ރަސްބުއިމުގެ ގޮތުގައި އަދިވެސް ކޯކު

އެއް ގަރުނަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް ދުނިޔޭގައި އެންމެ މަޝްހޫރު ބުއިމެއްގެ ގޮތުގައި އޮތް ކޮކާކޯލާގެ މަގުބޫލު ކަމަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ކޮކާކޯލާގެ ތާރީހަށް ބަލާލާއިރު މި ބުއިމުގެ ރެސެޕީއަކީ އެމެރިކާގެ ޖޯޖިޔާ ސްޓޭޓުގެ ފާމަސިސްޓެއް ކަމުގައިވާ ޖޯން ޕެންބަރޓަން އުފެއްދި ރެސެޕީއެކެވެ. އެންމެ ފުރަތަމަ ފަހަރަށް ކޮކާކޯލާ ވިއްކަން ފަށާފައިވަނީ ޖޯޖިޔާގެ އެޓްލާންޓާގައި 8 މެއި 1886 ގައެވެ. އެންމެ ފުރަތަމަ ކޮކާކޯލާ ވިއްކަން ފަށާފައިވަނީ ފުޅީގައި ބަންދުކޮށްގެންނެއް ނޫނެވެ. އޭރު އެންމެ ފަސް ސެންޓަށް ވިއްކި މި ބުއިން ފުޅީގައި ބަންދުކޮށްގެން ވިއްކަން ފެށުމުން މުޅި ދުނިޔޭގައި ވެސް މި ބުއިމަށް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ދިޔައެވެ.

ގަރުނެއް ވެގެން ދިޔަ އިރު ވެސް މި ބުއިމުގެ ރެސެޕީ އާންމު ވެފައެއް ނުވެއެވެ. މިއީ ދުނިޔޭގައި ވިޔަފާރީގެ އެންމެ ބޮޑު ސިއްރެއްގެ ގޮތުގައި ބެލެވޭ ރެސެޕީއެވެ. ކޮކާކޯލާގެ އޮރިޖިނަލް ރެސެޕީ ރައްކާ ކުރެވިފައިވަނީ އެޓްލާންޓާގައި ހުންނަ ސަން ޓްރަސްޓް ބޭންކުގެ މައި ވޯލްޓުގައެވެ. ރަހައިގެ ގޮތުން ކޮކާކޯލާގެ ރަހައާ ވަރަށް އެއްގޮތް ބުއިންތަކެއް އުފެއްދޭތޯ އެތައް ބަޔަކު މަސައްކަތް ކުރި ނަމަވެސް އަދި މިހާ ތަނަކަށް ކޮކާކޯލާގެ އަސްލު ރަހައާ އެއްގޮތް އެއްވެސް ބުއިމެއް ދުނިޔޭގެ މާކެޓަށް ނެރެވިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. ކޮކާކޯލާއާ އެންމެ ގާތްކުރާ ބުއިންތަކުގައި ވެސް މާ ބޮޑަށް ފޮނި ރަހަ ގަދަވުން ފަދަ ނުވަތަ ހިތި ރަހަ ގަދަވުން ފަދަ މައްސަލަތައް ހުންނަކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކޮކާކޯލާ ފެކްޓަރީތައް ވަނީ ގާއިމު ކުރެވިފައެވެ. މި ގޮތުން ކޮކާކޯލާ ކުންފުނީގެ 300 އަށް ވުރެ ގިނަ ގޮފި ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުގައި ހުރެއެވެ. މި ހުރިހާ ފަރާތަކުން ވެސް ކޮކާކޯލާ ފުޅީގައި ބަންދުކޮށް ހަދާއިރު، އަސްލު ރެސެޕީ ނެރޭ މާއްދާ އަންނަނީ މައި މަރުކަޒުންނެވެ. އެހެން ކަމުން ކޮކާކޯލާގެ ރެސެޕީގެ ސިއްރު ހާމަވުމުގެ ފުރުސަތެއް ނެތެވެ.

މިއަދު ކޮކާކޯލާ ކުންފުނިން ގެންދަނީ ކޮކާކޯލާގެ ތަފާތު ވައްތަރުތައް ބާޒާރަށް ނެރެމުންނެވެ. މީގެ ތެރޭގައި ހަކުރު ބަލީގެ މީހުންނަށް އަމާޒުކޮށްގެން ހަދާފައިވާ "ކޮކާކޯލާ ޒީރޯ" އާއި ޑައެޓް ކުރާ މީހުންނަށް އަމާޒުކޮށްގެން ނެރެފައިވާ "ޑައެޓް ކޯކް" އަދި "ލައިޓް ކޯކް" އާއި ތަފާތު ފްލޭވަރތަކުގެ ބުއިންތައް ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ޗެރީ އާއި ވެނީލާފަދަ ފްލޭވަރތަކުގެ ކޮކާކޯލާ ހިމެނެއެވެ. މީގެ ތެރެއިން މި ވަގުތު އެންމެ ބޮޑު ތަރުހީބެއް ހޯދަމުން އަންނަ އެއް ބުއިމަކީ ކޮކާކޯލާ ޒީރޯއެވެ. މިއީ އެއްވެސް ކެލަރީއެއް ނުހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ބުއިމެކެވެ. 2009 ވަނަ އަހަރު އެކަނި ވެސް 600 މިލިޔަނަށް ވުރެ ގިނަ ކޭސް ކޮކާކޯލާ ޒީރޯ ވިކިފައިވެއެވެ. މިހާރު ދުނިޔޭގެ 130 ގައުމަކުން މި ބުއިން ލިބެން އެބަ ހުށްޓެވެ.

އިންޓަރބްރޭންޑްސްގެ ބެސްޓް ގްލޯބަލް ބްރޭންޑް 2011 ގެ ވޯރލްޑްސް މޯސްޓް ވެލުއެބްލް ބްރޭންޑުގެ މަގާމު ލިބިފައިވަނީ ވެސް ކޮކާކޯލާ އަށެވެ. ކޮންމެ ދުވަހަކު 1.7 ބިލިއަން މީހުން ކޮކާކޯލާ ކުންފުނީގެ އުފެއްދުންތައް ބޭނުން ކުރެއެވެ. މިއީ ދުނިޔޭގެ އާބާދީގެ ކޮންމެ ހަތަރު މީހަކުން އެކެކެވެ.

ކޮކާކޯލާ ކުންފުންޏަށް 125 އަހަރުވެފައިވާއިރު، މި ކުންފުނީގައި 139600 މުވައްޒަފުން މަސައްކަތް ކުރެއެވެ. ކޮކާކޯލާ ކުންފުނީގެ ޗެއަރމަން އަދި ސީއީއޯ ކަމުގެ މަގާމު 2008 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން ގެންދަވަނީ ތުރުކީ ދަރިކޮޅުގެ ބޭފުޅެއް ކަމުގައިވާ މުހްތާރު ކެންޓެވެ. މުހުތާރު ކެންޓް ހަތަރު ފަހަރެއްގެ މަތީން ދިވެހިރާއްޖެ އަށް ޒިޔާރަތް ކޮށްފައިވެއެވެ. އޭނާ ވިދާޅުވާ ގޮތުގައި ކުރިޔަށް އޮތް ތިން ގަރުނުގެ ތެރޭގައި ވެސް ކޮކާކޯލާގެ މަގާމު އަތުލެވޭ ފަދަ އެހެން ބުއިމެއް ބާޒާރަށް ނުނެރެވޭނެ ކަމުގެ ޔަގީންކަން ކޮކާކޯލާ ކުންފުންޏަށް އެބައޮތެވެ. އެހެންކަމުން އަދިވެސް ކޮކާކޯލާގެ ކުރިމަގު އޮތީ އުޖާލާކޮށް ކަމަށް ބުނަން ޖެހެއެވެ.

ގަރުނެއް ވެގެން ދިޔަ އިރުވެސް ރަހަޔަކަށް ބަދަލެއް ނާދެއެވެ. މަގުބޫލު ކަމަކަށް ވެސް ބަދަލެއް ނާދެއެވެ. އެހެން ކަމުން އަދިވެސް ދުނިޔޭގެ ރަސްބުއިމަކީ ކޮކާކޯލާއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް