ފާޑުކިޔުންތަކަށް ޔައުގޫބު: ވަގުން ހިފާނަން، މިކުރަނީ އެކަން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ، މަޖިލިސް އިންތިހާބުގެ ކުރިން ބޭއްވި ކެންޑިޑޭޓުންގެ ބަހުސްގައި އޭނާ އަކީ އޮޑިޓަރެއް ކަމަށާއި، މަޖިލީހަށް ކުރިމަތިލެއްވީ ވަގުން ހިފާނެގޮތް އެނގިހުރެ، ވަގުން ހިފުމަށް ކަމަށް ވިދާޅުވި ވާހަކައަށް ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ދަނިކޮށް އެ ވާހަކަތަކަށް އޭނާ ރައްދު ދެއްވައިފި އެވެ.

ޔައުގޫބު އަތުލިޔުމުން ލިޔުއްވާ ޓްވިޓާ އަށް ދޫކޮށްލެއްވި ނޯޓުގައި ވިދާޅުވީ އޭނާ އަކީ އޮޑިޓަރެއް ކަމަށާއި ވަގުން ހިފާނެ ކަމަށެވެ.

"މި ކުރަނީ އެކަން. އަދިވެސް މި ކުރަނީ އެކަން. ދެންވެސް އެކަން ކުރާނަން،" ހުވަދޫ ބަހުން ލިޔުއްވި ލިޔުމުގައި ޔައުގޫބު ވިދާޅުވި އެވެ.

ޔައުގޫބު ވިދާޅުވީ ބިރުގަނެ ފަހަތަށް ނުޖެހޭނެ ކަމަށާއި އޭނާ އަށް އެނގިގެން ވައްކަން ކުރިޔަ ނުދޭނެ ކަމަށެވެ.

ޔައުގޫބަށް ފާޑުކިޔަން ފަށާފައިވަނީ ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އިން ކުރި ހަރަދުތަކުގެ އޮޑިޓުން ހިޔާނާތުގެ އެތައް ކަމެއް ފާހަގަވުމުންނެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއަށް 145 ވެންޓިލޭޓަރު ގެންނަން ތިން ކުންފުންޏަކާ ހަވާލުކުރި އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކޮރަޕްޝަނެއް ހިންގާފައިވަނީ 75 ވެންޓިލޭޓަރު ގެންނަން ދުބާއި ކުންފުންޏަކާ ހަވާލުކުރުމުގެ ކަންތަކުގަ އެވެ.

ހެލްތު މިނިސްޓްރީން ބުނާ ގޮތުން އެ ކުންފުންޏާ ވެންޓިލޭޓަރު ގެންނަން ހަވާލު ކުރީ، ޑަބްލިއުއެޗްއޯގެ ލަފާގެ މަތިންނެވެ. އެހެން ނަމަވެސް، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ރާއްޖެ ގެނެސްފައިވަނީ ވެސް އޯޑަރު ކުރި ވެންޓިލޭޓަރު ތަކެއް ނޫން ކަމަށާއި އެއީ ފެންވަރު ދަށް އަދި ބޮޑު އަގުގައި ގެނެސްފައިވާ ވެންޓިލޭޓަރުތަކެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެމްޑީޕީ ޓިކެޓްގައި ޔައުގޫބު، މަޖިލީހަށް ވަޑައިގަތީ ވަގުން ހިފާނެ ކަމަށް ވިދާޅުވެ ނަމަވެސް، އޭނާ ތަމްސީލު ކުރައްވާ ޕާޓީއިން ވެރިކަންް ކުރާ މައި ޕާޓީގެ ގޮތުގައި އޮއްވައި ސަރުކާރުގެ ތެރެއިން ހިންގި ވައްކަންތަކާ ގުޅިގެން އެމްޑީޕީއަށާއި ސަރުކާރަށް އަންނަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

comment ކޮމެންޓް