ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ގަންނަން ދިނީ އޭޑީކޭއިން މާ ހެޔޮ އަގެއް ހުށަހަޅާފައި ވަނިކޮށް

އޭޑީކޭގެ ޗެއާމަން އަހްމަދު ނާޝިދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެލްތު މިނިސްޓްރީއިން ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ ކުންފުނި އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް އާ ހަވާލުކުރީ، ހަމަ އެ ބްރޭންޑުގެ ވެންޓިލޭޓަރަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ އިން މާ ހެޔޮ އަގެއް ހުށަހަޅާފައިވާ ވަނިކޮށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މީގެ ކުރިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސަރުކާރުގެ އެކި އޮފިޝަލުން ވަނީ ދުބާއީގެ އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް ކުންފުންޏަކީ ވެންޓިލޭޓަރު ގަތުމަށް ޑަބްލިއުއެޗްއޯއިން ރިކޮމެންޑްކޮށްގެން ހަވާލުކުރި ކުންފުންޏެއް ކަމަށް ބުނެފައެވެ.

ނަމަވެސް އެފަދަ އެއްވެސް ރެކޮމެންޑޭޝަނެއް ޑަބްލިއުއެޗްއޯއިން ދީފައި ނުވާކަން ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ވަނީ ހާމަވެފައެވެ.

ވެންޓިލެޓަރު ގަތުމަށް ހެދުނު އެއްބަސްވުމުގައި ޕާފޯމަންސް ގެރެންޓީއެއް މިނިސްޓްްރީއިން ހޯދާފައިނުވާއިރު އެޑްވާންސްގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދޫކުރީ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއްވެސް ނުބަހައްޓާކަން ވެސް ވަނީ ފަޅާއަރާފައެވެ.

އެ މައްސަލައިގައި އޭޑީކޭ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ކޮވިޑް19 ބަލިމަޑުކަމާ ކުރިމަތިލުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސް އޮފީހުން އެކުލަވައިލި އެގްޒެކެޓިވް ސްޓިއަރިންގ ކޮމެޓީގެ މެމްބަރަކު، ނުރަސްމީކޮށް 15 މާޗު 2020 ގައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ގެ އިސްވެރިއެއްގެ އަރިހުން Draeger ވެންޓިލޭޓަރު ފޯރުކޮށްދެވޭނެ އަގު އޮޅުން ފިލުވާފައިވާ ކަމަށެވެ.

އަދި އެފަރާތުން އަގުގެ މައުލޫމާތު ސާފުކުރުމާ ގުޅިގެން ޖަރުމަނުގެ Draeger ވެންޓިލޭޓަރަކީ ދުނިޔޭގެ ލީޑިން، އަދި މިވަގުތު ވަރަށް ޑިމާންޑް ބޮޑު ބްރޭންޑަކަށް ވެފައި، ސަޕްލައި ކުރުމުގައި "ޕްރޮޑަކްޝަން ބޮޓްލްނެކް" ތަކެއް ހުރިކަން Draeger ގެ މައި ކުންފުނިން އޭޑީކޭއަށް އަންގާފައިވާތީ، އަވަސް މުއްދަތެއްގެ ތެރޭގައި ސަޕްލައިކޮށްދެވޭނެތޯ ބުނަން އެނގޭނީ Draeger މައި ކުންފުނިން ސްޕެސިފިކޭޝަން ވެރިފައިކުރުމަށް ފަހުގައި ކަމަށް ބުނެފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން ޔޫރަޕިއަން ސްޓެންޑާޑްތަކަށް ފެތޭ، ކޮވިޑް19 ގެ ހާލަތަށް އެކަށޭނަ ސީ.އީ.ސެޓިފިކޭޝަންގެ ދެ ބްރޭންޑެއްގެ ވެންޓިލޭޓަރު 5،500 އެމެރިކާ ޑޮލަރާއި 6،200 އެމެރިކާ ޑޮލަރާ ދެމެދުގެ އަގެއްގައި، ހަތަރު ހަފްތާ ތެރޭގައި ސަޕްލައިކޮށްދެވިދާނެ ކަމަށް ބުނެ އެފަރާތުން އެދުނު މައުލޫމާތު ސާފުކޮށްދީފައިވާނެ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އެކަމާ ގުޅިގެން ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް ވެސް އިތުރު އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ސާފުކޮށްފައި ނުވާކަމަށް ބަޔާނުގައިވެއެވެ.

އޭޑީކޭ އަކީ Draeger ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުކަން އެނގޭ ހިނދު، އަދި ކަންޓްރީ ޑިސްޓްރިބިއުޓަރު ހުއްޓައި، ޑިސްޓްރިބިއުޓަރު ބައިޕާސްކުރުމަށްފަހު، މިފަދަ ލައިފްސޭވިން ތަކެތި، ތިންވަނަ ފަރާތެއްގެ އަތުން ހޯދުމަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާ ހިލާފު ކަމެއްކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އަދި ޑަބްލިއުއެޗްއޯ އިން ބުނެގެން ކަމަށް ބުނެ، ދުބާއީގެ ކުންފުންޏަކުން ބޮޑު އަގުގައި، 32،500 އަށް ވެންޓިލޭޓަރެއްގެ މަގުން 75 Draeger ވެންޓިލޭޓަރު ގަތުމަށް 90 ޕަސެންޓް އެޑްވާންސް ފައިސާ ފޯރުކޮށްދީފައިވާކަން އެނގެން އޮތްކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި އޭޑީކޭއާއެކު ކުރިން ކުރި މުއާމަލާތްތަކުގައި Draeger އޮކްސިލޮގް ވެންޓިލޭޓަރެއް 15،000 ޑޮލަރަށް އަދި ހައި އެންޑް އައިސީޔޫ އެންޑް އެންބިއުލޭޓަރީ ވެންޓިލޭޓަރެއް 20،500 ޑޮލަރަށް ލިބިދާނެ ކަމަށް އަގުދީފައިވާނެ ކަމަށް ވެސް އޭޑީކޭ އިން ބުނެފައިވެއެވެ.

އޭޑީކޭ އަކީ މެޑިކަލް ސަޕްލައިކޮށްދިނުމުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާހުރި، އަދި ދުނިޔޭގެ މެޑިކަލް އިންޑަސްޓްރީގެ ލީޑިން، ގިނަ ބްރޭންޑްތަކެއްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ދެ ހޮސްޕިޓަލަށާއި ސަރުކާރު ހޮސްޕިޓަލްތަކަށް ވެސް ގިނަ އަދަދެއްގެ Draeger ވެންޓިލޭޓަރާއި އެނެސްތީޝިއާ މެޝިން މީގެ ކުރިން ވެސް ސަޕްލައިކޮށްދީފައިވާ ކަމަށާއި އަދި ކޮވިޑް19 އާ ގުޅިގެން ބޭނުންވާ ޕީސީއާރް މެޝިނާއި ޕީޕީއީ މެދުކެނޑުމެއް ނެތި އަންނަނީ ފޯރުކޮށްދެމުންނެވެ.

ރާއްޖޭގައި ކޮވިޑް19 އިންތިހާއަށް ފެތުރިފައިވާ މި ދަނޑިވަޅުގައި ވެންޓިލޭޓަރާއި ޕީޕީއީ ގަތުމަށް ކަމަށް ބުނެ ހެލްތު މިނިސްޓްރީން މުއާމަލާތްތައް ހިންގާފައިވާ ގޮތުގެ ސަބަބުން، ދިވެހި ރައްޔިތުންނަށް ހައްގުވާ ދުނިޔޭގެ ފެންވަރުގެ އެންމެ ފުރިހަމަ ފުރިހަމަ ސިއްހީ ވަސީލަތްތަކުން މަހްރޫމުކޮށް، ބަޔަކު މީގެ ނާޖާއިޒް މަންފާ ނަގާފައިވާކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭތީ، ދައުލަތުގެ އިދާރާތަކުން އެކަން ރައްޔިތުންގެ ހައްގުގައި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް އުންމީދުކުރާ ކަމަށް އޭޑީކޭގެ ބަޔާނުގައިވެއެވެ.

ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ މިހާރު ވަނީ ބަލަން ފަށައިފައެވެ. އަދި މައްސަލަ ތަހުގީގުކޮށް ނިމެންދެން ހެލްތު މިނިސްޓަރު އަމީން ވަނީ އަމިއްލަފުޅަށް މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ.

އަދި ކޮވިޑް-19 ގެ ޚަރަދުތައް ކުރުމުގައި ހިންގާފައިވާ ކޮރަޕްޝަންތަކާ ގުޅިގެން ހެލްތު މިނިސްޓްރީގެ އިސްވެރިންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ސަސްޕެންޑުކޮށްފައެވެ.

comment ކޮމެންޓް