ދެ އޮޑިޓް ރިޕޯޓުގެ މައްސަލަ ވަކިވަކިން ބަލައި، ގުޅުން ހުރި އިދާރާތައް ހާޒިރުކުރަނީ

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ކޮވިޑް-19ގެ ހަރަދުތަކާ ގުޅޭ ގޮތުން އޮޑީޓާ ޖެނެރަލް އޮފީހުން އާންމު ކުރި، ހެލްތް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓުތަކުގައިވާ މައްސަލަތައް ވަކިވަކިން ބަލައި ގުޅުން ހުރި އިދާރާތައް ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީގެ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓްގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިވެފަ އެވެ.

އެ ދެ ރިޕޯޓުގެ މައްްސަލައާ ގުޅިގެން މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އެ ދެ ރިޕޯޓުގެ މައްސަލަ ވަކިވަކިން ދިރާސާ ކުރުމަށެވެ. އަދި އެކަންކަން ކުރުމަށް ގުޅުން ހުރި އިދާރާތައް ކޮމިޓީއަށް ހާޒިރުކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އެގޮތުން މާދަމާ މެންދުރު 2:00 އަށް އޮޑިޓް އޮފީސްގެ ބޭފުޅުން ދެ ރިޕޯޓު ވަކި ވަކިން ކޮމިޓީއަށް ހުށަހެޅުމަށް ވަނީ ފާސް ކޮށްފަ އެވެ. އަދި ދެ އޮޑިޓްގައި ހުރި ކަންކަން ސާފު ކުރުމަށް މާދަމާ ފިނޭސް މިނިސްޓްރީ ވެސް ހާމަ ކުރުމަށް ވަނީ ނިންމާފަ އެވެ.

ކޮމިޓީން ނިންމާފައިވަނީ ފުރަތަމަ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގެ ކަންކަން ދިރާސާ ކުރުމަށެވެ. އަދި އެ ރިޕޯޓުގެ މައްސަލަ ބެލުމަށްފަހު، ދެން ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ބެލުމަށެވެ.

ކޮމިޓީން ނިންމާފައިވަނީ، އޮޑިޓް އޮފީސް އަދި ފިނޭސް މިނިސްޓްރީއާ ބައްދަލުކުރެއްވުމަށް ފަހު، މާދަމާ ހެލްތް މިނިސްޓްރީއާ ވެސް ބައްދަލު ކުރުމަށެވެ.

"ހެލްތްގެ ރިޕޯޓުގެ ކަންކަން އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު، އެ ރިޕޯޓުގެ ކަންކަން ކޮމިޓީން ނިންމާފައި، ޓޫރިޒަމް ރިޕޯޓުގެ ދިރާސާ ކުރުމުގެ މަސައްކަތް ފެށޭނެ. އޭގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުވުމަށްފަހު އެ ރިޕޯޓާ މެދު ކޮމިޓީން ގޮތެއް ނިންމުމަށްފަހު ވީ އެންމެ އަވަހަށް މަޖިލީހުގެ ތަޅުމަށް ދާނެ،" ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިޒު ވިދާޅުވި އެވެ.

ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލައިގައި ބޮޑެތި ކޮރަޕްޝަން ހިމެނޭތީ، އެކަން ތަހުގީގު ކުރުމަށް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެހެނިވެސް ވަރަށް ގިނަ އޮޅުވާލުންތަކާއި ކޮރަޕްޝަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ކޮވިޑް19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ހަރަދު ކުރި 26 މިލިއަންގެ ތެރެއިން 99 ޕަސަންޓަކީ މިނިސްޓްރީގެ ޒިންމާއާ ނުގުޅޭ ހަރަދުތަކެއް ކަމަށް ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެހެނިވެސް ވަރަށް ގިނަ އޮޅުވާލުންތަކާއި ކޮރަޕްޝަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ކޮވިޑް ކޮރަޕްޝަންގެ އޮޑިޓް ރިޕޯޓުތަކާ ގުޅިގެން މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލައިގައި ބަހުސް މިހާރު ހިނގަމުންދާއިރު، ބައެއް މެމްބަރުން ދަނީ ހެލްތް މިނިސްޓަރު އަމީން މަގާމުން ވަކިކުުރުމަށްވެސް ގޮވާލަމުންނެވެ.

comment ކޮމެންޓް