މާލީގެ ސަރުކާރާ ދެކޮޅަށް ސިފައިން ތެދުވުމުން ރައީސް އިސްތިއުފާ ދެއްވައިފި

މާލީގެ ރައީސް އިބްރާހިމް ބޫބަކާރު ކެއިޓާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ -- ފޮޓޯ: ރޮއިޓާސް

ބަމަކޯ (އޮގަސްޓު 19): މާލީގެ ސިފައިން ސަރުކާރާ ދެކޮޅަށް ތެދުވުމާ ގުޅިގެން އެގައުމުގެ ރައީސް އިބްރާހިމް ބޫބަކާރު ކެއިޓާ މަގާމުން އިސްތިއުފާ ދެއްވާ، ޕާލިމެންޓު އުވާލައްވައިފި އެވެ.

ރައީސް ކެއިޓާ މަގާމުން އިސްތިއުފާ ދެއްވިކަން ރޭ ދަންވަރު އިއުލާން ކުރެއްވީ ދައުލަތުގެ މީޑިއާ އޯއާރުޓީއެމް މެދުވެރިކޮށެވެ. އޭނާ ވިދާޅުވި ގޮތުގައި މަގާމު ދޫކޮށްލައްވަން ނިންމެވީ "ލޭ އޮހޮރުވުމެއް" ހިނގާފާނެތީ އެވެ.

"އަޅުގަނޑު ވެރިކަމުގައި ބެހެއްޓުމަށް ޓަކައި އެއްވެސް ވަރަކަށް ލޭ އޮހޮރުވަން ބޭނުމެއް ނޫން. އަޅުގަނޑު ވަނީ ރައީސްކަމުން އިސްތިއުފާ ދޭން ނިންމާފައި،" ކެއިޓާ ވިދާޅުވި އެވެ.

މާލީގައި އިއްޔެ ސިފައިން ސަރުކާރާ ދެކޮޅަށް ތެދުވީ ވެރިރަށް ބަމަކޯއާ 15 ކިލޯމީޓަރު ދުރުގައި އޮންނަ އަސްކަރީ މަރުކަޒަކުންނެވެ. އަދި ފަހުން ސިފައިން އެ ކޭމްޕުގެ އާމަރީން ހަތިޔާރު ނަގައިގެން، ބަމަކޯގައި ރައީސް ދިރިއުޅެއްވާ ގެކޮޅަށް ގޮސް، ކެއިޓާ އާއި ބޮޑުވަޒީރު ބޫބޫ ސީސޭ ހައްޔަރު ކުރި އެވެ.

މާލީގެ ސިފައިން އިއްޔެ ވަނީ ސަރުކާރާ ދެކޮޅަށް ތެދުވެފައި -- ފޮޓޯ: އީޕީއޭ

މާލީގައި ސަރުކާރާ ދެކޮޅަށް ތެދުވެފައި ވަނީ ކިތައް ސިފައިން ކަމެއް އަދި ސާފުވެފައެއް ނުވެ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ސިފައިން ނުރުހުން ފާޅު ކުރަން ފެށީ އެ މީހުންގެ މުސާރައާ ބެހޭ ދެބަސްވުމަކާ ގުޅިގެންނެވެ. އަދި އިސްލާމިކް ސްޓޭޓައި އަލްގައިދާއާ ގުޅުން ހުރި ޖަމާއަތްތަކުން ސިފައިންނަށް ލިބެމުންދާ ގެއްލުންތައް ވެސް އޭގެ ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.

ކެއިޓާ އިސްތިއުފާ ދެއްވާފައި ވަނީ އޭނާގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވާތާ މަސްތަކެއްވީ ފަހުންނެވެ. އެގޮތުން މިދިޔަ ޖޫން މަހު އެގައުމުގައި މުޒާހަރާތައް ފެށުނީ މާޗް މަހު އެގައުމުގައި ބޭއްވި ޕާލިމެންޓް އިންތިހާބުގެ 30 ގޮނޑިއެއްގެ ނަތީޖާ ދުސްތޫރީ ކޯޓުން ބާތިލު ކުރި ފަހުންނެވެ. އެ އިންތިހާބުން ފުރަތަމަވެސް ގިނަ ގޮނޑިތައް ކާމިޔާބު ކުރީ ވެރިކަން ކުރާ ޕާޓީންނެވެ. އަދި ކޯޓުގެ ނިންމުމުގެ ސަބަބުން ވެރިކަން ކުރާ ޕާޓީއަށް އިތުރު ގޮނޑިތައް ލިބުމަށް މަގުފަހިވި އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ކެއިޓާ މާލީގެ ވެރިކަމަށް ފުރަތަމަ ވަޑައިގެންނެވީ އޭރު ބޭއްވި ރިޔާސީ އިންތިހާބުން 77 ޕަސެންޓު ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ނަމަވެސް ކެއިޓާގެ ވެރިކަމުގައި ގައުމުގެ އިގުތިސާދީ އަދި ސަލާމަތީ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ގިނަ އަދަދެއްގެ މީހުން ދެކެން ފެށުމުން ފާއިތުވި އަހަރުތަކުގައި އޭނާގެ މަގުބޫލުކަން ވަނީ ދަށަށް ގޮސްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް