ފަހަތުން އަރައި ޔުނައިޓެޑް ބަލިކޮށް ސެވިއްޔާ ފައިނަލަށް

ސެވިއްޔާ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސެވިއްޔާ މޮޅުވީ ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން --- ފޮޓޯ//ލައިވްސްކޯ

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ލަނޑެއް ޖަހައި ކުރި ހޯދައިފައިވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ސެވިއްޔާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ކޮވިޑުގެ ސަބަބުން ޔޫއެފާގެ މަޝްވަރާއާ އެކު ޔޫރޮޕާ ލީގުގެ ހުރިހާ މެޗުތައް ޖަރުމަންގައި ކުރިއަށްދާއިރު، ފައިނަލްގެ ފުރަތަމަ ޖާގަ ސެވިއްޔާ ހޯދީ ރޭ ދުވަހުގެރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި ޔުނައިޓެޑް އަތުން 2-1 ން މޮޅުވެގެންނެވެ. މިއީ މި މުބާރާތް ފަސް ފަހަރު ކާމިޔާބުކުރި ސެވިއްޔާ އިން ފައިނަލުގައި ކުޅޭނެ ހަ ވަނަ ފަހަރެވެ. ޔުނައިޓެޑް ރޭގެ މެޗުން ބަލިވުމާ އެކު މި ސީޒަން ތަށްޓަކާ އެކު ނިންމާލަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ޔުނައިޓެޑުން މެޗުގައި ފުރަތަމައިން ލީޑު ނެގީ އެ ޓީމަށް މެޗުގެ ނުވަ ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް މާކަސް ރެޝްފޯޑަށް ސެވިއްޔާގެ ޑިފެންޑަރު ޑިއެގޯ ކާލޯސް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލީ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ތަރި ބްރޫނޯ ފެނާންޑޭސް އެވެ. މިއީ މި ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނު 22 ވަނަ ޕެނަލްޓީ އެވެ.

މެޗުގެ 26 ވަނަ މިނެޓްގައި ސެވިއްޔާއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުގެ ލަނޑު ސޫސޯ ކާމިޔާބު ކުރީ ސާޖިއޯ ރެގޫލެން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އެއަށްފަހު ވެސް ސެވިއްޔާއަށް އެ ހާފުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔައިރު، މި މެޗުގައި ސެވިއްޔާއިން ލީޑު ނެގީ 78 ވަނަ މިނެޓުގަ އެވެ. ޖީސުސް ނަވާސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ ލޫކް ޑި ޔޮން އެވެ.

މިއީ މެންޗެސްޓަރ ޔުނައިޓެޑަށް ތަށްޓެއް ނުހޯދި ޖެހިޖެހިގެން ނިންމާލަން ޖެހުނު ތިންވަނަ ސީޒަނެވެ. އެންމެ ފަހުން ޔުނައިޓެޑުން ކާމިޔާބުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ސީޒަނުގެ ޔޫރޮޕާ ލީގު މުބާރާތެވެ. އަދި އެހެންމެ ރޭގެ މޮޅާ މޮޅާއެކު ހުލެން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސެވިއްޔާއިން ވަނީ މެޗަކުން ބަލިނުވެ 20 މެޗު ހަމަކޮށްފަ އެވެ.

ޔުނައިޓެޑް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ސެވިއްޔާއިން ހޯދި އިރު އެ ޓީމާ ދެކޮޅަށް އެ މެޗުގައި ނުކުންނަ ޓީމެއް ކަށަވަރުވާނީ މިރޭ ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކާއި އިޓަލީގެ އިންޓަ މިލާން ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

comment ކޮމެންޓް