ވެންޓިލޭޓަރުތައް ހޯދުމުގައި އަމަލު ކުރީ ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު: ނިޝާމާ

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ކޮވިޑް19 ޖެހިގެން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭތަރުތައް ގަތުމުގައި އަމަލުކޮށްފައިވަނީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށް އެ މައްސަލައާ ގުޅިގެން ސަސްޕެންޓްކޮށްފައިވާ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑް ކޮމިޓީގެ ޗެއާ ނިޝާމާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓްގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިވެފަ އެވެ. އެގޮތުން އެންމެ ބޮޑު އޮޅުވާލުމެއް ހަދާފައިވަނީ، ދުބާއީ ކުންފުންޏަކާ ގެންނަން ހަވާލު ކުރި 75 ވެންޓިލޭޓަރު ގަތުމުގައި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ.

ނިޝާމާގެ ފަރާތުން މިއަދު ވަނީ މިކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރުއްވާފައެވެ. ބަޔާނުގައި ނިޝާނާ ވިދާޅުވީ، 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލު ކުރީ، މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން ސިންގަލް ސޯސް ޕްރޮކިއުމްންޓުގެ ދަށުން ވެންޓިލޭޓަރު ގެނައުމަށް އެ ކުންފުންޏާ ހަވާލު ކުރީ، މިނިސްޓްރީއަދި އެ ދަނޑިވަޅަކީ ގައުމު ސިއްހީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ދަނޑިވަޅަކަށްވެފައިި، ކޮވިޑްޖެހޭ ބަލި މީހުންނަށް ފަރުވާ ކުރާ އެންމެ މުހިންމު ވަސީލަތަކީ، ވެންޓިލޭޓަރު ކަމުން، އަދި ވެންޓިލޭޓަރުތައް ހޯދުމަށް އެހެން ގައުމުތަކުގައިވެސް ވެންޓިލޭތަރުތައް ގެނައުމުގައި ދަތިތަކެއް ހުރި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"ހެލްތް މިނިސްޓްރީން ވެންޓިލޭޓަރުތަައް ގެނައުމުގައި އެއްވެސް ފަރާތަކަަށް ނާޖާއިޒު މަންފާތަކެއް ހޯދައިދިނުމަށް މަގާމުގެ ހައިސިއްޔަތުން އެއްވެސް މަސައްކަތެއް އަޅުގަނޑު ކޮށްފައެއް ނުވާނެއެވެ،" ވެންޓިލޭޓަރު ކޮރަޕްޝަނާ ގުޅިގެން މިވަގުތު ސަސްޕެންޝަނުގައި ހުރި ނިޝާމާ ވިދާޅުވިއެވެ.

"ބިޑް ކޮމިޓީގެ އެންމެ އިސްފަރާތެއްގެ ހައިސިއްޔަތުން އަޅުގަނޑު އަަމަލުކޮށްފައިވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހެޔޮނިޔަތުގައެވެ،"

ނިޝާމާ ވިދާޅުވި ގޮތުގައި، ބިޑް ކޮމިޓީން ނިންމާފައިވާ ނިންމުމަކީ، އެ ކޮމިޓީއަށް ލިބިފައިވާ ލިޔުންތަކުގެ މައްޗަށް ނިންމާފައިވާ ނިންމުމެކެވެ. އެގޮތުން އެ ކުންފުންޏަކީ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް މެދުވެރިކޮށް ހޯއްދަވާފައިވާ ކުންފުންޏެއް ކަމަށް ބުނެ ބިޑު ކޮމިޓީއަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އެ ނިންމުމަކީ ބިޑް ކޮމިޓީގެ ފަރާތުން ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީހުން އިތުރަށް މައުލޫމާތު ސާފުކޮށް، އަދި މާލީ ޒިންމާދާރުވެރިޔާ އަހްމަދު އަސްލަމް ދެއްވި މައުލޫމާތުގެ މައްޗަށް ބުރަވެ ނިންމި ނިންމެއްގެ ގޮތުގައި ނިޝާމާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"މިނިސްޓްރީ އޮފް ފީނޭންސްގެ ސިޓީ ނަންބަރު 13-B3/23/1010/113ން މިނިސްޓަަރު އޮފް ފިނޭންސް އެޕްރޫވަލް ދެއްވައި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ކުރިއަށް ގެންދިޔުމަށް އަންގަވާފައިވުމާއެކު، ކޮންމެހެން ހޯދަން ޖެހޭ ވެންޓިލޭޓަރުތަކަށް ވާތީވެ، ވަގުތާއި ހާލަތަށް ބަލައި، ވެންޓިލޭޓަރުގެ މުހިންމުވެފައިލެއް ބޮޑުކަމުން ތަކެތި ނުލިބިއްޖެނަމަ އެތަށް ފުރާނައަށް ނުރައްކާވެދާނެކަމަށް ބަޔާންކޮށް ހުށަހަޅާފައިވާތީއެވެ،" ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ނިޝާނާ ވިދާޅުވިއެވެ.

ދުބާއީ ކުންފުންޏާ ވެންޓިލޭޓަރުތައް ގެނައުމަށް ބިޑްކޮމިޓީން ނިންމީ، މާލިއްޔަތު ގަވައިދާ އެއްގޮތަށް ބަޖެތްގައި ފައިސާ ހުރިތޯ ބެލުމަށްފަހު، މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށް ކަމަށް ބަޔާނުގައި ބުންޏެވެ.

ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަނާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އެންޓިކޮރަޕްޝަން ކޮމިޝަނާ ފުލުހުންގެ ގުޅިގެން ތަހުގީގެއް ހިންގުމަށް އެދިފައެވެ. އަދި އެ ތަހުގީގު ނިމެންދެން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ހުރިހާ މެމްބަރުނާއި މާލީ ޒިންމާދާރުވެރިޔާ އަހްމަދު އަސްލަމް ވަނީ ސަސްޕެންޑްކޮށްފައެވެ.

ބަޔާނުގައި ނިޝާމާ ވިދާޅުވީ، ތަހުގީގަށް އޭނާ ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ހަގީގަތް އޮޅޭ ގޮތަށް ވަކި ބަޔަކު ބަދުނާމުވާ ގޮތަށް ވާހަކަދައްކަމުން ދަނީ ތަހުގީގަށް ނުފޫޒު ފޯނުވުމުގެ ގޮތުން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި މި ތަހުގީގު ވަކި ބަޔަކަށް އަމާޒުކުރުމުގެ ބަދަލުގައި ހުރިހާ މަރުހަލާއެއްގައި ޝާމިލުވާ އެންމެން ހިމެނޭ ގޮތަށް ފުރިހަމަ ތަހުގީގެއް ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"މި މައްސަލައިގައި މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުން ބައިވެރިވުން އޮތް މިންވަރު އެކަނި ބެލުމުގެ ބަދަލުވައި، ހުރިހާ މަރުހަލާތަކެއްގައި މިކަމުގައި ބައިވެރިވި އެންމެގައި ފަރާތްތައް ޝާމިލުވާ ގޮތަށް މިކަން ހިންގާފައިވާ ގޮތުގެ ފުރިހަމަ ތަހުގީގެއް ކަމާ ގުޅުން ހުރި އިދާތާރަކުންކޮށް، ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ، މުހިންމުކަމެއް ކަމުގައި ދެކެމެވެ،" ބަޔާނުގައި ބުންނެވެ.

ނިޝާމާ ކޮރަޕްޝަންގެ ތުހުމަތުތައް ދޮގު ކުރެއްވިއިރު، ބިޑް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރުވެސް ވަނީ އެ ތުހުމަތުތަކާ ގުޅޭ ގޮތުން މީގެ ކުރިން ބަޔާނެއް ނެރުއްވާފައެވެ. އޭނާ ވިދާޅުވީ، ދުބާއީގެ ކުންފުންޏާ ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރަން ހިންގި މުއާމަލާތުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައި ވަނީ މިކަމުގައި އެންމެ ބޮޑު އިހުމާލެއް ވެފައި ވަނީ ނިޝާމާ ޗެއާ ކުރައްވާ ބިޑް ކޮމިޓީއާއި ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދަރުވެރިޔާ އަހްމަދު އަސްލަމް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓަރު އަމީން ވަނީ އަމިއްލަފުޅަށް މަގާމުން ވަގުތީ ގޮތުން ދުރަށް ވަޑައިގެންފައެވެ. އަދި ރައީސް ސޯލިހް ވަނީ އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން، ހައުސިން މިނިސްޓަރު އަހްމަދު އަސްލަމްއާ ހަވާލުކޮށްފަ އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ވެންޓިލޭޓަރު ގެނައުމަށް ޖުމްލަ 34.50 މިލިއަން ރުފިޔާއަށް ހަވާލުކުރި އިރު އެޑްވާންސްގެ ގޮތުގައި، މަސައްކަތުގެ 90 ޕަސެންޓަށްވާ ފައިސާ، 30.91 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ދީފަ އެވެ.

ހެލްތު މިނިސްޓްރީން ބުނާ ގޮތުނެ އެ ކުންފުންޏާ ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރީ، އެއީ ޑަބްލިއުއެޗްއޯގެ ލަފައަކަށް ކަމަށެވެ. އެހެން ނަމަވެސް، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ރާއްޖެ ގެނެސްފައިވަނީ ވެސް އޯޑަރު ކުރި ވެންޓިލޭޓަރު ތަކެއް ނޫން ކަމަށާއި އެއީ ފެންވަރު ދަށް އަދި ބޮޑު އަގުގައި ގެނެސްފައިވާ ވެންޓިލޭޓަރުތަކެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ.

comment ކޮމެންޓް