ނަތަންޔާހޫއާ ދެކޮޅަށް ބޭއްވި މުޒާހަރާއިން 11 މީހަކު ހައްޔަރުކޮށްފި

ނަތަންޔާހޫއާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި 11 މީހަކު ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ގުދުސް (އޮގަސްޓު 17): އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަމާ ދެކޮޅަށް އެގައުމުގައި ހޮނިހިރު ދުވަހާއި އިއްޔެ ބޭއްވި މުޒާހަރާއިން 11 މީހަކު ހައްޔަރު ކޮށްފި އެވެ.

އިސްރާއިލްގެ އެކި ސަރަހައްދުތަކުގައި ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާގައި 50،000 ވަރަކަށް މީހުން ބައިވެރިވި ކަމަށް އެގައުމުގެ ނޫހަކުން ލަފާ ކުރި އެވެ. އަދި ނަތަންޔާހޫގެ ގެކޮޅު ކުރިމަތީގައި ކުރި މުޒާހަރާ އިއްޔެ ހެނދުނާ ހަމަޔަށް ދެމިގެން ދިޔަ ކަމަށާއި އެ މުޒާހަރާއިން 11 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަރުޖަމާނު މިކީ ރޯޒެންފެލްޑް ވިދާޅުވި ގޮތުގައި މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރު ކުރީ އެ މީހުން މުޒާހަރާ ކުރުން މަނާ ސަރަހައްދަކަށް އެއްވުމުންނެވެ.

ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ދައުވާތަކާ ގުޅިގެންނާއި އެ ސަރުކާރުން ކޮރޯނާވައިރަސް ބަލިމަޑުކަމާ ކުރިމަތިލި ގޮތާ މެދު ނުރުހުންފާޅު ކުރުމުގެ ގޮތުން އިސްރާއިލްގެ އެތައް ހާސް މީހުން ހަފްތާ ބަންދުތަކުގައި މުޒާހަރާ ކުރާތާ އަށް ހަފްތާ ވެއްޖެ އެވެ.

ނަތަންޔާހޫގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލު ކުރެއްވުމާއި އަމާނަތަށް ހިޔާނާތްތެރިވުމާއި މަކަރާއި އޮޅުވާލުވުމުގެ ދައުވާކޮށްފަ އެވެ. ނަމަވެސް އޭނާ ވަނީ އެ ދައުވާތައް ދޮގު ކުރައްވާ އެއީ އޭނާގެ ވެރިކަން ވައްޓާލަން ބަޔަކު ބަލަމުންދާ މައްސަލައެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އިސްރާއީލުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތައް މެއި މަހު ލުއި ކުރި ފަހުން އެގައުމުގައި މިދިޔަ މަހު ވަނީ ވައިރަހުގެ ދެވަނަ ރާޅެއް ފެންނަން ފަށާފަ އެވެ. އަދި އެގައުމުން މިހާތަނަށް 92،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 674 މީހަކު މަރުވެފައިވެ އެވެ.

comment ކޮމެންޓް