ޝިޕިން އެޖެންޓުންގެ ގޮތުގައި 21 ފަރާތެއް ރެޖިސްޓްރީ ކޮށްދީފި

އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ޝިޕިން އޭޖެންސީގެ ހިދުމަތް ދެވޭނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަމަށް ކަމަށް ބުނާ ގަވައިދުގެ ދަށުން މިހާތަނަށް 21 ފަރާތެއް ރެޖިސްޓްރީކޮށްދީފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފިއެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ފްރައިޓް ފޯވާޑިން ވިޔަފާރިތަކުން ހިންގަމުންދާ ކަންކަމާ ގުޅޭ ޝަކުވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަވާތީ އެކަންކަން ބަލައި ދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފޮނުއްވި ސިޓީއާ ގުޅިގެން ކަމާ ބެހޭ ފަރާތްތައް އިއްޔެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީ އަށް ވަނީ ހާޒިރުކޮށްފައެވެ.

އިއްޔެގެ ކޮމިޓީގައި ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނީ އިއްޔެެ އާއި ހަމައަށް 112 ފަރާތަކުން ޝިޕިން އެޖެންޓުންގެ ގޮތުގައި ރެޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝިޕިން އެޖެންޓުން ރެޖިސްޓްރީ ކުރުމާ ގުޅޭ ގަވައިދުގައި ބުނީ ޝިޕިން އޭޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަން ޖެހޭ އެންމެހައި ފައިސާ ދައްކަން ވާނީ ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވާޑަރު ކަމަށެވެ.

ކޮންސައިނީއަށް ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވާޑަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ކުރިން އެއްބަސްވެފައިވާ ފުރައިޓުގެ އިތުރަށް އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނަގައިގެން ނުވާނެ ކަަށް ގަވާއިދު ބުނެ އެވެ.

ނަމަވެސް ޝިޕިން ޑޮކިއުމަންޓަށް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ، އެކަމަށް ކުރިން ކަނޑައަޅައިފައިވާ އަގަކާއި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500 ރުފިޔާގެ ފީއެއް ނެގިދާނެ ކަމަށް ގަވާއިދު ބުނެ އެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާ އިން ޖޫރިމަނާކުރާނެ އެވެ. އަދި އެކަން ތަކުރާރު ނުކުރުމަށް ލިޔުމުން އަންގާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް