ކަރެކްޝަންސްގެ ބަންދުގައި ތިބޭ މީހުންނާ ބައްދަލު ނުކުރެވޭތީ ވަކީލުންގެ ކަންބޮޑުވުން

މާލޭ ޖަލު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަރެކްޝަންސްގެ ބަންދުގައި ތިބޭ މީހުންނާ ވަކީލު ބައްދަލުވުން ނުބޭއްވޭތީ ގާނޫނީވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން "ސަން"އާ ވާހަކަދެއްކި ގާނޫނީ ވަކީލުން ވިދާޅުވި ގޮތުގައި މި މައްސަލަ ކުރިމަތިވާން ފެށީ ކޮވިޑް19 ޕެންޑެމިކްއާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކުރި ފަހުންނެވެ.

ގާނޫނީ ވަކީލު މުހައްމަދު ރާޣިބު އަހްމަދު ވިދާޅުވީ ބަންދުގައި ތިބޭ މީހުންނާ ވަކީލާ ސީދާ ބައްދަލުނުވެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި މި މައްސަލައާ ހުރެ ކޮވިޑްގެ ހާލަތު ކުރިމަތިވުމުގެ އެތައް މަސް ކުރިން ބަންދުކޮށްފައި ތިބި މީހުންނާ ވެސް ބައްދަލުނުވެ، އަޑުއެހުންތައް ދިގުލައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް މާދަމާ ޝަރީއަތެއް މިއޮތީ އެހެންވީމަ ވަކީލާ މުވައްކިލާ ބައްދަލުވާން އެބަޖެހޭ. އެ ދުވަހަކު ޝަރީއަތުގައި ދައްކަން ޖެހޭ ވާހަކައާ ގުޅިގެން އެކަމާ ބެހޭގޮތުން ވަކީލު، މުވައްކިލު ކައިރީގައި ކިހިނެއް ވީކަމެއްތޯ ސުވާލުކޮށްގެން، މައުލޫމާތު ސާފުކުރަން ކޮންމެ ގޮތެއް ވިޔަސް މަޖުބޫރުވާނެ ދިމާވާން،" ރާޣިބު ވިދާޅުވި އެވެ.

ސީދާ ޖަލަށް ގޮސް ވަކީލު ބައްދަލުވުން ބޭއްވުން މަނާކޮށްފައި އޮތް ނަމަވެސް، ފޯނުކޯލް މެދުވެރިކޮށް ބަންދުގައި ތިބޭ މީހުންނާއި ވަކީލުންނާ ގުޅޭނެ އިންތިޒާމު ކަރެކްޝަންސްއިން ވަނީ ހަމަޖައްސައިދީފަ އެވެ. އެހެން ނަމަވެސް ރާޣިބު ވިދާޅުވީ ވަކީލުންނަށް ފޯނުކޯލު ލިބުމުގައި ވެސް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ގިނަ ފަހަރު ފޯނުކޯލު ދޭން އޮންނަ ދުވަހު ފޯނު ކޯލު ކެންސަލްވުން ފަދަ ކަންތައްތައް ދިމާވާ ކަމަށާއި އަދި ބައެއް ފަހަރު ޖަލު އޮފިސަރުން ފޯނުކޯލު އަޑުއަހައި، ރިކޯޑުކުރާ ކަމަށް ވެސް ރާޣިބު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"ފޯނު ކޯލު ދީފައި ޖަލު އޮފިސަރުން ފޯނު ކޯލު އެބަ އަޑުއަހާ. ވަކީލާ މުވައްކިލާ ދައްކާ ވާހަކައިގެ ތެރޭގައި އެވާހަކަ އެމީހުންގެ މައުލޫމާތަށް ނަގައިގެން އަމަލުކުރަން ވެއްޖެނަމަ، އަނބިމީހާއާއި ފިރިމީހާއާ ދައްކާ ވާހަކަ ވެސް އަޑުއަހަން ޖެހޭނެތާ؟ މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް،" ރާޣިބު ވިދާޅުވި އެވެ.

ހަމައެއާއެކު މިހާރު ހެކި ބަސް ވެސް ނަގަމުންދަނީ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި މިކަމުގެ ސަބަބުން މައްސަލައަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ދައުލަތަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުން ބޭނުން ތަނެއްގައި ހެކިވެރިޔާ ބައިންދައިގެން އެމީހުން އޭނައަށް ކޮންމެފަދަ ނުފޫޒެއް ބޭނުންކޮށްގެން، ލަޓިބުރިއެއް ދިއްކޮށްގެން ހެކިބަސް ނެގިޔަސް، އަހަރެމެންނަށް ނޭނގޭނެ ވާނުވާއެއް. ހެކިބަސް ނެގެން ޖެހޭނީ ވަކީލާ ދައުވާ ލިބޭ ފަރާތުގެ ވެސް ހާޒިރުގައި. ދައުލަތުން އެބަހުރި މީގެ ކުރިން ވެސް ހެކިބަސް ނެގުމުގެ އެއްދުވަސް ކުރިން، އެމީހުންނަށް [ހެކިންނަށް] ބަޔާން ދައްކައި، ބަޔާން ފަރިތަކުރުވައިގެން އެމީހުންގެ ފަރާތުން ހެކިބަސް ހޯދާފައި،" ރާޣިބު ވިދާޅުވި އެވެ.

ގާނޫނީ ވަކީލު ޝަޒީމް ވަހީދު ވިދާޅުވީ ވަކީލު ބައްދަލުވުން ނުދީ މަޑުޖެއްސުމަކީ މައްސަލައިން ދިފާއުވާން ހުރަސް އެޅުން ކަމަށާއި މައްސަލައަކުން ދިފާއުވާން އޮންނަ ފުރުސަތު އެއްވެސް މިންވަރަކަށް ހަނި ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކުން ހާމަވާ ކަމަށެވެ.

"ސުޕްރީމް ކޯޓުން ނިންމާފައި އޮންނާނެ 2014ވަނަ އަހަރު 31ވަނަ ނަންބަރު ގަޒިއްޔާ [އަބްދުﷲ އުނައިސްގެ މައްސަލައިގައި] ޖިނާއީ އެއްވެސް މައްސަލައެއްގައި ދިފާއުވާން އޮންނަ ފުރުސަތު އެއްވެސް މިންވަރަކަށް ހަންޏެއް ނުކުރެވޭނޭ،" ޝަޒީމް ވިދާޅުވި އެވެ.

ޕޮލިސް ކަސްޓޯޑިއަލް ފެސިލިޓީތަކަށް ދިއުމުގައި ވަކީލުންނަށް ހުރަހެއް ނެތް

ކަރެކްޝަންސްއިން ބަންދުގައި ތިބި މީހުންނާ ވަކީލުންނާ ސީދާ ބައްދަލުވުމުގެ ފުރުސަތު ނުދިން ނަމަވެސް، ފުރަބަންދުގެ ހާލަތުގައި ވެސް ފުލުހުން ބަލަހައްޓާ މާލޭ ކަސްޓޯޑިއަލް އަދި ދޫނިދޫ ޖަލަށް ގޮސް ވަކީލު ބައްދަލުވުން ބޭއްވޭ ކަމަށް ރާޣިބު ވިދާޅުވި އެވެ.

ފުލުހުންގެ ތަހުގީގީ ޖަލު ހިންގާ ދޫނިދޫ-- ފޮޓޯ/ އޭޕީ

"މާފުށީ ޖަލުގައި އެ ތިބޭ މީހުން ފަސް، ހަ މަސް ވެގެންދަނީ، އަދިވެސް ބައްދަލެއް ނުވޭ. ކޮވިޑާ ގުޅިގެން ބައްދަލުވުން ހުއްޓުވާއިރު، ދޫނިދޫގައި ހުންނަ މީހާއަށް ބައްދަލުވެވޭ. ކަސްޓޯޑިއަލްގައި ހުންނަ މީހާއަށް ބައްދަލުވެވޭ. މާފުށީ ޖަލުގައި ނުވަތަ މާލޭ ޖަލުގައި ހުންނަ މީހާއަށް ކީއްވެހޭ ބައްދަލު ނުވާންވީ. މުއައްސަސާގެ ނަން ބަދަލުވުމަކީ ދޭން ޖެހޭ ހިދުމަތަކަށް ހުރަސް އެޅެން ޖެހޭ ކަމެއް ނޫން،" ރާޣިބު ވިދާޅުވި އެވެ.

ވަކީލުންނަށް ނުވަދެވޭއިރު، ކަރެކްޝަންސްގެ އޮފިސަރުން ޑިއުޓީ ނިންމާފައި ބޭރަށް!

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު "ސަން"އަށް ވިދާޅުވީ ޖަލަށް ޒިޔާރަތްކޮށްގެން ވަކީލު ބައްދަލުވުން ނުބޭއްވޭ ގޮތަށް ނިންމީ ބަންދުގައި ތިބޭ މީހުންނާއި ޖަލު އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި މި ނިންމުމާ މެދު ވަކީލުންގެ ފަރާތުން އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަން އަހްމަދު މުހައްމަދުފުޅު --- ފޮޓޯ/ ކަރެކްޝަންސް

"މިކަމަށް ތައްޔާރުވާން އަޅުގަނޑުމެން ކުރިއަށްގެންދިޔަ ކޮންސަލްޓޭޓިވް ޕްރޮސެސްއާއި އެޗްޕީއޭއާ ގުޅުންހުރި ދާއިރާތަކުގެ ލަފާގެ މަތިން އުސޫލެއް އެކުލަވާލީ. އަޅުގަނޑުމެން މި ބަލަހައްޓާ ޕޮޕިއުލޭޝަން [ޖަލުގައި ތިބި މީހުންގެ އަދަދު] މާބޮޑަށް ވެސް ބޮޑުވާނެ. ކަސްޓޯޑިއަލްގައި ނޭނގޭ ކޮންގޮތަކަށް ބައްލަވާފައި ކަމެއް ތަފާތު ދެ ގޮތަކަށް އެ ގެންގުޅުއްވަނީ. އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޖަލަށް ވަނުމުގެ މޫވްމަންޓް މަދުކޮށްލުމަށް މި ގޮތަށް ކަނޑައެޅީ،" އަހްމަދު ވިދާޅުވި އެވެ.

ވަކީލު ބައްދަލުވުން ބޭއްވުން ހުއްޓާލާފައި މިއޮތް ދަނޑިވަޅުގައި ވެސް ކަރެކްޝަންސްގެ އޮފިސަރުން ޖަލުގައި ޑިއުޓީ ކުރުމަށްފަހު ރަށުތެރެއަށް ނިކުމެއުޅެ އެވެ.

އެންމެ ފުރަތަމަ ފުރަބަންދަށް ދިޔައިރު ޖަލު އޮފިސަރުން ސްޓޭޝަންވެފައި ތިބީ ޑިއުޓީ އަދާކުރާ ތަނުގަ އެވެ. އަހްމަދު ވިދާޅުވީ ފުރަބަންދަށް ލުއިދިން ފަހުން ޑިއުޓީ ނިންމާފައި ބޭރަށް ނިކުމެވުނު ނަމަވެސް އޮފިސަރުން ޖަލަށް ވަންނައިރު ސްކޭން ކުރުން ފަދަ ކަންކަން ކުރާ ކަމަށެވެ.

"އެ ޕީރިއަޑްގައި [ފުރަބަންދު ފެށިގެން ލުއިދިނުމުގެ ކުރިން] އޮފިސަރުން ސްޓޭޝަންކޮށްގެން ގެންގުޅުނީ. މިހާރު މި ބަލަހައްޓަނީ އިންޓާނަލީ އަޅާފައިހުރި ފިޔަވަޅުތަކުގެ ތެރެއިން. ސްކޭންތަކާ އެ ހުރިހާ ކަމެއް ކޮށްގެން ބަލަހައްޓަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

މައްސަލަތައް ދިގުލައިގެން ގޮސް އާއިލާތަކުގެ ކަންބޮޑުވުން އިންތިހާއަށް

މައްސަލަ ކުރިއަށް ނުހިނގައިގެން އެތައް މަސްތަކެއް ވަންދެން ބަންދުގައި ހުރި މީހެއްގެ އާއިލާއިން "ސަން"އާ ވާހަކަ ދައްކަމުން ބުނީ، އޭނާ (ބަންދުގައި ހުރި މީހާ)ގެ މައްސަލަ ބަލަން ކަމަށް ބުނެ ރަށުން އޭނާ ހައްޔަރުކޮށްގެން ގެނައިފަހުން މިހާރު އަށް މަސް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ މައްސަލައިގެ އަޑުއެހުމެއް ނުބޭއްވި، މައްސަލަ ދިގުލައިގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ލޯޔަރަކާ ބައްދަލެއް ނުވޭ. ކޮވިޑްވީމައޭ ކިޔާފައި މައްސަލަ ނުބެލޭ. ބަންދުގައި ހުރި ފަހުން އެއްފަހަރު ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުމެއް ބާއްވަން އުޅުނު. އެދުވަހު ވެސް ކަނެކްޝަން ސަކަރާތްވެ، އަޑުއެހުން ކުރިއަށް ނުގެންދެވުނު ވާހަކަ [ބަންދުގައި ހުރި މީހާ] ގުޅާފައި ބުނި. އަނެއް ފަހަރު ގާޒީ ހާޒިރު ނުވެގެން އަޑުއެހުމެއް ނުބޭއްވުނު،" އޭނާ ބުންޏެވެ.

މި މައްސަލައަށް ވީހާވެސް އަވަސް ހައްލެއް ހޯދައިދިނުމަށް އާއިލާތަކުގެ އިތުރުން ދިފާއީ ވަކީލުން ވަނީ ގޮވާލާފަ އެވެ.

comment ކޮމެންޓް