ހަރީރީ އަވަހާރަކޮށްލުމުގައި ހިޒްބުﷲގެ މެމްބަރަކު ބައިވެރިވިކަން ސާބިތުވެއްޖެ

ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީކް ހަރީރީ އަވަހާރަކޮށްލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން -- ފޮޓޯ: އޭޕީ

އެމްސްޓާޑަމް (އޮގަސްޓު 19): ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީކް އަލް ހަރީރީ އަވަހާރަށްކޮލުމުގައި އެގައުމުގެ ހިޒްބުﷲ ޖަމާއަތުގެ މެމްބަރަކު ބައިވެރިވިކަން އެ މައްސަލަ ބަލާ ބައިނަލްއަގުވާމީ ކޯޓެއްގައި ސާބިތުވެއްޖެ އެވެ.

ނެދަލޭންޑްސްގައި ހުރި ސްޕެޝަލް ޓްރައިބިއުނަލް ފޯ ލެބަނަން (އެސްޓީއެލް) އިން އިއްޔެ ބުނި ގޮތުގައި ސާލިމް އައްޔާޝް ކިޔާ މީހެއްގެ މައްޗަށް ވަނީ ހަރީރީގެ މަރާ ގުޅުން ހުރި ފަސް ދައުވާއެއް ސާބިތުވެފަ އެވެ. އޭގެ ތެރޭގައި، ގޮވާ އެއްޗަކުން ހަރީރީ އަވަހާރަކޮށްލަން ރޭވުން ހިމެނެ އެވެ.

އެ މައްސަލާގައި އިތުރު ހަަތަރު މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. އޭގެ ތެރޭގައި ހިޒްބުﷲގެ އަސްކަރީ ކޮމާންޑަރެއް ކަމަށްވާ މުސްތަފާ ބަދުރުއްދީން ހިމެނުނެވެ. ނަމަވެސް 2016 ވަނަ އަހަރު އޭނާ ވަނީ ސީރިއާގައި މަރުވެފަ އެވެ. އަދި އިއްޔެ ކޯޓުން ނިންމީ ބާކީ ތިން މީހުންގެ މައްޗަށް ދައުވާތައް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށެވެ.

އެ ހަތަރު މީހުން ހައްޔަރު ކުރަން މީގެ ކުރިން ބައިނަލްއަގުވާމީ އަމުރު ނެރެފައި އޮތް ނަމަވެސް އެ މަސައްކަތް ކާމިޔާބުވެފައި ނުވާތީ ޝަރީއަތް ކުރިއަށްގެންދިޔައީ އެމީހުންގެ ޣައިރު ހާޒިރުގަ އެވެ. އަދި އައްޔާޝްގެ މައްޗަށް ހުކުމެއް ކުރި ނަމަވެސް އެ ހުކުމް ތަންފީޒު ކުރުމުގެ ފުރުސަތު ކުޑަ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ހަރީރީ އަވަހާރަކޮށްލީ 14 ފެބްރުއަރީ 2005ގައި އޭނާގެ މޮޓޯކޭޑު ބޭރޫތުން ދަތުރު ކުރަމުން ދަނިކޮށް ޓްރަކެއް ގޮއްވާލައިގެންނެވެ. އެ ހާދިސާގާއި އިތުރު 21 މީހަކު މަރުވެ، 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

ހަރީރީ އަކީ ލުބުނާނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސުންނީ ސިޔާސީ ލީޑަރެވެ. އަދި އޭނާ އަވަހާރަކޮށްލި ދުވަސްވަރު އޭނާ ގެންދެވީ، 1975 އިން 1990އާ ޖެހެންދެން އެގައުމުގައި ކުރިއަށް ދިޔަ ދާހިލީ ހަނގުރާމައިގެ ތެރޭގައި އެގައުމަށް ދިޔަ ސީރިއާގެ ފައުޖުތައް އަނބުރާ ފޮނުވާލުމަށް ގޮވާލައްވަމުންނެވެ.

އެހެންކަމުން ހަރީރީ އަވަހާރަކޮށްލީ ސީރިއާއިން ކަމަށް އެދުވަސްވަރު ބައެއް މީހުން ތުހުމަތު ކުރި އެވެ. އަދި އޭގެ ސަބަބުން ކުރިއަށްގެންދިޔަ މުޒާހަރާތަކާ ގުޅިގެން ސީރިއާގެ ފައުޖުތަކަށް ލުބުނާނުން ފައިބަން މަޖުބޫރުވި އެވެ.

ނަމަވެސް އިއްޔެގެ ޝަރީއަތުގައި އެސްޓީއެލްއިން ބުނީ ހަރީރީ އަވަހާރަކޮށްލުމުގައި ސީރިއާގެ ސަރުކާރާއި ހިޒްބުﷲ ޖަމާއަތުގެ އިސް ވެރިން ބައިވެރިވި ކަމުގެ ހެއްކެއް ނެތް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް