ޔާމީންގެ ވަކީލުން ނޫން މީހުންނަށް އިތުރު ހުއްދައެއް ނުނަގާ ގައިދީންނާ ބައްދަލުވޭ

ރައީސް ޔާމީންގެ ވަކީލުން މިއަދު މާފުއްޓަށް ވަޑައިގަތުމަށް ލޯންޗެއްގައި -- ފޮޓޯ/ ޑރ. މުހައްމަދު ޖަމީލް އަހުމަދު (ޓްވިޓާ)

ކ. މާފުށީ ޖަލުގައި ތިބި އެހެން ގައިދީންގެ ވަކީލުންނަށް އިތުރު ހުއްދައެއް ނެގުމަކާ ނުލާ ގައިދީންނާ ބައްދަލުކުރުމުގެ ފުރުސަތު ދީފައިވާ ކަމަށާއި ތަފާތު ުރަނީ ރައީސް އަބްދުﷲ ޔާމީންއާ މެދުގައި ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ކ. މާފުއްޓަށް އެރުމުގެ ކުރިން، ކައުންސިލުން ނަގަން ޖެހޭ ހުއްދަތައް ނަގާފައި ނުވާތީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުވެވަޑައިގެންނެވޭ ގޮތް ވަނީ ނުވެފަ އެވެ.

ރައީސް ޔާމީންއާ ސީދާ ބައްދަލުވަޑައިނުގެންނެވޭ ކަމުގެ ޝަކުވާ އެމަނިކުފާނުގެ ވަކީލުން ކުރައްވަމުން ދަނިކޮށް، މި މަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ވަކީލުންނާ ބައްދަލުކުރެއްވުމުގެ އަމުރެއް ނެރޭނެ ކަމަށް ބުނެފަ އެވެ.

ޖެހިގެން އައި ދުވަހު ކަރެކްޝަންސްއިން ވަނީ ރައީސް ޔާމީނާ ބައްދަލުކުރަން މާފުށީ ޖަލަށް ވަޑައިގަތުމުގެ ހުއްދަ ވަކީލުންނަށް ދީފަ އެވެ.

ނަމަވެސް ވަކީލުންގެ ޓީމު މާފުށްޓަށް ވަޑައިގަތުމުން، މާފުށީ ޕޮލިސް ސްޓޭޝަނުން އެބޭފުޅުންނަށް ގުޅައި، ހުއްދަ ނުހޯދައި އެ ބޭފުޅުންނަށް ރަށަށް ވަޑައިގަންނަވާ ކަމަށް ބުނެ މާފުށީ ކައުންސިލުން އެ ސްޓޭޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ބުނި ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19އާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާއިރު، އެ ރަށެއްގެ ކައުންސިލުން ހުއްދައެއް ހޯދަން ޖެހެ އެވެ. ރަށުގެ މަސްލަހަތު އޮތް ގޮތުން ހުއްދަ ނަންގަވައިގެން ނޫނީ މާފުއްޓަށް ނޭރުމަށް ފުލުހުން އެދުނު ކަމަށް ވަކީލުން ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ހަމަ އެ ދުވަހު، މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލުގައި ބަންދުކޮށްފައި ހުރި މީހަކާ ބައްދަލުކުރުމުގެ ފުރުސަތު އެހެން ވަކީލަކަށް ދީފައިވާކަން "ސަން" އަށް ވެސް ވަނީ ކަށަވަރުވެފަ އެވެ.

އެކަން ކަށަވަރުކޮށްދެއްވަމުން ގާނޫނީ ވަކީލު ޝަޒީމް ވަހީދު "ސަން" އަށް ވިދާޅުވީ، ޖަލުގައި އޮތް ބައްދަލުވުމަކަށް އޭނާ ވަޑައިގަތީ ފުލުހުންނާ އެކުގައި ކަމަށާއި އިތުރު ހުއްދައެއް ނަގަން ނުބުނާ ކަމަށެވެ.

"އަޅުގަނޑުގެ މުވައްކިލާ ބައްދަލުވުން އިނީ އިއްޔެ ހެނދުނު 10 ޖެހިއިރު ދިޔައީ ފުލުހުންނާއެކު، ކަރެކްޝަން އިން މުވައްކިލުވެސް ހާޒިރުކުރި، ދެން ބައްދަލުވުން ވެސް ލިބުނު، ބަޔާނުގައި ސޮއިވެސް ކޮށް ނިންމާފައި މާލެއަށް އައީ ފުލުހުންނާއެކު. އެއްވެސް ހުރަހެއް ވެސް ނާޅަ، ބައްދަލުވުން ލިބުނު،" ވަކީލު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވަކީލުން މާފުށްޓަށް ވަޑައިގަތީ އެ ދުވަހު ގެ މެންދުރުއެވެ. އަދި ރައީސް ޔާމީންގެ ވަކީލުންނަށް ބައްދަލުވުން ނުދިން ހަބަރު ލިބުނީ ޕޮލިސް ސްޓޭޝަންގައި ހުންނަވަނިކޮށް ކަމަށް ވެސް ޝަޒީމް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އާދަމް އާސިފް ވިދާޅުވީ ވަކީލު ބައްދަލުވުން ހަމަޖެހިފައިވާ ކަމަށް ބުނެ ކަރެކްޝަންސް އިން އެންގުމުން ވަކީލުން އެ ރަށަށް ވަޑައިގަތީ، މާފުށްޓަށް ދާން ދެ ގަޑިއިރަށް ވުމުން ގުޅަން ބުނި ނަންބަރަށް ވެސް ގުޅުމަށް ފަހުގައި ކަމަށެވެ.

އެހެން ނަމަވެސް އިތުރު އެއްވެސް ތަނަކުން ހުއްދަ ހޯދަން ޖެހޭ ކަމަށް ކަރެކްޝަންސް އިން ބުނެފައި ނުވާކަމަށެވެ.

"މި ބުނާ ވަކީލު [ޝަޒީމް] ވެސް ހަމަ އެ ދުވަހު ހެނދުނު މި ދިޔައީ ޖަލުގައި އޮތް ބައްދަލުވުމަކަށް. ވަކި ހާއްސަ ހުއްދަތަކެއް ނަގައިގެން، ލިޔުމުން ހުއްދަ ހޯދައިގެނެއް ނޫން ދިޔައީ. އޭނަ ވެސް ރަށު ތެރޭގައި އާންމުންނާ ބައްދަލު ކުރީކީއެއް ނޫން. ހަމަ ގޮސް ދިޔަ ކަންތައް ނިންމާލާފަ އައީ،" އާސިފް ވިދާޅުވި އެވެ.

އެހެންކަމުން ވަކި މީހަކަށް ވަކި ގޮތެއް ހޯމް މިނިސްޓްރީން ހަދަމުން އަންނަ ސަބަބު އޮޅުންނުފިލާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ވަކީލުން "ގަނަތަޅުވަން" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރައްވާ ކަމެއް ކަމަށް ވެސް އާސިފް ތުހުމަތު ކުރެއްވި އެވެ.

އާސިފް ވަނީ ރައީސް ޔާމީންގެ ވަކީލުންނާ އެމަނިކުފާނާ ސީދާ ބައްދަލުވެ، މަޝްވަރާކުރެވޭނެ ފުރުސަތު ނުދީ ޝަރީއަތް ކުރިއަށް ގެންދަން މިނިސްޓަރު މަސައްކަތް ކުރައްވަނީ ކަމަށް ވެސް ތުހުމަތު ކުރައްވައިފަ އެވެ.

"އެހެންކަމުން ރައީސް ޔާމީންއާ އަޅުގަނޑުމެންނާ ބައްދަލުވެގެން މަޝްވަރާކުރިޔަ ނުދޭން ވެގެން އިމްރާން އުޅޭ އުޅުމެއް މިއީ. ޖެއްސުން ކުރަނީ ހަމަ. ޒާތީ ހަސަދައެއް މީ،" އޭނަ ވިދާޅުވި އެވެ.

ރައީސް ޔާމީންއާ އެމަނިކުފާނުގެ ވަކީލުންނަށް ބައްދަލުނުކުރެވޭތީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުންތައް ފަސް ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް