ވަކީލު ކަމުގެ ހުއްދަ ނުލިބި ތިބި 300އަށް ވުރެ ގިނަ މީހުން ބާ ކައުންސިލުގެ ތަމްރީނުގައި ބައިވެރިވާން ހުށަހަޅައިފި

ސެޕްޓެމްބަރ 9، 2019: ބާ ކައުންސިލްގެ ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަކީލު ކަމުގެ ހުއްދަ ނުލިބި ތިބި 300އަށް ވުރެ ގިނަ މީހުން ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާން ހުށަހަޅައިފި އެވެ.

ބާ އިމްތިހާނު ފުރިހަމަ ކުރުމުން ނޫން ގޮތަކަށް ވަކީލު ކަމުގެ ހުއްދަ ނުލިބޭނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވެ އެވެ. ނަމަވެސް އަހަރެއް ވެގެން ދިޔައިރުވެސް ބާ އިމްތިހާނު ތައްޔާރުކޮށް، އެ އިމްތިހާނު ބާއްވާފައި ނުވާތީ ގާނޫނީ ދާއިރާއިން ކިޔަވައިގެން ތިބި ގިނަ ބަޔަކު ހުއްދަ ނުލިބި ތިބެން ޖެހުނެވެ. އެހެންކަމުން އެ މީހުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިހާރު ކިޔަވައި ނިންމާފައި ތިބި މީހުންނަށް ބާ އިމްތިހާނު ނުހަދާ ހުއްދަ ދެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހު ކުރަން ހުށަހަޅައި އެ އިސްލާހު 71 މެމްބަރުންގެ ވޯޓާއެކު މިހާރު ވަނީ ފާސްކޮށްފައެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ މިހާރު ހުއްދަ ނުލިބި ތިބި ވަކީލުންނަށް ހާއްސަކޮށްގެން ބާ ކައުންސިލުން ހިންގާ އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެ ތަމްރީނު ޕްރޮގްރާމު ހަދައިގެން ވަކީލު ކަމުގެ ހުވާ ކުރާ މީހުންވެސް އެންމެ އަވަހަށް ބާއްވާ ބާ އިމްތިހާނެއްގައިވެސް ބައިވެރިވާން ވަނީ ލާޒިމް ކޮށްފަ އެވެ.

އެ އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވީ އިއްޔެ އެވެ. ބާ ކައުންސިލުން މިހާރު ވަނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ މީހުންގެ ވަގުތީ ލިސްޓެއް އާންމުކޮށްފައެވެ. އެ ލިސްޓުގައި 314 މީހުން އެބަ ތިއްބެވެ.

ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމުގައި ހިމެނެނީ މައިގަނޑު ފަސް ބައެކެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ޑްރާފްޓިން އެވެ. އޭގެ އިތުރުން ދިވެހި ބަސް ބޭނުންކުރުމާ ބެހޭގޮތުންވެސް އެ ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭނެ އެވެ.

އޮންލައިންކޮށް ކުރިއަަށްގެންދަން ހަމަޖެހިފައިވާ އެ ތަމްރީނު ޕްރޮގްރާމު ފަށާނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

ގާނޫނީ ފަންނުގެ ބިލަށް ގެނައި އިސްލާހުގައިވާ ގޮތުން އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ވާނެ އެވެ.

އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ލިބެނީ މިހާރު ހުވާ ނުކުރެވި ތިބި މީހުންނަށެވެ. އޭގެ ފަހުން ކިޔަވާ ނިމޭ މީހުންނަށް ހުއްދަ ލިބޭނީ ބާ އިމްތިހާނު ފުރިހަމަ ކުރުމުންނެވެ.

comment ކޮމެންޓް