ވެންޓިލޭޓަރުގެ ފައިސާ އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން އުޅުނު: އޮޑިޓް އޮފީސް

އޮޑިޓާ ޖެނެރަލް ޒިޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ދުބާއީ ކުންފުންޏަކާ ރާއްޖެ ގެނައުމަށް ހަވާލު ކުރި 75 ވެންޓިލޭޓަރަށް އެޑްވާންސްކޮށް ދެއްކި ފައިސާ އެންމެ ފުރަތަމަ ޖަމާ ކުރަން ހެލްތް މިނިސްޓްރީއިން މަސައްކަތް ކުރީ އަމިއްލަ މީހެއްގެ އެކައުންޓަކަށް ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ޖުމްލަ 34.50 މިލިއަން ރުފިޔާއަށް ހަވާލުކުރި އިރު އެޑްވާންސްގެ ގޮތުގައި، މަސައްކަތުގެ 90 ޕަސެންޓަށްވާ ފައިސާ، 30.91 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ދީފަ އެވެ.

ހެލްތް މިނިސްޓްރީއިން ކުރި ކޮވިޑް-19ގެ ހަރަދުތަކާ ގުޅޭ ކޮމްޕްލަޔަސް އޮޑިޓް ރިޕޯޓު ހުށަހެޅުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޮޑިޓާ ޖެނެރަލް އާއި އެ އޮފީހުގެ އިސްވެރިން ވަޑައިގެންނެވި އެވެ.

ކޮމިޓީގައި ފެލިދޫ ދާއިރާ މެމްބަރު އިބްރާޙިމް ފަޒުލު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޮޑިޓް އޮފީހުގެ ޑިރެކްޓާ އިބްރާޙިމް ފަޒީލު ވިދާޅުވީ، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތަކަށް ދައްކަން ޖެހޭ ފައިސާ އެންމެ ފުރަތަމަ ޖަމާކުރަން މަސައްކަތް ކުރީ އަމިއްލަ މީހެއްގެ އެކައުންޓަކަަށް ކަމަށެވެ. އެ ފައިސާ އަމިއްލަ ފަރާތެއްގެ އެކައުންޓަށް ޖަމާ ކުރުމަށް ހެލްތް މިނިސްޓްރީން ވެސް މަސައްކަތްކޮށްފައިވާ ކަން ލިޔެކިޔުންތަކުން ފެންނަ އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ހުއްޓުވީ، ފިނޭސް މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިނީޝަލީ [ފުރަތަމަ] އެބައިން ކޮމިއުނިކޭޝަންތަކެއް ހިނގިކަމަށް، އަމިއްލަ މީހެއްގެ ބޭންކް އެކައުންޓަށް [ވެންޓިލޭޓަރުތަކުގެ] ފައިސާ ޖަމާ ކުރުމަށް [މަސައްކަތްކުރިކަމަށް]. އެކަމަކު ފިނޭންސް އިން އެކަން ރިކެޖްޓް ކުރީ،" ފަޒީލް ވިދާޅުވިއެވެ.

ފަހުން ފައިސާ ޖަމާކޮށްފައިވަނީ، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ނަމުގައިވާ އެކައުންޓަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސާ ޖަމާކުރަން މަސައްކަތް ކުރީ އަމިއްލަ ކޮން އެކައުންޓަކަށްތޯ މެމްބަރުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ، އޮޑިޓް އޮފީހަށް ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި، ޑރ. އަލީ ތަހްމަތީ ނަމަކަށް ކިޔާ މީހެއްގެ އެކައުންޓަށް ކަމަށެވެ.

މި މައްސަލައިގައި ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރުގެ އިހުމާލެއް އޮތްތޯވެސް މެމްބަރުން ސުވާލު ކުރިއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، މި އޮޑިޓުން މިނިސްޓަރު އަމީރު ގޯހެއް ހެއްދެވިކަން އެނގެން ނެތް ކަމަށެވެ. އަދި ވިދާޅުވީ، މިކަމުގައި އެންމެ ބޮޑު އިހުމާލެއް ވެފައި ވަނީ ހެލްތް މިނިސްޓަރީގެ މާލީ ޒިންމާދާރުވެރިޔާ އަހްމަދު އަސްލަމްއާއި ބިޑް ކޮމިޓީ ކަމަށެވެ.

އޭގެ އިތުރުން މިކަމުގައި ހެލްތް މިނިސްޓަރު އަމީން އަބްދުﷲގެ އިހުމާލެއް އޮތް ކަން އެނގޭނީ އެކަން ތަހުގީގު ކުރުމުން ކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ތަހުގީގެއް ހިންގުމަށް ރައީސް އިބްރާޙިިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އަންގަވާފައެވެ. އަދި އެ ތަހުގީގު ނިމެންދެން، މާލީ ޒިންމާދާރު ވެރިޔާއާއި ބިޑް ކޮމިޓީ ވަނީ ސަސްޕެންޑްކޮށްފައެވެ. އޭގެ އިތުރުން މިނިސްޓަރު އަމީން ވަނީ މަސްއޫލިއްޔަތު ތަކުން އަމިއްލަފުޅަށް އެކަހެރިވެފައެވެ.

ރާއްޖެއަށް 145 ވެންޓިލޭޓަރު ގެންނަން ތިން ކުންފުންޏަކާ ހަވާލުކުރިއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކޮރަޕްޝަނެއް ހިންގާފައިވަނީ 75 ވެންޓިލޭޓަރު ގެންނަން ހަވާލު ކުރި ދުބާއި ކުންފުންޏާއެވެ. ހެލްތު މިނިސްޓްރީން ބުނާ ގޮތުނެ އެ ކުންފުންޏާ ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރީ، އެއީ ޑަބްލިއުއެޗްއޯގެ ލަފައަކަށް ކަމަށެވެ. އެހެން ނަމަވެސް، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ރާއްޖެ ގެނެސްފައިވަނީ ވެސް އޯޑަރު ކުރި ވެންޓިލޭޓަރު ތަކެއް ނޫން ކަމަށާއި އެއީ ފެންވަރު ދަށް އަދި ބޮޑު އަގުގައި ގެނެސްފައިވާ ވެންޓިލޭޓަރުތަކެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް