އެއްވެ އުޅުމުގެ ގާނޫނަށް ކުރީ ސަރުކާރުން ގެނައި އިސްލާހު އެއްކޮށް ބާތިލު ކުރަން ދެކޮޅު

ހޯމް މިނިސްޓަރު އިމްރާން އަދި ހަމީދު: ކުރިން އޮތް ގޮތަށް އެއްވެ އުޅެން ދޫކޮށްލަން ފުލުހުންނާއި ހޯމް މިނިސްޓްރީން ވެސް ދެކޮޅު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެއްވެ އުޅުމުގެ ގާނޫނަށް މިދިޔަ ސަރުކާރުން ގެނައި އިސްލާހު އެއްކޮށް ބާތިލުކުރުމުގެ ވިސްނުން ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް ރައީސް ޔާމީންގެ ސަރުކާރުގައި ގެނައި އިސްލާހާއެކު، ފުލުހުންނަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި، އެއްވެ އުޅެވޭނީ ހަމައެކަނި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަަނެއްގައި އެކަންޏެވެ. މާލޭގައި އެއްވެ އުޅުމަށް ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަނަކީ، ކާނިވާ ސަރަހައްދެވެ.

އެ އިސްލާހު ބާތިލް ކުރުމަށް އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އެވެ. ނަމަވެސް ކޮމެޓީ މަރުހަލާ ކުރިއަށް ދަނިކޮށް އެ އިސްލާހު އަނބުރާ ގެނެދެވުމަށް ޖާބިރު ނިންމުމުން އެކަން އޮތީ މަޑު ޖެހިފަ އެވެ. ނަމަވެސް ކޮމެޓީއަށް ފޮނުވުމަށްފަހު ދެން އަނބުރާ ނުގެނެވޭނެ ކަމަށް މަޖިލީހުގެ ރިޔާސަތުން ނިންމުމުން އެ މަސައްކަތް އަލުން ވަނީ ފަށާފަ އެވެ.

އެ އިސްލާހު ދިރާސާ ކުރަމުންދާ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަން ދެވޭނީ ރައްޔިތުންގެ ސުލުހަ މަސަލަސްކަން ނުގެއްލޭ ގޮތަށް ކަމަށެވެ.

"ރައްޔިތުންގެ ސުލުހަ މަސަަލަސްކަން ނުގެއްލޭ ގޮތަށް އަދި ގާނޫނު އަސާސީން ލިބިދީފައިވާ ހައްގު ހިމާޔަތް ކުރެވޭ ގޮތަށް ފުރިހަމަ އިންތިޒާމެއް ހަމަޖެހިގެން ދިއުން އެއީ އަޅުގަނޑުމެން ވެސް މަޝްވަރާ ކުރަމުން އަންނަ ގޮތަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ، މިހާރު ގާނޫނު އޮތް ގޮތުން ފުލުހުންނަށް ވަރަށް ފަސޭހަވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް ކުރީގެ ސަރުކާރުން ގެނައި އިސްލާހު އުވާލުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށެވެ.

އެކަމާއި ގުޅިގެން މިނިސްޓަރު އިމްރާން ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނަށް އޭރުގެ ސަރުކާރުން ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ތައާރުޒުވާ އިސްލާހެއް ކަމަށް ގަބޫލުކުރާ ކަމަށާއި އަދި އެކަން ބަދަލު ކުރަން ވެސް ޖެހޭ ކަމަށެވެ. ނަމަވެސް ދެން ގެނެވޭ އިސްލާހަކީ އޭގެ އެންމެ ފައިދާ ހުރި ރަނގަޅަށް ބޭނުންކުރެވޭނެ އިސްލާހަކަށް ހެދުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި ޗީފް ސްޕްރިންޑެންޓް ޝަރީފް ވިދާޅުވީ، މިހާރު އިސްލާހު ހުށަހަޅުއްވާފައިވާ ގޮތަށް ފާސްވެއްޖެ ނަމަ ވަރަަށް ގިނަ ފަރާތްތަކެއްގެ ހައްގުތައް ގެއްލޭނެ ކަމަށާއި އެހެން ކަމުން އެދެނީ މިހާރު ހުށަހަޅާފައިވާ އިސްލާހަށް އިތުރު ހުށަހެޅުންތަކެއް ހުށަހަޅައިގެން ފާސް ކުރުން ކަމަށެވެ.

"ފުލުހުންގެ އިމުގެ ތެރެއިން ނޫނީ އެއްވުމާއި ހިލާފް ވެގެން ރޫޅިގެން ދާ ގޮތަކުން ފުލުހުން އެޓެންޑް ކުރާ އިރުގައި ދެނެ މި ދިމާވާ ދަތިތަކުން އަޅުގަނޑުމެނަށް މިކަން ހައްލު ކުރަމުންދާއިރުގައި ދެން އެހެނިހެން ރައްޔިތުންނަށް ނޫނިއްޔާ އެހެން ފަރާތްތަކަށް ލިބެމުންދާ ގެއްލުމާއި އުދަނގޫ އަޅުގަނޑުމެނަށް މި ފާހަގަކުރެވެމުން މި ދަނީ،" ޝަރީފް ވިދާޅުވި އެވެ

"މަގުތަކުގައި މިކަންތައްތައް ކުރެވޭނެ (މުޒާހަރާ) ނިޒާމް ހަމަޖެހިއްޖެ ކަމުގައިވަނީ ނަމަ ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅި އުނދަގޫތަކާ ކުރިމަތިވެގެންދާނެ ކަމަށް އަޅުގަނޑުމެންގެ ތަފާސް ހިސާބުތަކުންނާއި އަޅުގަނޑުމެންގެ ދިރާސާތަކުން ވެސް މި ދައްކަނީ،"

އެ މައްސަލައިގައި ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުގެ ޑްރާފްޓެއް ކޮމެޓީއަށް ފޮނުވުމަށް ހޯމް މިނިސްޓްރީއަށް ވަނީ ފުރުސަތު ދީފަ އެވެ.

މިނިސްޓަރު އިމްރާން އެދިވަޑައިގަތީ ޑްރާފްޓް ތައްޔާރު ކުރެއްވުމަށް ތިން ހަފްތާގެ މުއްދަތެއް ދިނުމަށެވެ. ސަބަބަކީ ކޮވޑް-19 ބަލިމަޑުކަމުގެ މި ހާލަތުގައި މަސައްކަތް ކުރުމަށް ދަތި ތަކެއް ހުރި ކަން މިނިސްޓަރު ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް