މި ސަރުކާރުގެ 60 ޕަސެންޓް ވަޒީރުން މަސައްކަތް ކުރަނީ އެމްޑީޕީ ބަދުނާމުވާ ގޮތަށް: އާޒިމް

އަލީ އާޒިމް: ގިނަ ވަޒީރުން ކަން ކުރަނީ ޕާޓީއަށް ހުތުރުވާ ގޮތަށް ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް

ރައްޔިތުން ވެރިކަން ދިނީ އެމްޑީޕީއަށް ނޫން ކަމަށާއި ސަރުކާރުގެ ގިނަ ވަޒީރުން ކަން ކުރަނީ ޕާޓީއަށް ހުތުރުވާ ގޮތަކަށް ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އަލީ އާޒިމް މިގޮތަށް ވިދާޅުވީ، ކޮވިޑް ހަރަދުތަކާ ގުޅޭ އޮޑިޓް ރިޕޯޓުތަކުން ފެންމަތިވި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ކުއްލި މައްސަލައިގައި ވާހަަކަ ދައްކަވަމުންނެވެ.

އަލީ އާޒިމް ވިދާޅުވީ، ރައްޔިތުން ވެރިކަން ދިނީ ކޯލިޝަނަށް ކަމަށާއި، އެ ކޯލިޝަންގައި ހިމެނޭ ގިނަ ވަޒީރުން މަސައްކަތް ކުރަނީ އެމްޑީޕީގެ ބޮލުގައި ކަންކަން އެޅުވުމަށް ކަމަށެވެ.

"ކޯލިޝަންގައި ހިމެނޭ 60 ޕަސަންޓް ވަޒީރުން މަސައްކަތް ކުރަނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީއަށް ހުތުރުވާ ގޮތަށް، އެމްޑީޕީ ބޮލުގައި ކަންކަން އެޅުވުމަށް، އިލްޒާމް އެޅުވުމަށް. އެމްޑީޕީން މި ކަންކަން [ވައްކަމާއި ކޮރަޕޝަން] ކުރަމުންދާ ކަން ދެއްކުމަށް،" އަލީ އާޒިމް ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން އެކުލަވާލި، ޓޫރަޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީގެ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓްގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިވެފަ އެވެ.

އަލީ އާޒިމް ވިދާޅުވީ، އެ ރިޕޯޓު އޮޑިޓާ ޖެނެރަލް ނެރުއްވައި ދެއްވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ. މީގެ ކުރިން އެފަދަ އޮޑިޓް ރިޕޯޓެއް ނެރުމުން އޮޮޑިޓާ ޖެނެއަލްގެ މަގާމުން ވަކިކުރުމަށް މަސައްކަތް މަޖިލީހުން ކުރާ ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި މިއަދު މަޖިލީހުން ފެންނަނަނީ ސަރުކާރުން ޒިންމާދާރު ކުރުމުގެ މައްސަކަތް ކުރަމުންދާތަން ކަން އާޒިމް ވިދާޅުވިއެވެ.

"މީގެ ކުރިން މަޖިލީހުން ފެނުނު މަންޒަރަކީ، އޮޑިޓް ރިޕޯޓެއް ނެރޭ ކޮންމެ ފަހަރަކު ވަޒީރެއް ނުވަތަ ރައީސުލްޖުމްހޫރިއްޔާއާ ނަން އޮތް ނަމަ، އެ އޮޑިޓާ ޖެނެރަލްގެ އިތުބާރު ނެތް ކަމަށް މިތާގައި ނަގަމުންދާތަން. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެން މި ދައްކަމުން ދަނީ، އަޅުގަނޑުމެންނަކީ ޒިންމާދާރު ޕާޓީއެކޭ، ރައްޔިތުން 65 ގޮނޑި ދިނީ މިކަން ކުރުމަށޭ،" އަލީ އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެގޮތަށް ވާހަކަ ދެއްކެވުމުން އެއީ ސަރުކާރަށް ޖެއްސުން ކުރުން ކަމަށާއި ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބައެއް އެމްޑީޕީ މެމްބަރުން ތުހުމަތު ކުރައްވާ ކަމަށެވެ. ނަމަވެސް އެއީ ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާ ބައެއް ފަރާތްތައް އެބަ ބުނޭ ސަރުކާރަށް ޖެއްސުން ކުރަންށޭ، އެ އުޅެނީ ސަރުކާރު ވައްޓާލަންށޭ، އެ އުޅެނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާ އިދިކޮޅަށޭ. ނޫން. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަލާމަތް ކުރުމުގެ މަސައްކަތް. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ، ކެބިނެޓްގައި ތިބި ވައްކަން ކުރާ ވަޒީރުން ވަކިކުރުމުގެ މަސައްކަތް. އެކަން މެދުނުކެނޑި ހުއްޓާނުލާ އަޅުގަނޑުމެން ކުރާނަން،" އާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް