ކްރައުންގެ ފަހު ދެ ސީޒަން އަށް ޕްރިންސެސް ޑަޔާނާ ލިބިއްޖެ

ޕްރިންސެސް ޑަޔާނާގެ ރޯލުން ފެނިގެންދާނީ އޮސްޓްރޭލިއާގެ އެކްޓަރު އެލިޒަބެތު ޑެބިކީ ---

ނެޓްފްލިކްސް އިން އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތު 2 އެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ތާރީހީ ޑްރާމާ "ދަ ކްރައުން" އަށް ޕްރިންސެސް ޑަޔާނާގެ ރޯލު ކުޅޭނެ އެކްޓަރެއް ހަމަޖައްސައިފި އެވެ.

ނެޓްފްލިކްސް އިން އާންމުކޮށްފައި ވަނީ ދަ ކްރައުންގެ ފަހު ދެ ސީޒަން ކަމަށްވާ ސީޒަން ފަހަކާއި ހަވަނަ ސީޒަންގައި ޕްރިންސެސް ޑަޔާނާގެ ރޯލު ފެނިގެންދާނެ ކަމަށެވެ. އަދި އެ ރޯލަށް ވަނީ އޮސްޓްރޭލިއާގެ އެކްޓަރެއް ކަމަށްވާ އެލިޒަބެތު ޑެބިކީ ހަމަޖައްސާފައި ކަމަށް ނެޓްފްލިކްސް އިން ބުނެފައިވެ އެވެ.

"ޕްރިންސެސް ޑަޔާނާ އަކީ އެތައް ބައެއްގެ ހިތްތައް ފަތަހަކުރައްވާފައިވާ ކަނބަލެއް. އަދި އެކަމަނާގެ ރޯލު މިފަދަ ބޮޑު ޝޯއަކުން ކުޅެން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް،" ޑެބިކީ ބުންޏެވެ.

އެލިޒަބެތު ވަނީ "ދަ ގްރޭޓް ގެޓްސްބީ" އާއި "ގާޑިއަން އޮފް ގެލެކްސީ ވޮލިއަމް 2" އަދި "ދަ ނައިޓް މެނޭޖާ" ފަދަ ފިލްމު ތަކުން ފެނިގެން ގޮސްފަ އެވެ. ނަމަވެސް މިހާތަނަށް ބޮޑު ޕްރޮޖެކްޓަކުން އެހާ މުހިއްމު ރޯލެއް އޭނާ އަށް ލިބިފައެއް ނުވެ އެވެ.

ކްރައުންގެ ފަހު ދެ ސީޒަންއަށް އެލިޒަބެތު ހަމަޖެއްސިއިރު، ފަހު ދެ ސީޒަންގައި ޕްރިންސް ފިލިޕްގެ ރޯލުން ފެނިގެންދާނެ އެކްޓަރެއް ވެސް ވަނީ ދާދި ފަހުން ހަމަޖައްސައިފަ އެވެ. އެގޮތުން ޕްރިންސް ފިލިޕްގެ ރޯލަށް ހަމަޖައްސާފައިވަނީ "ގޭމް އޮފް ތްރޯންސް"ގެ އެކްޓަރު ޖޮނަތަން ޕްރައިސް އެވެ.

ނެޓްފްލިކްސް އިން ޝޯގެ ފުރަތަމަ ތިން ސީޒަން މިހާރު ދައްކާ ނިމިފައިވާއިރު މި އަހަރުގެ ފަހުކޮޅުގައި ހަތަރު ވަނަ ސީޒަން ނެރޭނެ އެވެ. އެހެންނަމަވެސް ޝޯ ނެރޭނެ ސީދާ ދުވަހެއް އަދި ނެޓްފްލިކްސް އިން ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް