ޓިކްޓޮކްއެއް ކުޅެގެން މިސްރު އަންހެނެއް ދެ އަހަރަށް ޖަލަށް

މިސްރުގައި އުމުރުން 22 އަހަރުގެ ޔުނިވާސިޓީ ދަރިވަރެއް ކުޅުނު ޓިކްޓޮކްގައި ހެދުން އަޅައި ހުރިގޮތް ކަމު ނުގޮސް އަދި އޭނާ ނަށާ ހެދުމުގެ ސަބަބުން ދެ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

އުމުރުން 22 އަހަރުގެ މަވާދާ އަލް އާދަމް ވަނީ ފެޝަނަށް ހެދުން އަޅައިގެން ނަށައި ލަވައަކަށް ލިޕްސިންކް ކުރާ ޓިކްޓޮކްއެއް އާންމުކޮށްފައެވެ. ނަމަވެސް އެ ޓިކްޓޮކް ވަނީ މިސްރުގެ އާއިލީ ހަމަތަކާ ހިލާފުވެފައި ކަމަށް ބުނެ މިދިޔަ މަހުގައި އޭނާ ވަނީ ދެ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

"އަޅުގަނޑުމެން މިތިބީ ބޮޑު ޝޮކެއްގެ ތެރޭގައި. އަޅުގަނޑުގެ ކޮއްކޮ ނުކުރެ އެއްވެސް ގޯސް ކަމެއް. އޭނާއަކީ ކުށްވެރިއެއް ނޫން،" މަވާދާގެ ދައްތައެއް ކަމަށްވާ ރަހުމާ އަލް އާދަމް ބުންޏެވެ.

މަވާދާއަކީ ޓިކްޓޮކްގައި މަޝްހޫރު އިންފްލުއެންސާއެކެވެ. އެގޮތުން މަވާދާގެ ތިން މިލިއަން ފޮލޮވާސް ޓިކްޓޮކްގައި އުޅޭއިރު އިންސްޓަގްރާމްގައި މަވާދާގެ އެއް މިލިއަނަށްވުރެ ގިނަ ފޮލޮވަރުން އުޅެ އެވެ.

ނަމަވެސް މަވާދާގެ އިތުރުންވެސް އިތުރު ޒުވާން އަންހެނުންނަށް ވަނީ މިސްރުގައި އެފަދަ ހުކުމްތަކެއް އިއްވާފަ އެވެ. އެގޮތުން ދާދި ފަހުންވެސް ވަނީ އިތުރު ފަސް އަންހެން ޓިކްޓޮކް އަންހެނުން ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އަދި އެ ފަރާތްތައް ވަނީ 20،000 ޑޮލަރުން ޖޫރިމަނާވެސް ކޮށްފަ އެވެ.

ޓިކްޓޮކްގައި އުޅޭ ޒުވާން އަންހެން ކުދީން ހެދުން އަޅާ ގޮތާމެދު މިސްރުގައި ވަނީ ބައެއް ފަރާތްތަކުންގެ ކަންބޮޑުވުން ހިއްސާކޮށްފަ އެވެ. ނަމަވެސް އެމްނެސްޓީއިން ބުނާގޮތުގައި މަވާދާއާ ދެކޮޅަށް ހުކުމް ކުރިއިރު ބޭނުންކޮށްފައިވަނީ ޓިކްޓޮކްތައް ނޫން ކަމަށްވެސްވެ އެވެ.

ޓިކްޓޮކްގެ ބަދަލުގައި ކޯޓުން ބޭނުންކޮށްފައިވަނީ މަވާދާގެ ފޯނުން މިދިޔަ އަހަރު ލީކުވެފައިވާ ފަސް ފޮޓޯއެކެވެ. އެ ފަސް ފޮޓޯއަކީ އޭނާގެ ފޯނު ވަގަށް ނަގައި ލީކުކޮށްލި ފޮޓޯތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް