ގުޅިފަޅުގައި ޕޯޓު ހެދުމަކީ މާލޭ ރައްޔިތުންނަށް ދެވޭ އަނިޔާއެއް: މުއިއްޒު

މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަކީ މާލޭ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށްޓަކައި އެކަނި ވެސް ގުޅިފަޅުގައި ޕޯޓު ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ޕޯޓަށް އޮތް ދާއިމީ ހައްލަކީ އަބަދު ވެސް ތިލަފުށި ކަމަށެވެ.

"މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށްޓަކައި އެކަނި ވެސް ގުޅިފަޅުގައި ޕޯޓު ހެދުން ހުއްޓާލަން ޖެހޭ. ގުޅިފަޅުގައި ޕޯޓު ހެދުމަކީ މާލޭ ރައްޔިތުންނަށް ދެވޭ އަނިޔާއެއް. ޕޯޓަށް އޮތް ދާއިމީ ހައްލަކީ އަބަދު ވެސް ތިލަފުށި،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށް ޓަކައި ތިލަފުށީގައި ބަނދަރު ހަދަން ކުރީގެ ސަރުކާރުން އޮތީ ރާވައިފަ އެވެ. ނަމަވެސް ތިލަފުށީގެ ބަދަލުގައި ގުޅީފަޅުގައި ބަނދަރު ހަދާގޮތަށް ނިންމީ އެއީ ތިމާވެށީގެ ގޮތުން ބަލާއިރު ވެސް އެންމެ ރައްކާތެރި ގޮތް ކަމަށް ވުމުން ކަމަށް މި ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

ތިލަފުށީގެ ބަދަލުގައި ގުޅީފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމީ ބަނދަރުގައި ކުރާ ހުރިހާ މަސައްކަތެއް އެތަނަށް ބަދަލުކޮށް މާލެއަށް ބޮޑު ބަދަލެއް ގެންނަ ގޮތަށް ރާވައިގެން ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ޕްލޭން ކުރިއަށް ގެންދިޔުމަށް ގުޅިފަޅު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑަށެވެ. ޕްރޮޖެކްޓުގެ އަގަކީ 53 މިލިއަން ޑޮލަރު (817.26 މިލިއަން ރުފިޔާ) އެވެ.

ގުޅީފަޅު ޑްރެޖިން އެންޑް ލޭންޑް ރިކްލެމޭޝަން ޕްރޮޖެކްޓުގެ ދަށުން ހަ މިލިޔަން ކިޔުބިކް މީޓަރުގެ ބިން ހިއްކައި ރިވެޓްމެންޓު ޖަހާނެ އެވެ. މި ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 20 މިލިޔަން ކިޔުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާނެ ކަމަށް ވެބްސައިޓުގައި ބުނެފައިވެ އެވެ.

ގުޅީފަޅު ހިއްކަން ފަށާފައި ވަނީ މެއި މަހުގެ ތެރޭގަ އެވެ. މި ޕްރޮޖެކްޓު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ ނުވަ މަހާއި 14 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގަ އެވެ.

ގުޅީފަޅުގައި 187 ހެކްޓަރުގެ ބިން ހިއްކޭއިރު، އޭގެ ތެރެއިން ބޮޑުބައި އޮންނާނީ ޕޯޓު އަދި ޕޯޓާ ގުޅިގެން ހިންގާ މަސައްކަތްތަކަށް ކަމަށް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ގުޅިފަޅު ހިއްކުމަށް ފަހު އެތަނުން މާލޭގެ ރައްޔިތުންނަށް 1200 ބިން ދޫކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް