މާފުއްޓަށް އަރަން ހުއްދަ ނުނަގައި ވަޑައިގަތުމުން ވަކީލުންނަށް ރައީސް ޔާމީނާ ބައްދަލުކުރެވޭ ގޮތެއް ނުވި

ރައީސް ޔާމީންގެ ވަކީލުން މިއަދު މާފުއްޓަށް ވަޑައިގަތުމަށް ލޯންޗެއްގައި -- ފޮޓޯ/ ޑރ. މުހައްމަދު ޖަމީލް އަހުމަދު (ޓްވިޓާ)

ކ. މާފުއްޓަށް އެރުމުގެ ކުރިން، ކައުންސިލުން ނަގަން ޖެހޭ ހުއްދަތައް ނަގާފައި ނުވާތީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުވެވަޑައިނުގެން އަނބުރާ މާލެ ވަޑައިގަންނަވަން ޖެހިއްޖެއެވެ.

ރައީސް ޔާމީންއާ ސީދާ ބައްދަލުވަޑައިނުގެންނެވޭ ކަމުގެ ޝަކުވާ އެމަނިކުފާނުގެ ވަކީލުން ކުރައްވަމުން ދަނިކޮށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ވަކީލުންނާ ބައްދަލުކުރެއްވުމުގެ އަމުރެއް ނެރުއްވާނެ ކަމަށް ބުނެފައެވެ. އެފަދަ އަމުރެއް ނެރުނު ކަމެއް އެނގިފައި ނުވެއެވެ. ނަމަވެސް ކޯޓުން އެހެން ބުނެފައި ވަނިކޮށް، ކަރެކްޝަންސްއިން ވަނީ މިއަދު ރައީސް ޔާމީނާ ބައްދަލުކުރަން މާފުށީ ޖަލަށް ވަޑައިގަތުމުގެ ހުއްދަ ވަކީލުންނަށް ދެއްވައިފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ ލޯންޗުގައި މިއަދު މާފުއްޓަށް ވަޑައިގަންނަވަނިކޮށް މާފުށީ ޕޮލިސް ސްޓޭޝަނުން ގުޅި ކަމަށެވެ. އަދި ހުއްދަ ނުހޯދައި އެ ބޭފުޅުން ރަށަށް ވަޑައިގަންނަވާ ކަމަށް ބުނެ މާފުށީ ކައުންސިލުން އެ ސްޓޭޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ބުނި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާއިރު، އެ ރަށެއްގެ ކައުންސިލުން ހުއްދައެއް ހޯދަން ޖެހެއެވެ. ރަށުގެ މަސްލަހަތު އޮތް ގޮތުން ހުއްދަ ނަންގަވައިގެން ނޫނީ މާފުއްޓަށް ނޭރުމަށް ފުލުހުން އެދުނު ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މާފުށީ ކައުންސިލުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ޝަމީމް ވިދާޅުވީ، އެ ބޭފުޅުން މާފުއްޓަށް ވަޑައިގަންނަވަން ޖެހޭނީ އެއްވެސް ހުއްދައެއް ހޯދައިގެން ކަމެއް ކަރެކްޝަންސްއިން ދިން ލިޔުމެއްގައި އަންގާފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންނަށް ކަރެކްޝަންސްއިން އެބަ އޮތޭ މާފުއްޓަށް ރައީސް ޔާމީނާ ބައްދަލުކުރަން ދިޔުމުން މީޓިންއެއް ހަމަޖެހޭނެ ކަމަށް ބަޔާންކޮށް އެބަ އޮތޭ ލިޔުމެއް ދެއްވާފައި. މި ލިޔުން ހިފައިގެންނޭ އަޅުގަނޑުމެން މި ދަނީ. މި ލިޔުމަކު ނެތޭ އަޅުގަނޑުމެން އެއްވެސް ތަނަކުން ހުއްދައެއް ނަގަން ޖެހޭނެ ކަމަކަށް،" ޝަމީމް ވިދާޅުވި އެވެ.

އަދި ރައީސް ޔާމީން ހުންނެވީ ދައުލަތުގެ ބެލުމުގެ ދަށުގައިކަމުން އެމަނިކުފާނާ ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނީވެސް ދައުލަތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުން މިއަދު މާފުއްޓަށް ނާރުއްވައި އަނބުރާ މާލެ ވަޑައިގަތީއެވެ.

މިކަމާ ގުޅިގެން ކަރެކްޝަންސްއިން ބުނީ، ޖަލަށް ވަޑައިގަތުމުގެ ދެ ގަޑިއިރު ކުރިން ކަރެކްޝަންސްއަށް އަންގަން ރައީސް ޔާމީންގެ ވަކީލުންނަށް ފޮނުވި ސިޓީގައި އެދިފައިވާނެ ކަމަށެވެ. އެ އެންގުމުގައިވާ ގޮތަށް ވަކީލުން ގުޅުއްވުމުންވެސް މާފުއްޓަށް ވަޑައިގަންނަވަނީ ނަގަން ޖެހޭ ހުއްދަތައް ނަންގަވައިގެންތޯ ސުވާލު ކުރެއްވި ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

"އެ ބޭފުޅުން ގުޅީމަވެސް އަޅުގަނޑުމެންގެ އޮފިސަރުން ސުވާލު ކުރި ހުއްދަ ހޯދިންތޯ އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް، މިހާރު ހުއްދަ ނަގަން ޖެހޭތީީ ހުއްދަ ހޯދަން ހޯދިންތޯ. އެކަން އެނގި ހުރެ އެ ބޭފުޅުން ހުއްދަ ނުހޯދައި ވަޑައިގަތީ،" ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުންތައް ފަސް ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ. އެއީ އެމަނިކުފާނަށް އަދި ވަކީލުންނާ ބައްދަލުނުކުރެއްވޭތީ އެވެ.

comment ކޮމެންޓް