ޖޫރިމަނާގެ ބަދަލުގައި ކޮމިއުނިޓީ ހިދުމަތަށް ނެރެވޭ ގޮތަށް ގާނޫނު އިސްލާހުކޮށް ފާސްކޮށްފި

ޖެނުއަރީ 12، 2020: ވިހިވިހީގެ ތައުލީމީ އާ އަހަރުގެ ކިޔެވުން 73،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕާކިން ޖޫރިމަނާއާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފު ވެގެން ކުރެވޭ ޖޫރިމަނާ ނުދެއްކޭ ނަމަ، މުޖުތަމައަށް ހިދުމަތް ކުރަން ލާޒިމު ކުރެވޭ ގޮތަށް ކޮމެޓީއިން ގެނައި އިސްލާހުތަކާ އެކު ރައްޔިތުންގެ މަޖިލީހުން މިއަދު އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފި އެވެ.

އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ.

މިއަދު އެ ބިލް ފާސްކުރީ 62 މެމްބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ކޮމިޓީ މަރުހަލާގައި، އެ ބިލަށް ބަދަލު ގެނެސް ހިމެނި ކަންކަމުގެ ތެރޭގައި، ޖޫރިމަނާ ފައިސާ ހޯދަން ކޯޓަށް ދިއުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދިނުމުގެ އިތުރުން ޖޫރިމަނާގެ އަދަދު 10،000 ރުފިޔާއަށް ވުރެ ބޮޑު ނަމަ، އެ ފައިސާ ހޯދުމުގެ ބަދަލުގައި ފައިސާ ދައްކަން ޖެހޭ މީހާ ލައްވައި "މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް" ކުރުމަށް ނެރުމުގެ ކޯޓު އަމުރަކަށް އެދުމުގެ ބާރު މީރާ އަށް ދިނުމަށެވެ.

އެއީ ކޮމިއުނިޓީ ސާވިސް މަސައްކަތެވެ. މިއީ މިފަދަ ކުށް ކުރާ މީހުންނަށް ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައިވެސް ދޭ އަދަބެކެވެ.

ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވައިގެން މީހެއްގެ ފުރާނަ އަށް ގެއްލުމެއް ލިބިއްޖެ ނަމަ، ގާނޫނުލްއުގޫބާތުގެ ދަށުން އެ މީހަކަށް ޖިނާއީ ދައުވާ ކުރުމާ އެކު، ލައިސަންސް 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ހިިފެހެއްޓުމުގެ ބާރު ލިބޭ ގޮތްްވެސް ބިލުން ވަނީ ހަދައިފައެވެ. އަދި ހަށިގަނޑަށް ލިބުނު ގެއްލުމަށަށް ބަލާފައި ހަ މަހާއި ފަސް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ލައިސެންސް ހިފެހެއްޓޭ ގޮތަށް ބިލު ވަނީ އިސްލާހުކޮށްފަ އެވެ.

ކޮމެޓީގައި ގެނައި ބަދަލުތަކާއެކު މިހާރު ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވާ ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު ނަސޭހަތް ދެވޭނެ އެވެ. އަދި އެކަން ތަކުރާރުކޮށްފި ނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު 48 ގަޑިއިރަށް ނުވަތަ ކޯޓު އަމުރެއް ހޯދައިގެން އެއަށްވުރެ ގިނަ އަރަށް ލައިސަންސް ހިފެހެއްޓިދާނެ އެވެ. އަދި ދެ ފަހަރަށް ވުރެ ގިނަ ފަހަރު ކުށް ކޮށްފި ނަމަ 1،000 ރުފިޔާއިން ޖޫރިމަނާކޮށް، ފުލުހުންނަށް އުޅަނދު 15 ދުވަހަށް ހިފެހެއްޓިދާނެ އެވެ.

ބިލުގައިވާގޮތުން، ޖޫރިމަނާތަކާ ގުޅޭ ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޓްރާންސްޕޯޓު މިނިސްޓްރީއިން ގާއިމް ކުރަން ޖެހެ އެވެ. އެ ނިޒާމެއް ހަދަން ޖެހެނީ ބިލު ތަސްދީގު ކުރާތާ 90 ދުވަހުގެ ތެރޭ ގައެވެ.

comment ކޮމެންޓް