އޮސްޓްރޭލިއާއިން ކޮރޯނާވައިރަސް ވެކްސިން ޖެހުން މަޖުބޫރު ކުރާނެ ކަމަށް ބުނެ، ފަހުން ވާހަކަ ބަދަލުކޮށްފި

އޮސްޓްރޭލިއާއިން ވަނީ ކޮރޯނާވައިރަސް ވެކްސިން ޖެހުން މަޖުބޫރު ނުކުރާނެ ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

ކެންބެރާ (އޮގަސްޓު 20): އޮސްޓްރޭލިއާއިން ކޮރޯނާވައިރަސް ވެކްސިން ޖެހުން މަޖުބޫރު ކުރާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެ، އޭގެ ފަހުން ވާހަކަ ބަދަލު ކުރައްވައިފި އެވެ.

އޮސްޓްރޭލިއާ އިން ވެކްސިން ދިނުން މަޖުބޫރު ކުރާނެ ކަމަށް މޮރިސަން ވިދާޅުވީ، ކޮރޯނާވައިރަހަށް ވެކްސިނެއް ޓެސްޓު ކުރުމުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުނި ކަމަށްވާ އަސްޓްރާޒެނެކާއާ އެކު ސަރުކާރުން އެއްބަސްވުމެއް ހަދާފައިވާކަން އަންގާރަ ދުވަހު އިއުލާން ކުރެއްވުމަށް ފަހުގަ އެވެ. އެ އެއްބަސްވުމުގެ ދަށުން، އަސްޓްރާޒެނެކާގެ ވެކްސިން ކާމިޔާބުވެއްޖެ ނަމަ އޮސްޓްރޭލިއާއިން އެގައުމުގައި އެ ވެކްސިން އުފައްދާނެ އެވެ. އަދި އެގައުމުގެ ރައްޔިތުންނަށް ވެކްސިން ހިލޭ ލިބޭނެ ގޮތް ހަދާނެ އެވެ.

"އެ ވެކްސިން ޖެހުން މަޖުބޫރު ކުރެވޭނެ މިންވަރަކަށް މަޖުބޫރު ކުރާނެ ކަމަށް އަޅުގަނޑު ދެކެނީ. ނަމަވެސް ސިއްހީ ސަބަބުތަކާ ހެދި ކޮންމެ ވެކްސިނެއް ވެސް ނުދެވޭ ހާލަތެއް އަތުވެދާނެ،" މެލްބަންގެ ރޭޑިއޯ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި މޮރިސަން ވިދާޅުވި އެވެ.

ނަމަވެސް އޭގެ ފަހުން އެހެން ރޭޑިއޯ ސްޓޭޝަނަކާ ވާހަކަ ދައްކަވަމުން މޮރިސަން ވިދާޅުވި ގޮތުގައި އެގައުމުގެ ސަރުކާރުން އެއްވެސް މީހަކަށް ވެކްސިން ޖަހަން މަޖުބޫރެއް ނުކުރާނެ އެވެ.

"މަޖުބޫރީ ފިޔަވަޅެއްގެ ގޮތުގައި އެއްވެސް މީހަކު ލައްވާ އެއްވެސް މީހަކު ގަދަކަމުން ކަމެއް ނުކުރުވާނެ. ނަމަވެސް ވެކްސިން ޖެހުމަށް އަޅުގަނޑުމެން ޔަގީނުން ވެސް ހިތްވަރުދޭނަން،" މޮރިސަން ވިދާޅުވި އެވެ.

އާ ކޮރޯނަވައިރަހަށް ވެކްސިނެއް ލިބުމުން އޮސްޓްރޭލިއާއިން މަސައްކަތް ކުރާނީ އާބާދީގެ 95 ޕަސެންޓު މީހުންނަށް ވެކްސިން ދޭން ކަން މޮރިސަން ފާހަގަ ކުރެއްވި އެވެ.

އިނގިރޭސިވިލާތުގެ އަސްޓްރާޒެނެކާ އިން ވެކްސިން ޓެސްޓު ކުރަމުން ދަނީ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެންނެވެ. އަދި އެ ވެކްސިން ދިނުން ރައްކާތެރިކަމަށާއި އޭގެއިން ހަށިގަނޑުގައި ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތް ކުރާނެ އެންޓިބޮޑީތައް އުފެދޭ ކަމަށް މިހާތަނަށް ހެދި ޓެސްޓުތަކުން ވަނީ ދައްކާފަ އެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުގައި ފާއިތުވި މަސްތަކުގައި ވައިރަހުގެ ކޭސްތައް އިތުރުވުމާ ގުޅިގެން މިމަހުގެ ދޭއްގައި އެ ސްޓޭޓުން ފުރަބަންދުގެ ފިޔަވަޅުތައް އެޅި އެވެ. އަދި މިވަގުތު ބަލި ޖެހިފައިވާ 7،000 އަށް ވުރެ ގިނަ މީހުން ވިކްޓޯރިއާގައި ތިބި ނަމަވެސް، އެ ސްޓޭޓުން ކޮންމެ ދުވަހަކު އާ ކޭސްތައް ފެންނަ މިންވަރު ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އޮސްޓްރޭލިއާ އިން މިހާތަނަށް 23,993 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 450 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް