ސީއެސްސީއަށް ކުރިމަތިލި މީހުންގެ ތެރެެއިން މަޖިލީހުގެ ތަޅުމަށް ފޮނުވަން 15 ނަމެއް ފާސްކޮށްފި

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހުސްވެފައިވާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެންބަރުންގެ މަގާމަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވާނެ 15 ނަމެއް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.

ސީއެސްސީގެ ހަތަރުު މެމްބަރުންގެ މަގާމު ހުސްވީ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިން މަގާމުން އިސްތިއުފާ ދެއްވުމުންނާއި، މެމްބަރު އިބްރާހިމް ޝަހީގު ކޮމިޝަނުން މިދިޔަ މަހުގެ 13ގައި ވަކި ކުރުމާ ގުޅިގެންނެވެ.

އެ ކޮމިޝަނުން ހުސްވި ހަތަރު މަގާމަށް 41 ފަރާތަކުން ވަނީ ކުރިމަތިލައިފައެވެ.

ސިވިލް ސީވިސް ކޮމިޝަންގެ ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށް އިއުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއިން ދިރާސާކޮށް، ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށެވެ.

އެގޮތުން، އެ ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ފަރާތެއް ނުވަތަ ފަރާތްތައް ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސީއެސްސީއަށް އެޕްލައި ކުރި ފަރާތްތަކުގެ ތެރެއިން 15 ފަރާތެއްގެ ނަން ތަޅުމަށް ފޮނުވަން ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެ 15 ބޭފުޅުންނަކީ ވެސް ކަމަށް ވަރަށް ގާބިލު ފަރާތްތަކެއް ކަމަށާއި، އެއިން ކޮންމެ ބޭފުޅަކު ކޮމިޝަނަށް ހޮވިވަޑައިގެން ނަމަވެސް، ރަނގަޅު ބަދަލުތަކެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އެ 15 ފަރާތުގެ ނަންތައް ތަރުތީބުކޮށްފައި ވާނީ މަޖިލީހަށް އެޕްލިކޭޝަން ހުށަހެޅި ތަރުތީބުން ކަމަށެވެ.

މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމެޓީން ފާސްކުރި ނަންތައް:

1. މަރްޔަމް މުނާ، މ. ބާރަނާގެ

2. މުހައްމަދު ޝަރީފް، ފުސްތުޅާގެ، ގދ. ތިނަދޫ

3. އިބްރާހިމް ރަޝީދު. ބްލެކް، ރ. މީދޫ

4. މުނާ މުހައްމަދު، ހ. ނޫރާނީފެހި

5. އަޖުވަދު އަލީ، ގ. ބްލޫވޭވް

6. މުހައްމަދު ފަރުޞަތު، ހ. ޓޫހަރޓް

7. އާއިޝަތު ޝާހީން، މއ. ވިލާރޮދި

8. މުހައްމަދު ނަސީރު، މ. ފުންފިނި

9. ފާތިމަތު ޝަރީފް، މާކޯޅި، ގދ. ތިނަދޫ

10. އަހްމަދު މޫސާ، ހ. އަމްސާވިލާ

11. ފާތިމަތު ރިފާހަތު ރިފްއަތު، ގ. ވެގާ2

12. އަހްމަދު ނާސިހު، މ. ފަލްކަންގެ

13. ރަޝީދާ އަލީ، ގ. ޖަނަވަރީމާގެ

14. ޝުހުދާ ރިޟްވާން، ފްލާވާ މީޑް، ސ. މީދޫ

15. މަރިޔަމް ޝެނީން، މއ. ފޮސީތިއާ

comment ކޮމެންޓް