ހެލްތުގެ އޮޑިޓުން މިނިސްޓަރު އަމީރު ގޯހެއް ހެދިކަމަށް ނުދައްކާ: ޒިޔަތު

ޒިޔާތާއި އަމީރު: ޒިޔާތު ވިދާޅުވީ، އަމީރު ގޯހެއް ހެއްދެވިކަން ހެލްްތްގެ އޮޑިޓުން ނުދައްކާ ކަމަށް

ކޮވިޑް19އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކާ ގުޅޭ ގޮތުން ކުރި އޮޑިޓުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގޯހެއް ހެދިކަމެއް ނުދައްކާ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ކޮވިޑް19އަށް ކުރި ހަރަދުތަކުގައި ބޮޑެތި މަކަރާއި ހީލަތްތައް ހަދާފައިވާކަން ވަނީ ފެންމަތިކޮށްފައެވެ. އަދި ޖަރީމާ ހިންގުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައިވެރިވެފައި އޮންނާނެކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުގޫބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޮޑިޓާ ޖެނެރަލް ޒިޔަތު ވިދާޅުވީ، ހެލްތު މިނިސްޓްރީގެ އޮޑިޓްގައި ކޮރަޕްޝަންގެ ކަންތައް ހިންގުމުގައި އަމީރު ބައިވެރިވެފައި އޮތްކަން އެނގެން ނެތް ކަމަށެވެ.

"ލިޔެކިޔުމުން ފެންނަނީ އަދި [ފިނޭންސް މިނިސްޓްރީން ހެލްތު މިނިސްޓްރީއަށް ފޮނުވި] ސިޓީގައިވެސް ހުއްދަ ދީފައި މިއޮތީ ގަވައިދުގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް އެކަންކަން ކުރުމަށް. އެހެންވީމަ މީގަ ފިނޭންސް މިނިސްޓަރު ގޯހެއް ހެއްދެވިކަން މި އޮޑިޓުން ފާހަގަ ނުކުރެވޭ،" ޒިޔަތު ވިދާޅުވިއެވެ.

އެ އޮޑިޓަކީ ފިނޭންސް މިނިސްޓްރީގެ އޮޑިޓެއްވެސް ނޫން ކަމަށާއި އެއީ ހެލްތު މިނިސްޓްރީގެ އޮޑިޓެއްކަންވެސް ޒިޔަތު ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެހެން މިނިސްޓްރީތަކުން ހަދާ ކޮންމެ ޕޭމަންޓަކީ ފިނޭންސް މިނިސްޓްރީން ބަލައި އެޕްރޫވް ކުރަން އޮންނަ ޕޭމަންޓެއް ނޫން ކަމަށާއި، އެކަމުގައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ އެ މިިސްޓްރީއެއްގެ މާލީ ޒިންމާދާރު ވެރިއެއްކަމަށެވެ.

"ފަހަރެއްގެ ސުވާލު އެފެދިދާނެ މިފަދަ ބޮޑު އަދަދެއް ދާ އިރު، އެޑްވާންސް ޕޭމަންޓް އެޕްރޫވް ކުރާއިރު، ކޮބާތޯ ފިނޭންސް މިނިސްޓްރީގެ ޒިންމާއަކަށް ވަނީ. މާލިއްޔަތު ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓަރަށް އިހްތިޔާރު ލިބިގެންވޭ، ހާލަތަށް ބަލައި، މިސާލަކަށް މިފަދަ ގައުމީ ކާރިސާއެއްގައި، އެޕްރޫވް ކުރަން،" ޒިޔަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ ބާރެއް ފިނޭންސް މިނިސްޓަރަށް ލިބުނު ނަމަވެސް ލިޔެކިޔުންތަކުން ދައްކާ ގޮތުން އެ ހުއްދަ ދީފައިވަނީ ގަވައިދާ އެއްގޮތަށް ކަން ކުރުމަށްކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެެ.

ޒިޔަތު ވިދާޅުވީ، މި ކޮރަޕްޝަން ހިންގުމަށް މަގު ފަހިވުމުގައި އެންމެ ބޮޑު އިހުމާލެއްވެފައި ވަނީ، ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ އަހްމަދު އަސްލަމްއާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީން ކަމަށެވެ.

https://sun.mv/141785

ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ޖުމްލަ 34.50 މިލިއަން ރުފިޔާއަށް ހަވާލުކުރި އިރު އެޑްވާންސްގެ ގޮތުގައި، މަސައްކަތުގެ 90 ޕަސެންޓަށްވާ ފައިސާ، 30.91 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ދީފަ އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އޮޑިޓް ޑިރެކްޓަރު އިބްރާޙިމް ފަޒީލު ވިދާޅުވީ، އެޑްވާންސްގެ ފައިސާ އެންމެ ފުރަތަމަ ޖާމާކުރަން ހެލްތް މިނިސްޓްރީން މަސައްކަތް ކުރީ އަމިއްލަ ފަރާތެއްގެ އެކައުންޓަކަށް ކަމަށެވެ. އެހެން ނަމަވެސް އެކަން ހުއްޓުވީ، ފިނޭންސް މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަހުން އެ ފައިސާ ޖަމާކޮށްފައިވަނީ، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ނަމުގައިވާ އެކައުންޓަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް 145 ވެންޓިލޭޓަރު ގެންނަން ތިން ކުންފުންޏަކާ ހަވާލުކުރިއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކޮރަޕްޝަނެއް ހިންގާފައިވަނީ 75 ވެންޓިލޭޓަރު ގެންނަން ހަވާލު ކުރި ދުބާއި ކުންފުންޏާއެވެ. ހެލްތު މިނިސްޓްރީން ބުނާ ގޮތުނެ އެ ކުންފުންޏާ ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރީ، އެއީ ޑަބްލިއުއެޗްއޯގެ ލަފައަކަށް ކަމަށެވެ. އެހެން ނަމަވެސް، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ރާއްޖެ ގެނެސްފައިވަނީ ވެސް އޯޑަރު ކުރި ވެންޓިލޭޓަރު ތަކެއް ނޫން ކަމަށާއި އެއީ ފެންވަރު ދަށް އަދި ބޮޑު އަގުގައި ގެނެސްފައިވާ ވެންޓިލޭޓަރުތަކެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް