ބައްދަލުވުން ނުބޭއްވިގެން އުޅެނީ ޔާމީންގެ ވަކީލު އެގޮތް ބޭނުން ނުވާތީ: އިމްރާން

ރައީސް ޔާމީން(ކ) ހޯމް މިނިސްޓަރު އިމްރާން(މ) އަދި ރައީސް ޔާމީންގެ ގާނޫނީ ވަަކީލު ޑރ. ޖަމީލް(ވ): ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ބައްދަލުވުން ހަމަޖައްސައިދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ލައްކަ މަސައްކަތް ކޮށްފައިވާ ކަމަށާއި ބައްދަލުވުން ނުބޭއްވިގެން އުޅެނީ އެމަނިކުފާނުގެ ވަކީލުން ބޭނުން ނުވާތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުނުކުރެވޭތީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ރިޝްވަަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުން ކުރިއަށް ނުގެންގޮސް އެހެން ދުވަހަކަށް ތާވަލުކުރަން ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.

އިއްޔެ ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް މައްސަލައާ ގުޅޭ އެއްވެސް ލިޔުމެއް ބަލާލުމުގެ ފުރުސަތު ލިބިވަޑައިގެންފައިނުވާ ކަމަށެވެ. ހުރިހާ ލިޔެކިޔުމެއް ހުރީ ވަކީލުންގެ އަތްޕުޅުގައި ކަމަށާއި ވަކީލުންނާ ބައްދަލުވެވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަކީލުންނަށް ރައީސް ޔާމީނާ ބައްދަލުނުކުރެއްވޭތީ އެކަމުގެ ކަންބޮޑުވުން އެމަނިކުފާނުގެ ވަކީލުން ވެސް ވަނީ ފާޅުކުރައްވައިފަ އެވެ.

މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވަކީލު ބައްދަލުވުން ހަމަޖައްސަން ރާއްޖޭގެ އެއްވެސް ކޯޓަކުން އޭނާގެ މައްޗަށް އަމުރެއް ނެރުއްވާފައި ނެތް ކަމަށެވެ.

"ބައްދަލުވުން ހަމަޖައްސަން ކަރެކްޝަނަލް ސާވިސްގެ އިސްނެގުމަށް ލައްކަ މަސައްކަތް ކުރެވިއްޖެ. ބައްދަލުވުން ނުބޭއްވިގެން އުޅެނީ އެކަންކުރަން ވަކީލު ބޭނުންފުޅު ނުވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކަރެކްޝަންސް އިން މީގެ ކުރިން ބުނެފައި ވަނީ އާންމު އުސޫލުން ފޯނުން ގުޅައިގެން އެ ބައްދަލުވުން ކުރިއަށްގެންދަން ހަމަޖެހޭނެ ކަމަށް ވަކީލުންނަށް އަންގާފައިވާނެ ކަމަށާއި އަދި ކޮވިޑް-19އާ ގުޅިގެން ނަގަން ޖެހޭ އެންމެހާ ހުއްދަތައް ނަގައިގެން މާފުށީ ޖަލަށް ވަޑައިގަތުމުން ބައްދަލުވުން ހަމަޖެހޭނެ ކަމަށް ވަކީލުންނަށް އަންގާފައިވާނެ ކަމަށެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުން ނިންމާލަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލުކުރެއްވޭނެ ގޮތަށް މިއަދު އަމުރެއް ނެރުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި ވަކީލުންނާ ބައްދަލުކުރައްވަން ފުރުސަތު ދެއްވުމަށް ފަހު 10 ދުވަސް ނުވަތަ 15 ދުވަސް ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް