ބްރޯޑްކަމް އިން ޒީނާ ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމައިފި

ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު --- ފޮޓޯ/ ރައީސް އޮފީސް

ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށައި، އެކަން މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޒީނާ ވަކިކުރުމުގެ މަސައްކަތް ފެށުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ މިމަހު 10 ވަނަ ދުވަހުގަ އެވެ. މަޖިލިސް ގަވައިދުގައި ބުނާ ގޮތުން އެ މަސައްކަތް ކޮމެޓީއަކަށް ފެށޭނީ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.

އެއާއެކު މިއަދު ރިޔާސަތުން ވަނީ، ޒީނާ ވަކި ކުރުމުގެ މައްސަލަ ޖަލްސާގައި އިއުލާންކޮށް، އެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުއްވައިފަ އެވެ.

ޒީނާ ޒާހިރު ވަކިކުރުމުގެ މަސައްކަތް ފެށުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެވެ. އެ ހުށަހެޅުއްވުމަށް ކޮމިޓީގެ ހަތް މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބްރޯޑްކޮމް އަށް އައްޔަނު ކުރި މެމްބަރުންގެ ތެރެއިން އެ ކޮމިޝަނުގައި މިހާރު ތިއްބެވީ، ޒީނާ އާއި އަމުޖަދު ވަހީދު އަދި އާމިނަތު ސަރާހަތު އެވެ. މީގެ ކުރިން އެހެން ދެ މެމްބަރެއްގެ އިތުބާރު ނެތް ކަމަށް ނިންމައި މަޖިލީހުން ވަނީ ވަކިކޮށްފަ އެވެ. ޒީނާ ވަކިކުރުމުގެ މައްސަލަ މަޑު ޖައްސާލާފައި އޮތީ އޭނާ މެޓާނިޓީ ލީވްގައި ހުރުމުންނެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ޒީނާ އައްޔަނު ކުރީ 2016 އެޕްރީ 5 ގަ އެވެ.

comment ކޮމެންޓް