ފަނޑިޔާރުން އިސްތިއުފާ ދިނަސް މައްސަލަ ކުރިއަށް ގެންދަން ވިސްނަނީ

ރައްޔިރުން މަޖިލީހުގެ ރައީސް: ފަނޑިޔާރުން ވަކި ކުރާ ހިސާބަށް ދިއުމުން އަމިއްލައަށް އިސްތިއުފާ ދޭ މައްސަލަ ހައްލުކުރަން ޖެހޭ ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ/ މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މައްސަލަ ބެލުމަށްފަހު ފަނޑިޔާރުން ވަކިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ހިސާބުން، އެ ވޯޓު ނެގުމުގެ ކުރިން ފަނޑިޔާރުން އަމިއްލައަށް އިސްތިއުފާ ދޭ މައްސަލައިގައި ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު ވަނީ އިސްތިއުފާ ދެއްވާފައި ކަމަށާއި، އޭނާ އިސްތިއުފާ ދެއްވިއުރު، މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ވަނީ ޝުޖާއު ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައި ކަމަށެވެ.

މީގެ ކުރިން ވެސް އެ ފަދަ ހާލަތްތައް ދިމާވެ ފަނޑިޔާރުން އިސްތިއުފާ ދެއްވުމުން ދެން އެ މައްސަލަތައް މަޖިލީހުން ކުރިއަށް ގެންގޮސްފައި ނުވާކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

"އެހެން ނަމަވެސް ޖުޑީޝަލަ ސާވިސް ކޮމިޝަނުން ފަނޑިޔާރުންގެ އިސްތިއުފާ ބަލައިގަނެވޭ ގޮތާއި ވަގުތުތަކާއި ހާލަތްތަކާއި ގުޅޭ ގޮތުން ވިސްނުމެއް ވިސްނާން ޖެހޭ ކަމަށް ފެނޭ. އަދި މަޖިލިސް ވެސް އެކަމާއި ވިސްނުން އެއީ ބޭނުންތެރިކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖުޑީޝަރީ އިސްލާހު ކުރުމުގެ ވައުދާއި އެކު ވެރިކަމަށް އައިސްފައިވާ އެމްޑީޕީ އިން އިސްވެ އޮވެ، ޖޭއެސްސީން އަންނަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަތައް ބަލަމުންނެވެ. އަދި އެ ކޮމިޝަނުން މީގެ ކުރިން ވަނީ އެތައް ފަނޑިޔާރުންނަކާއި ގާޒީންގެ އިތުރުން މެޖިސްޓްރޭޓުން ވަކިކޮށްދިނުމަށް މަޖިލީހަށް ވެސް ފޮނުވާފައެވެ. އޭގެ ތެރެއިން ގިނަ ފަރާތްތަކުން، މަޖިލީހުގައި ވޯޓު ނެގުމުގެ ކުރިން އަމިއްލައަށް އިސްތިއުފާ ދީފައިވެ އެވެ.

comment ކޮމެންޓް