އޭނާގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައެވެ. މަހިންދައަކީވެސް ރައީސަށް އަލުން ބާރުތައް ހޯދައި ދިނުމުގެ އިސްލާހަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް