ދުންފަތް : ދަރިންނާއި ދަރިންގެދަރިން ސަލާމަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައި

ގައިންގަޔަށް ނާރާ އެކިއެކި ބަލިބަލިން މަރުވުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހުރި ގުޅުމަކީ މިހާރު އިތުރަށް ބަހުސް ކުރާނެ ޖާގަ އެއް ނެތް ހަޤީޤަތެކެވެ. މިވަބާ އިން ސަލާމަތް ވުމަށްޓަކައި ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ސަރުކާރު ތަކުން ގެންގުޅުއްވި ހަރުދަނާ ސިޔާސަތު ތަކުގެ ސަބަބުން މިހާރު އެޤައުމުތަކުގައި ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަށް އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް މަދު ވަމުންނެވެ. ދުންފަތުގެ އިސްތިޢުމާލު ނުކުރާ ގައުމެއް އުފެދިއްޖެނަމަ ސިއްޙީގޮތުން ދުޅަހެޔޮ ރައްޔަތެއްގެ އިތުރުން އެޤައުމެއް ވާހުށީ އިޤްތިސާދީ ގޮތުންވެސް ކުރިއެރުމެގެ ފުރުސަތުބޮޑު ޤައުމަކަށެވެ.

ދިރާސާ ތަކުން އެނގޭ ގޮތުގައި، ދުންފަތުގެ އިސްތިޢުމާލު ކުރުން މަދުކުރެވިފައި ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ރައްޔަތުންގެ ބައިވެރިވުން ލިބިގެންނެވެ. މިގޮތުން އާބާދީގައި ދުންފަތުގެ އިސްތިޢުމާލު ކުރާމީހުން ކާމިޔާބާއި އެކު މަދުކުރި ސަރުކާރުތަކުން އެޅި އެންމެ މުޙިއްމު ފިޔަވަޅު ތަކުގެ ތެރޭގައި ދުންފަތުން ލިބޭގެއްލުމާއި ބެހޭގޮތުން ރައްޔަތުން ހޭލުންތެރި ކުރުމާއި، ދުންފަތުގެ ބާވަތްތައް ލިބޭ އަގު ބޮޑުކުރުމާއި، އާއްމުންގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭ ފަދަ ޤަވާއިދުތައް ހަދާ ތަންފީޒުކުރުމާއި، ދުންފަތުގެ ބާވަތްތައް ސީދާގޮތުންނާއި ނުސީދާ ގޮތުން ނަމަވެސް އިސްތިހާރު ކުރުން މަނާކުރުން ހިމެނެއެވެ. ދުންފަތުގެ ހަނގުރާމަ ކާމިޔާބު ކުރަމުންދަނީ ދުންފަތުން ލިބޭ ގެއްލުމަކީ ތިމާއަށް އެކަނި ލިބޭ ގެއްލުމެއްގެ އިތުރުން، ތިމާ އެންމެ ލޯބިވާ ދަރިންނަށް ވެސް އަދި ގާތުގައި އުޅޭ ރައްޓެހިންނަށް ވެސް އޭގެ ނުބައި އަސަރު ކުރުމުގެ އިތުރުން ބަލިޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެއްކަން އެޤައުމެއްގެ ރައްޔަތުން ބަލައިގަތް ޤައުމު ތަކުންނެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އެއްވެސް ފައިދާއެއް ނެތް، އޭގެ ސަބަބުން އެތައް ގެއްލުމެއް ލިބޭ، މިކަމަށް ކުރާ ހޭދައަކީ ކަނޑައެޅިގެން ކުރެވޭ އިސްރާފެއް ކަމަށް ޤަބޫލު ކުރި ޤައުމުތަކުންނެވެ.

ދުންފަތުން ދިވެހިން ސަލާމަތް ކުރުމަށް ޓަކައި ރާއްޖޭގައި ވެސް އެކިފަހަރު މަތިން ވަރަށް ބޮޑު މަސައްކަތް ތަކެއް ވަނީ ކުރެވިފައެވެ. މިގޮތުން ދިމުކްރާތީ ވެއްޓެއްގައި ސިއްޙީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ދުރުވިސްނުމެއްގައި އެޅުނު އެންމެ ރަނގަޅު އެއްފިޔަވަޅު ދިވެހިން ވަނީ ބަލައި ނުގެންފައެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޖުމްޙޫރިއްޔާ އިން ރާއްޖެއަށް ދުންފަތުގެ ބާވަތް ތައް އެތެރެ ކޮށް ވިއްކުން ކޮންޓްރޯލު ކުރުމެވެ. މިއީ މިޒަމާނުގައި ތަރައްޤީ ވެފައިވާ ގިނަ ޤައުމު ތަކުން އެބައިމީހުންގެ ލަނޑުދަނޑި ކަމުގައި ހަދައިގެން މަސައްކަތް ކުރަމުން ދާ އެއް އަމާޒެވެ. އެކަމަކު ތިމާއަށާއި، ތިމާގެ ގާތް ރައްޓެހިންނަށް ވެސް ގެއްލުން ލިއްބައިދޭ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ، ފަރުދީ މިނިވަން ކަމެއްކަމުގައި ވަކާލާތް ކުރާ ފަރާތް ތަކާއި، ދުންފަތް އުފައްދާ ކުންފުނި ތަކާއި، ދުންފަތު ގެ ވިޔާފާރި ކުރާ ފަރާތްތަކުގެ ފިއްތުންތަކުގެ ސަބަބުން އެއްވެސް ޤައުމަކަށް އަދި މިވަނީ މި ލަނޑުދަނޑި ޙާސިލު ނުކުރެވިފަ އެވެ.

ދިވެހިރާއްޖެއަކީ ދުންފަތުގެ ވަބާއިން ސަލާމަތް ވެފައިވާ ޤައުމަކަށް ހެދުމުގެ އުއްމީދުގައި، ފުރަތަމަ ދިވެހި ޖުމްހޫރިއްޔާ އިން ކުރި މަސައްކަތް ނާކާމިޔާބުވުމުން ދެން ފެނިގެން ދިޔައީ ޖެހިޖެހިގެން އައި ސަރުކާރުތަކުން ދުންފަތުގެ ސަބަބުން ދިވެހި ރައްޔަތުންނަށް ލިބޭ ގެއްލުންތައް ރަނގަޅު ނިޔަތުގައި އަންގައިދިނުމަށް ޖެހިލުން ވެފައި ތިބި މަންޒަރެވެ. ނަމަވެސް 1990 ވަނަ އަހަރުގެ ފަހުކޮޅުގަޔާއި އައު ސާސްކަފުގެ ކުރީކޮޅުގައި، ޚާއްޞަކޮށް ދިވެހި ޒުވާނުންނަށް އަމާޒު ކުރެވިގެން ހިންގުނު ދުންފަތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގެ ނަތީޖާ ފެންނަން ފެށިކަން އޭރު ކުރެވުނު ދެ ދިރާސާއަކުން ދައްކައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީކޮށް ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ އަށަގެންފައިވާ މިންވަރު އަދި ސަބަބުތައް ދެނެގަތުމަށް ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ބެހޭ ދިރާސާއެއް ކުރެވިފައިވަނީ 2003 އަދި 2007 ވަނަ އަހަރުއެވެ. ގޮލޯބަލް ޔޫތް ޓޮބޭކޯ ސަރވޭ ގެ ނަމުގައި މި ދެއަހަރު ކުރެވުނު ދިރާސާއިން ހޯދިފައި ވަނީ 2003 ވަނަ އަހަރާ އަޅާ ބަލާއިރު 2007 ވަނަ އަހަރު ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލުކުރުން 6.9 އިންސައްތައިން 3.8 އިންސައްތަ އަށް މަދުވެފައިވާ ކަމެވެ. މި ދިރާސާގައި އެންމެ ފާހަގަ ކޮށްލެވުނު ކަމަކީ ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން އެންމެ ބޮޑަށް ފެށޭ އެއް ސަބަބު ކަމުގައިވާ ރައްޓެހި ކުދިންގެ އެދުމާއި ޕްރެޝަރު ކުރުމުގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލު ކުރަން ފެށިކުދިންގެ އަދަދު ފާހަގަ ކުރެވޭ ވަރަށް މަދުވި ކަމުގައިވިޔަސް ގޭތެރެއިންނާއި ބޭރުތެރެއިން ދުންފަތުގެ ދުމުން ރައްކާތެރި ވެވިފައިނުވާ ކަމެވެ. މި ދިރާސާގައި ބައިވެރިވި ޒުވާނުންގެ ތެރެއިން 90 އިންސައްތަ އެދިފައިވަނީ އާންމު ސަރަހައްދު ތަކުގައި ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭގޮތް ހަދައިދިނުމަށެވެ. މިފަދަ ނަތީޖާއެއް އޭރު ފެނިފައި ވަނީ ގިނަ މަސައްކަތް ތަކެއް ދުންފަތާ ދެކޮޅަށް ކުރެވިގެންނެވެ. މީގެތެރޭގައި އެއްވެސް ގޮތަކަށް ދުންފަތާއި އޭގެ ބާވަތް ތަކުގެ އިޝްތިހާރުކުރުން މަނާ ކުރުމާއި އަދި ޞިއްހީ ޚިދުމަތްދޭ ތަންތާންގައާއި ސަރުކާރުގެ އިދާރާ ތަކުގައި އަދި ސްކޫލްތަކުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން ވަނީ މަނާކުރެވިފައެވެ.

މީގެ އިތުރުން ޞިއްޙީ ގެއްލުމުގެ އިންޒާރު ޖަހައިގެން ނޫނީ ދުންފަތުގެ ބާވަތްތައް ނުވިއްކުމާއި 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތް ވިއްކުން މަނާ ކުރުމުކީ ވެސް ދުންފަތް ކޮންޓްރޯލް ކުރުމަށް އެޅިފައިވާ ފިޔަވަޅުތަކެވެ. މީގެ އިތުރުން 2003 ގައި ދިވެހިރާއްޖޭގައި ވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުން ކޮންޓްރޯލް ކުރުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ފްރޭމްވާރކް ކޮންވެންޝަން އޮން ޓްބޭކޯ ކޮންޓްރޯލް) ގައި ސޮއިކޮށްފަ އެވެ.

ދުންފަތުން ދިވެހިން ސަލާމަތް ކުރުމަށްޓަކައި ރާއްޖޭގައި އެޅުނު މުޙިއްމު އަނެއް ފިޔަވަޅަކީ ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނު ވުޖޫދަށް އައުމެވެ. މިޤާނޫނާއި ޤާނޫނު ގެ ދަށުން ހެދޭ ޤަވާޢިދު ތައް ރާއްޖޭގައި ތަންފީޒު ކުރަން ފެށުމުން އޭގެ ފައިދާ ސީދާ ގޮތުން ޢާއިލާ ތަކަށާއި ސަރުކާރަށް ކުރާނެކަމީ ޝައްކެއް ނެތް ކަމެކެވެ. ނަމަވެސް ޤާނޫނު ހެދެމުން ދިޔަ މަރުހަލާ ގަޔާއި، އަދި ޤަވާޢިދު ތައް ހެދެމުން ދާ މަރުޙަލާގައި ވެސް ދުންފަތުގެ ވިޔާފާރީގެ ފައިދާ ލިބޭފަރާތް ތަކުން އެފަރާތް ތަކުގެ ނުފޫޒު ފޯރުވަން މަސައްކަތް ކުރާނެ ކަމީ ކަށަވަރު ކަމެކެވެ. އެހެން ނޫން ނަމަ މިޤާނޫނުގެ ދަށުން ދިވެހިންނަށް ލިބިދޭ ރައްކާތެރިކަން މިހާރު މިފެންނަ ދުވެއްޔަށް ވުރެ ހަލުވި މިނެއްގައި ފެންނަމުންދާނޭކަން ޔަޤީނެވެ.

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހިންނަށް ވެސް ދުންފަތުން ލިބޭ ގެއްލުންތައް ޢާއްމު ގޮތެއްގައި އެނގުނު ކަމުގައި ވިޔަސް، މި ގެއްލުން ތަކުން ތިމާއަށާއި ތިމާގެ ދަރިންނަށާއި ދަރިންގެ ދަރިންނަށް އަދި ޢާއިލާއަށް ލިބިދޭ ގެއްލުން ތަކުގެ ބޮޑުމިން އިޙްސާސް ނުކުރެވޭކަން ފާހަގަ ކުރެވެ އެވެ. އެހެންނޫން ނަމަ ލިޔަންކިޔަން ދަތުމުގެ ރޮނގުން މިސަރަހައްދުގެ ޤައުމުތަކުގައި ނަގާކިޔާ މިރާއްޖޭގައި ދުންފަތުގެ ވަބާގައި ޖެހޭ ޒުވާނުން މިހާރު މިފެންނަ ހަލުވި މިނެއްގައި އިތުރުވަމުން އަންނަ ތަނެއް ނުފެނުނީހެވެ.

ދެކުނު އިރުމަތީ ހުރިހާ ރަށްތަކަށް ބަލާއިރު ވެސް ދުންފަތުގެ ވަބާގައި ރާއްޖޭގެ އާބާދީ ޖެހިފައިވާ މިންވަރު މަތިކަން ފާހަގަ ކޮށްލެވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޮޑެތި މީހުންގެ އާބާދީގެ 45 އިންސައްތަ ފިރިހެނުން އަދި 11 އިންސައްތަ އަންހެނުން ދުންފަތުގެ އިސްތިޢުމާލު ކުރެއެވެ. އަދި މިއަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެ އެވެ. ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ސްކޫލް ތަކުގައި ކުރެވުނު ދިރާސާއެއް ކަމުގައިވާ، 2009 ވަނަ އަހަރުގެ ގްލޯބަލް ސްކޫލް ބޭސްޑް ހެލްތް ސަރވޭ އިން ދައްކާ ގޮތުގައި މިދިރާސާ ގައި ބައިވެރިވި 11.6 އިންސައްތަ ކުދިން އެއްދުވަހަށް ވުރެ ގިނަދުވަހު ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ސިގިރެޓް ބޭނުން ކޮށްފައިވެއެވެ. އަދި މީގެ ތެރެއިން 65 އިންސައްތަ ކުދިން ފުރަތަމަ ސިގިރެޓް ބޮއިފައިވަނީ ޢުމުރުން ސާދަ އަހަރު ނުވަތަ އެއަށްވުރެ ކުރިންނެވެ. ދުންފަތުގެ އިސްތިޢުމާލު ކުރާ ކުދިން ވެސް ދުންފަތާ ދުރުވާން ބޭނުންކަން މިދިރާސާއިން ވަރަށް ރަނގަޅަށް ހާމަވެއެވެ. އެއީ ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ސިގެރެޓު ބޯ ކުދިންގެ ތެރެއިން 60.5 އިންސައްތަ ކުދިން ސިގިރެޓު ބުއިން ހުއްޓާލުމަށް މަސައްކަތް ކޮށްފައިވެ އެވެ.

ދެހާސް ހަތަރު ވަނަ އަހަރު ކުރެވުނު އެހެން ދެ ދިރާސާއަކުން ވެސް ރާއްޖޭގެ އާބާދީ ގައި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ އަމަލު ހުރިވަރު އެނގެއެވެ. އެ އަހަރު މިނިސްޓްރީ އޮފް ހެލްތުން މާލޭގައި ކުރި ގައިން ގަޔަށް ނާރާ ބަލިބަލީގެ ދިރާސާއަކުން ދެއްކިގޮތުގައި މާލޭގެ އާބާދީގެ 27.4 އިން ސައްތަ ދުންފަތުގެ އިސްތިޢުމާލު ކުރެއެވެ. އަދި މީގެތެރެއިން ގިނަމީހުން ދުންފަތުގެ އިސްތިޢުމާލު ކުރަން ފައްޓާފައި ވަނީ ޢުމުރުން 18 އަހަރު ވުމުގެ ކުރިން ސިގިރެޓަކުންނެވެ. އަދި ހަމަ އެއަހަރު ނެޝަނަލް ނާކޮޓިކް ކޮންޓްރޯލް ބިއުރޯއިން ކުރި ރެޕިޑް އެސެސްމެންޓް ސަރވޭ އިން ދެއްކިގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުން 10 އަހަރާއި 19 އަހަރާ ދޭތެރޭ ދުންފަތުގެ އިސްތިޢުމާލު ކުރަން ފަށާފައިވެ އެވެ. މީގެތެރެއިން 86 އިން ސައްތަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާފައި ވަނީ ސިގިރެޓުންނެވެ.

ދުންފަތުގެ ގެއްލުމުގެ ވާހަކަ ދެކެވޭއިރު ގިނައިން ދެކެވިފައި ހުންނަނީ ދުންފަތުގެ ސަބަބުން ސިއްޙީ ގޮތުން ލިބޭ ފަރުދީ ގެއްލުން ތަކެއްގެ ވާހަކައެވެ. ނަމަވެސް ސިއްޙީ ގޮތުން ލިބޭ ކޮންމެ ގެއްލުމަކީ އިޤްތިޞާދީ ގޮތުން ތިމާއަށާއި ތިމާގެ ޢާއިލާއަށް ވެސްލިބޭ ބޮޑު ގެއްލުމަކަށް ވާހިނދު މިއީ ކިހާ ބޮޑު ގެއްލުމެއްކަން ގިނަބަޔަކަށް އިޙްސާސް ކުރަން ދައްޗެވެ. ބަލިވެގެން ޑޮކްޓަރަށް ދެއްކުމާއި ޓެސްޓު ތައް ހެދުމާއި ފަރުވާ ހޯދުމަށް ކުރަން ޖެހޭ ޚަރަދު ތަކުގެ އިތުރުން ބަލީގައި ހޭދަކުރާ ދުވަސް ތައް ވެގެންދަނީ ތިމާއަށް އިތުރު އާމްދަނީއެއް ހޯދުމުގެ ފުރުސަތު ބަންދު ވެގެންދާ ދުވަސް ތަކަކަށެވެ. އެހެންކަމުން ބަލިވެ ގިނަދުވަހު އުޅެން ޖެހުމަކީ ތިމާގެ އާއިލާ އަށް އޭގެ ވަރަށް ބޮޑު އަސަރެއް ކުރާކަމެކެވެ. އަދި ގިނަ ޢާއިލާ ތަކަކީ ފަހަށް ގިނަ ފައިސާ ތަކެއް ރައްކާ ކުރެވޭ ވަރަށް ވުރެ އާމްދަނީ ހޯދުމުގެ ވަސީލަތްތައް މަދު ޢާއިލާ ތަކަކަށް ވާހިނދު މިފަދަ ވަގުތު ތަކުގައި އަތްމަތި ހުސްވެ ގާތްތިމާގެ މީހުންގެ އެހީ އަށް އެދުމުގެ އިތުރުން ސަލާން ޖަހަން މަޖުބޫރުވާ ޙާލަތަށް ދާކަމީ އަޅުގަނޑުމެންގެ ލޯމަތިން މިހާރު ވެސް ފެންނަ ހަޤީޤަތެކެވެ. މިވަގުތު ބަލިމީހާ ތަޙައްމަލު ކުރަމުންދާ ތަދާއި ވޭނާއި ކެކުޅުން، އަދި ބަލީގެ ސަބަބުން ތިމާގެ އުމުރުގެ ދެންއޮތްބައި ހޭދަކުރެވޭނެ ގޮތަކާއި މެދު ވިސްނުމުން ލިބޭ ނަފްސާނީ ގެއްލުމަކީ ރުފިޔާ އިން އެއީ ކިހާ މިންވަރެއް ކަން މިނެލެވޭނޭ ވަރަށް ވުރެ ބޮޑު ގެއްލުމެކެވެ.

ދުންފަތަކީ މެދުފަންތީގެ އާމްދަނީ ލިބޭފަރާތްތައް ފަގީރުކުރާ އެއްޗަކަށްވީ ހިނދު، މީގެއަސަރު ފަޤީރު ޢާއިލާ ތަކަށް ކުރާނެ މިންވަރު އިޙްސާސް ކޮށްލައްވާށެވެ. ދުންފަތުން ދިވެހިން ސަލާމަތް ކުރުމަށް ޓަކައި ފާސްކުރެވިފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނާއި، މިޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދު ތައް ރާއްޖޭގައި ތަންފީޒު ކުރަން ފެށުމުން އޭގެ ފައިދާ ސީދާ ގޮތުންކުރާނެ ފުރަތަމަ ފަރާތަކީ ފަޤީރު ޢާއިލާ ތަކެވެ. އެފަދަ ފަރާތްތަކުން ދުންފަތުގެ ބޭނުން ކުރުން މަދުވުމުން ލިބޭ އާމްދަނީ އާއިލާގެ ޒަރޫރީ އެހެން ބޭނުންތައް ފުއްދުމުގައި ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2010 ވަނަ އަހަރު ރާއްޖެއަށް ދުންފަތުގެ ބާވަތްތަކުން ސިގިރެޓް އެތެރެކުރެވިފައި ވަނީ 46،371،400 ސިނގެރެޓެވެ. މިއީ ކޮންމެ ސިގިރެޓަކުން ތިރީސް ލާރި ކަސްޓަމް ޑިއުޓީ ނެގޭ މާއްދާއެއް ކަމުގައިވާއިރު ސަރުކާރުގެ އާމްދަނީއަށް 103911420 ރުފިޔާ ލިބިފައިވާނެއެވެ. 2012 ވަނަ އަހަރުން ފެށިގެން ދުންފަތުގެ ބާވަތްތަކުން ނެގޭ ޑިއުޓީ 200 އިންސައްތަ ބޮޑުކުރުމުން 2010 ވަނައަހަރު އެތެރެކުރި ވަރަށް 2012 ގައި އެތެރެކުރި ކަމުގައި ވިޔަސް މީގެ ތިންގުނަ ކަމުގައިވާ 311734260 ރުފިޔާ ސަރުކާރުގެ ޢާމްދަނީއަށް ވަންނާނެއެވެ. މީގެއިތުރުން ދުންފަތް ގަންނަފަރާތްތަކުން ނެގޭ ޖީ.އެސް.ޓީ އިން އިތުރު އާމްދަނީއެއް ލިބޭނެއެވެ. ދުންފަތުގެ ހަނގުރާމަ ކާމިޔާބުކުރަމުން އަންނަ ބައެއް ޤައުމުތަކުން ސީދާ ދުންފަތުން ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ދުންފަތުގެ ސަބަބުން ރައްޔަތުންނަށް ލިބޭ ގެއްލުންތަށް އަންގައިދީ، ސިއްހީ ގޮތުން ދުޅަހެޔޮ ރައްޔަތެއް ތައްޔާރުކުރުމަށް ބޭނުންކުރަމުން ދެއެވެ. ދުންފަތުގެ ސަބަބުން ސިއްޙީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ސަރުކާރު ތަކުން ކުރަންޖެހޭ ހޭދަ، ލިބޭ އާމްދަނީއަށްވުރެ މާބޮޑު ކަމީ ދުނިޔޭގެ އެކިހިސާބުގައި ކޮށްފައިވާ ދިރާސާތަކުން އެނގޭ ޙަޤީޤަތެކެވެ.

ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ކުރެވިފައިވާ ފަހުގެ ދިރާސާ ތައް ދައްކާގޮތުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ދުއްވާ އުޅަނދުތައް އެކްސިޑެންޓް ވުމުގެ ފުރުސަތު ބޮޑެވެ. މިހެން ދިމާވާ އެންމެ ބޮޑު ސަބަބަކީ ހަނދާން ނެތުމާއި، ހިނގަމުންދާ ކަންތައްތަކަށް ވިސްނުމުގެ ބާރު ދަށްވުމާއި، ދުއްވުމުގައި ކުރެވޭ ކުށްތައް އިތުރުވުމުގެ ސަބަބުންނެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ ޒުވާނުން ގިނަވަމުންދާ މި ދިވެހި މާޙައުލުގައި ފަހަކަށް އައިސް ހިނގަމުން އަންނަ ބޮޑެތި އެކްސިޑެންޓު ތަކަކީ އޭގެ ސަބަބުން އެތައް އާއިލާ ތަކެއް އިޤްތިޞާދީ ވަޅުގަނޑަކަށް ވެއްޓެމުންދާ ކަމެއް ކަމުގައިވާއިރު، ރާއްޖޭގައިވެސް ދުންފަތުގެ އިސްތިޢުމާލު ކުރުމާއި އެކްސިޑެންޓުތައް ގިނަވުމާއި ގުޅުމެއް ހަމަ ނުވާނެބާއޭ ސުވާލު ކޮށްލަން ޖެހެއެވެ.

ޒުވާންކުދިން ދުންފަތުގައި ޖެހި ހަލާކުވެގެން ދާ މިންވަރު އިތުރުވާނަމަ ކުރިމަގުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ވަރަށް އުނދަގޫ ވާނެއެވެ. އަދި ދުންފަތް ކޮންޓްރޯލު ކުރުމުގެ ޤާނޫނު ތަންފީޒު ކުރުމަށް ހުރަހަކަށް ވާނެއެވެ.

ދިރާސާ ތަކުން ދައްކާ ގޮތުގައި ދުންފަތުގެ ސަބަބުންޖެހޭ ބަލިބަލީގެ ބޮޑުއަސަރެއް އަންހެނުންނަށް ކުރެއެވެ. ޚާއްސަ ކޮށް ވިހާއުމުރު ގެ އަންހެނުންނާއި މާބަނޑު މީހުން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ލިބޭ ދަރިފުޅުގެ ޞިއްޙަތަށް އޭގެ ނުރަނގަޅު އަސަރު ކުރުވާނެ ކަމެކެވެ. ކޮންމެ ޒުވާނަކީ ވެސް މަންމައަކަށް ނުވަތަ ބައްޕަ އަކަށް ވާން ތައްޔާރުވާ ފަރާތަކަށް ވާއިރު، ޢާއިލާގެ ޒިންމާދާރު ވެރިންނަށް ވުމުގެ ރީތި ނަމޫނާ އެއް ދުންފަތުގެ އިސްތިޢުމާލު ކުރާނަމަ ދެއްކޭކަށް ނެތެވެ. އެހެންކަމުން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ޢާއިލީ ޒިންމާއަށް ވެވޭ އިހްމާލެކެވެ. ރާއްޖޭގެ ޒުވާން އަންހެންކުދިންގެ ތެރޭގައި މިހާރު ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ އިތުރުވަމުން އަންނަ ދުވަސް ވަރެއްގައި ކުރިމަގުގައި ދުޅަހެޔޮ ޖީލެއް ބިނާކުރެވޭނީ ލިބޭ ދަރިންގެ ޞިއްޙަތު ރަނގަޅު ވެގެންކަން ވިސްނާ ހުރިހާ ފަރާތަކުން ވެސް ޒިންމާތަކެއް އުފުލައިގެން މެނުވީ އަޅުގަނޑުމެންގެ މުސްތަޤްބަލް ފެހި އަދި ފާގަތި މުސްތަޤްބަލަކަށް ހެދޭކަށް ނެތެވެ.
ގުޅޭ ޓެގު
comment ކޮމެންޓް