ހަރީރީ އަވަހާރަކޮށްލުމުގައި ސީރިއާއާއި ހިޒްބުﷲގެ ލީޑާޝިޕުން ބައިވެރިވިކަމުގެ ހެއްކެއް ނެތް

ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީކް ހަރީރީ އަވަހަރާކޮށްލި ހާދިސާގައި އިތުރު 21 މީހަކު މަރުވި -- ފޮޓޯ: ގެޓީ

އެމްސްޓާޑަމް (އޮގަސްޓު 18): ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީކް އަލް ހަރީރީ އަވަހާރަށްކޮލުމުގައި ސީރިއާގެ ސަރުކާރާއި ހިޒްބުﷲގެ ޖަމާއަތުގެ އިސް ވެރިން ބައިވެރިވި ކަމުގެ ހެއްކެއް ނެތް ކަމަށް އެ މައްސަލަ ބަލާ ބައިނަލްއަގުވާމީ ކޯޓަކުން ބުނެފި އެވެ.

ނެދަލޭންޑްސްގައި ހުރި ސްޕެޝަލް ޓްރައިބިއުނަލް ފޯ ލެބަނަން (އެސްއައިއެލް)ގެ ފަނޑިޔާރު ޑޭވިޑް ރޭ މިއަދު ވިދާޅުވި ގޮތުގައި ހަރީރީ އަވަހާރަކޮށްލަން ސީރިއާ އާއި ހިޒްބުﷲއިން ބޭނުންވެދާނެ ސަބަބުތަކެއް އޮތް ކަމަށް އެ ކޯޓަށް ބެލެވޭ ނަމަވެސް، އެ ދެ ފަރާތުން އޭނާ އަވަހަރާކޮށްލުމުގައި އެއްވެސް ދައުރެއް އަދާ ކުރި ކަމުގެ ހެއްކެއް ނެތް ކަމަށެވެ.

"ޝަރީއަތުގެ ޗޭމްބާއިން ދެކޭ ގޮތުގައި ހަރީރީ އަވަހާރަކޮށްލަން ސީރިއާ އާއި ހިޒްބުﷲއިން ބޭނުންވެދާނެ ސަބަބުތަކެއް އޮވެދާނެ، ނަމަވެސް ހަރީރީ އަވަހަރާކޮށްލުމުގައި ހިޒްބުﷲގެ ލީޑާޝިޕުން އެއްވެސް ދައުރެއް އަދާ ކުރި ކަމުގެ ހެއްކެއް ނެތް އަދި ސީރިއާގެ ބައިވެރިވުމާ ބެހޭ ގޮތުންވެސް އެއްވެސް ސީދާ ހެއްކެއް ނެތް،" ފަނޑިޔާރު ވިދާޅުވި އެވެ.

ހަރީރީ އަވަހާރަކޮށްލީ 14 ފެބްރުއަރީ 2005ގައި އޭނާގެ ކޯންވޯއި ބޭރޫތުން ދަތުރު ކުރަމުން ދަނިކޮށް ޓްރަކެއް ގޮއްވާލައިގެންނެވެ. އެ ހާދިސާގާއި އިތުރު 21 މީހަކު މަރުވެ، 200އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

އެ މައްސަލާގައި އެސްއައިއެލްއިން ވަނީ، އީރާނުން ވާގިވެރިވާ ޝީއީ ޖަމާއަތެއް ކަަމަށްވާ ހިޒްބުﷲއަށް ނިސްބަތްވާ ކަމަށް ބެލެވޭ ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމާއި މީހަކު މެރުމާއި މީހަކު މަރަން އުޅުމުގެ ދައުވާކޮށްފަ އެވެ. އަދި އެމީހުންގެ ޣައިރު ހާޒިރުގައި ކުރިއަށްގެންދާ އެޝަރީއަތުގެ ނިންމުން މިއަދު ހާމަ ކުރާނެ އެވެ.

ހަރީރީއަކީ ލުބުނާނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސުންނީ ސިޔާސީ ލީޑަރެވެ. އަދި އޭނާ އަވަހާރަކޮށްލި ދުވަސްވަރު އޭނާ ގެންދެވީ، 1975އިން 1990އާ ޖެހެންދެން އެގައުމުގައި ކުރިއަށް ދިޔަ ދާހިލީ ހަނގުރާމައިގެ ތެރޭގައި އެގައުމަށް ދިޔަ ސީރިއާގެ ފައުޖުތައް އަނބުރާ ފޮނުވާލުމަށް ގޮވާލައްވަމުންނެވެ.

އެހެންކަމުން ހަރީރީ އަވަހާރަކޮށްލީ ސީރިއާއިން ކަމަށް އެދުވަސްވަރު ބައެއް މީހުން ތުހުމަތު ކުރި އެވެ. އަދި އޭގެ ސަބަބުން ކުރިއަށްގެންދިޔަ މުޒާހަރާތަކާ ގުޅިގެން ސީރިއާގެ ފައުޖުތަކަށް ލުބުނާނުން ފައިބަން މަޖުބޫރުވި އެވެ.

އެސްޓީއައިއެލްގެ ނިންމުން މިއަދު އިއުލާން ކުރަނީ ލުބުނާނުން އިގުތިސާދީ ކާރިސާއަކާއި ކޮރޯނާވައިރަހާއި 177 މީހަކު މަރުވުމަށް މެދުވެރިވި ބޮމުގެ ހަމަލާއެއްގެ ސަބަބުން ލިބުނު ގެއްލުމާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގަ އެވެ.

comment ކޮމެންޓް