އަސްކަރިއްޔާގައި ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭކަލަކު ކޮވިޑުގައި އަވަހާރަވެއްޖެ

ލެފްޓިނެންޓް ކާނަލް (ރިޓަޔަޑް) ޢަބްދުލްޣަނީީ ---

ދިވެހި އަސްކަރިއްޔާގައި ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ބޭކަލަކު، ކޮވިޑް19 ޖެހި އެ ބަލީގައި އަވަހާރަވެއްޖެއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ދަންވަރު 1:28 ހާއިރު އަވަހާރަވީ ލެފްޓިނެންޓް ކާނަލް (ރިޓަޔަޑް) ޢަބްދުލްޣަނީީ (82އ) އެވެ.

އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި މިއީ ކޮވިޑް19 ޖެހިގެން ރާއްޖެއިން މަރުވި 25 ވަނަ މީހާއެވެ.

އަބްދުލްޣަނީގެ އާއިލާގެ ފަރާތުން ދަރިކަނބަލަކު "ސަން" އަށް ވިދާޅުވީ، ކޮވިޑް19 ޖެހިގެން ފަރުވާ ކުރުމަށް އަބްދުލްޣަނީ އެޑްމިޓްކުރީ މި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

އަދި 13 ވަނަ ދުވަހު ހާލު ކުޑަކޮށް ގޯސްވި ނަމަވެސް، ފަހުން ވަރަށް ބޮޑަށް ރަނގަޅުވި ކަމަށާއި، ނިޔާވީ ކުއްލިގޮތަކަށް ކަމަށެވެ.

"ފަހުން ހަމަ ވަރަށް ބޮޑަށް ރަނގަޅު. އެއްވެސް ކަހަލަ އުނދަގުލެއް ވެސް ނުވޭ،" ދަރިކަނބަލުން ވިދާޅުވިއެވެ.

އަބްދުލްޣަނީީ އަކީ 1960 ވަނަ އަހަރު އޯގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި 48 އަހަރާ 11 މަހާ 4 ދުވަހުގެ ދިގު މުއްދަތުގައި ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއެންޑީއެފް އިން އަބްދުލްޣަނީ ސިފަކޮށްފައި ވަނީ ވަރަށް ތެދުވެރި، އިހްސްތެރިކ ބޭފުޅެއްގެ ގޮތުގައެވެ.

އަބްދުލްޣަނީ ދިވެހި އަސްކަރިއްޔާގައި ހިދުމަތް ކުރެއްވި ދިގު މުއްދަތުގައި ގިނަ ދުވަހު ހިދުމަތް ކުރެއްވީ ކޯސްޓްގާޑްގައި ކަނޑުމަތީގެ ހިދުމަތްތަކުގައެވެ.

ލެފްޓިނެންޓް ކާނަލް އަބްދުލްޣަނީީ ސިފައިންގޭގައި އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ހިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 9 ކުލައާ 7 މެޑަލް ލިބިވަޑައިގެންފައިވެއެވެ.

comment ކޮމެންޓް