ފިލިޕީންސްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގުރޫޕެއްގެ ލީޑަރަކު މަރާލައިފި

ފިލިޕީންސްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާގެ މެމްބަރެއް ކަމަށްވާ ޒާރާ އަލްވަރޭޒް ވަނީ މަރާލާފަ -- ފޮޓޯ: އަލްޖަޒީރާ

މެނީލާ (އޮގަސްޓު 20): ފިލިޕީންސްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ކަރަޕަތަން ޖަމްއިއްޔާގެ ލީޑަރެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

ކަރަޕަތަން އިން ބުނި ގޮތުގައި އެ ޖަމްއިއްޔާގެ ކުރީގެ އެޑިއުކޭޝަން ޑިރެކްޓަރުގައި ގޮތުގައި ހުރި ޒާރާ އަލްވަރޭޒް މަރާލަފައި ވަނީ އޭނާ ދިރިއުޅޭ ބަކޮލޮޑް ސިޓީގައި ހޯމަ ދުވަހު އެވެ. އަދި އަލްވަރޭޒްގެ ގަޔަށް ބަޑި ޖެހީ އޭނާ ކާއެއްޗެއް ގަނެގެން ގެޔަށް ދިޔަ މަގުމަތީގަ އެވެ.

ފުލުހުން ބުނި ގޮތުގައި އަލްވަރޭޒްއަށް ހަމަލާ ދިން މީހާ ހިފަހަައްޓަން މަންޒަރު ދުށް މީހުން މަސައްކަތް ކުރި ނަމަވެސް އޭނާ ވަނީ ސައިކަލަަކަށް އަރައިގެން ފިލައިފަ އެވެ. އަދި އެ ހާދިސާ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކަރަޕަތަންއިން ބުނި ގޮތުގައި އަލްވަރޭޒްއަކީ 2016 ވަނަ އަހަރުގެ ފަހުން މަރާލާފައިވާ އެޖަމްއިއްޔާގެ 13 ވަނަ މެމްބަރެވެ. އެއީ ފިލިޕީންސްގެ ރައީސް ރޮޑްރީޑޯ ޑުޓާޓޭ ވެރިކަމަށް އިންތިހާބުވި އަހަރެވެ.

ކަރަޕަތަންގެ ގައުމީ ލީޑަރު ކްރިސްޓީނާ ޕަލަބޭ ވިދާޅުވި ގޮތުގައި އޭނާއަށް ގަބޫލު ކުރެވޭ ގޮތުގައި އަލްވަރޭޒް އާއި އަނެއް 12 މެމްބަރުންގެ ވެސް މަރުގެ ފަހަތުގައި ވަނީ ދައުލަތުގެ ފައުޖުތަކެވެ. އަދި ކޮރޯނާވައިރަހުގެ ސަބަބުން ފުރަބަންދުކޮށް، ސަލާމަތީ ކަންތައްތައް ވަރުގަދަ ކޮށްފައިވާ ސަރަހައްދެއްގައި، އަލްވަރޭޒްއަށް ހަމަލާ ދިން މީހާ ނުހުއްޓުވުނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ހުރިހާ ތަނެއް ފުރަަބަންދުކޮށްފައި ނޫންތޯ އޮތީ؟ އަދި ޗެކްޕޮއިންޓުތައް ހަދައިގެން ދައުލަތުގެ ފައުޖުތަކުން ދަނީ މަގުތަކުގައި ފާރަމަރަމުން. އެކަމަކު، [އަލްވަރޭޒް] މަރާލި މީހުންނަށް ބަންދުކޮށްފައި އޮތް ސަރަހައްދުތަކުން ދެވުނު،" ޕަަލަބޭ ވިދާޅުވި އެވެ.

ފިލިޕީންސްގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރި އެކްޓިވިސްޓަކު މަރާލާފައި ވަނީ އެގައުމުގެ އެންޓި-ޓެރާ ގާނޫނު ޑުޓާޓޭ ތަސްދީގު ކުރެއްވި ފަހުންނެވެ. އެ ގާނޫނުގެ ދަށުން އަމުރަކާ ނުލާ މީހުން ހައްޔަރު ކުރުމާއި ދައުވާއަކާ ނުލާ ޖަލުގައި މީހުން ބޭތިއްބޭނެ މުއްދަތު ވަނީ އިތުރުކޮށްފައި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

comment ކޮމެންޓް