އީ-މަނީގެ ހިދުމަތްދޭ ފަރާތްތަކުން އެމްއެމްއޭއަށް މައުލޫމާތު ހިއްސާކުރަން އެދެފި

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އިލެކްޓްރޯނިކް މަނީގެ ހިދުމަތްދޭ ފަރާތްތަކުން މަރުކަޒީ ބެންކާ މައުލޫމާތު ހިއްސާ ކުރުމަށް އެދެފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށިގެންވާ ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ މީގެ ތެރޭގައި، ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތްތައް ހިމެނޭ ގޮތަށް، ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެވޭ އެކި ބާވަތްތަކުގެ ޕޭމަންޓް ހިދުމަތްތައް ދިނުމަށް ބޭނުންވާ އަދި އެފަދަ ހިދުމަތްތައް ދޭ ފަރާތްތަކާއި ހިދުމަތްތައް ހޯދާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ބޭނުންވާ ގާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ވަނީ ހާއްސަ ގޮތެއްގައި އީ-މަނީ އިޝޫކުރާ ފަރާތްތަކާއި އީ-މަނީ އެކައުންޓްތައް މެދުވެރިކޮށް ޕޭމަންޓްތައް އަދާކުރެވޭނެ ހިދުމަތްތައް ދޭ ފަރާތްތަކާއި ޕޭމަންޓް މުއާމަލާތްތައް އެކްވަޔާކުރުމުގެ ހިދުމަތްތައް ދޭ ފަރާތްތަކުެގެ އިތުރުން މިނޫންވެސް ފައިސާ ޓްރާންސްފާ ކުރުމާ ގުޅުންހުރި ނުވަތަ ޕޭމަންޓް އެކައުންޓްތަކާ ގުޅުންހުރި އެހެނިހެން ހިދުމަތްތައް ދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކާބެހޭ މައުލުމާތު ހިއްސާކޮށްދިނުމަށް އެދިފަ އެވެ.

އެމްއެމްއޭ އިން ބުނީ ޕޭމަންޓް ހިދުމަތްތަކުގެ ތެރެއިން އެ އޮތޯރިޓީން މިވަގުތު ރެގިއުލޭޓްކުރަމުންދަނީ މޮބައިލް ޕޭމްންޓް ހިދުމަތާއި، ކާޑް އިޝޫކުރުމާއި ކާޑް އެކްވަޔާކުރުމާއި، ޕޭމަންޓް އިންސްޓްރުމަންޓް އިޝޫކުރުމާއި ޕޭމަންޓް އަދި ސެޓްލްމަންޓް ސިސްޓަމެއް ހިންގުމުގެ ހިދުމަތް ކަމަށެވެ.

ނަމަވެސް، މި ނޫންވެސް އެކި އެކި ބާވަތްތަކުގެ ޕޭމަންޓް ހިދުމަތްތައް އެކި ފަރާތްތަކުން ފޯރުކޮށްދެމުންދާކަން ފާހަގަކުރެވޭ ކަމަށާއި ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ޓަކައި، ރާއްޖޭގައި ފޯރުކޮށްދޭ ޕޭމަންޓް ހިދުމަތްތަކުގެ މައުލޫމާތު ދެނެގަތުމުގައި މިފަދަ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މި ހިދުމަތްތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ބޭނުންވާ ފަރާތްތަކުން 25 އޮގަސްޓްގެ 14:00ގެ ކުރިން އެ އޮތޯރިޓީއަށް އީ-މެއިލް ކުރުމަށް އެދިފައިވެ އެވެ.

އީމެއިލް އެޑްރެހަކީ [email protected] އެވެ.

ހިއްސާ ކުރަންޖެހޭ މައުލޫމާތު:

  • ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ވިޔަފާރީގެ ނަން
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނެ ފަރާތެއްގެ ނަން،
  • ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް

އެމްއެމްއޭ އިން ބުނީ އެ އިއުލާނާ ގުޅިގެން އެ އޮތޯރިޓީއާ ހިއްސާކުރާ އެއްވެސް މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާ ނުކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

comment ކޮމެންޓް