ކޮވިޑްގެ ކޮރަޕްޝަންތަކާ ގުޅޭ ރިޕޯޓް މާލިއްޔަތު ކޮމެޓީން ދިރާސާ ކުރަނީ

މާލިއްޔަތު ކޮމެޓީގެ މީގެ ކުރީގެ ބައްދަލުވުމެއްގެ ތެރެއިން: ކޮވިޑާއި ގުޅިގެން ނެރުނު އޮޑިޓް ރިޕޯޓް އެ ކޮމެޓީން މާދަމާ ދިރާސާ ކުރަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޓުއަރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމެޓީން ދިރާސާ ކުރަން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން އޮޑިޓް އޮފީހުން ވަނީ ރިޕޯޓެއް އާންމުކޮށްފަ އެވެ.

އެކަމާ ގުޅިގެން މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓުއަރިޒަމް އާއި ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލިއަންސް އޮޑިޓް ރިޕޯޓްގައި ކަންބޮޑުވާ ބައެއް ކަންކަން ފާހަގަކުރެވޭތީ މާދަމާގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ދެ ރިޕޯޓް ދިރާސާ ކުރުން އޮންނާނެ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލަ ތަހުގީގުކުރަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ އަންގާފަ އެވެ.

ކޮވިޑް19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ކުރި ޚަރަދުތަކުގެ 99 ޕަސަންޓަކީ މިނިސްޓްރީގެ ޒިންމާއާ ނުގުޅޭ ޚަރަދުތަކެއް ކަމަށް، މީގެ ކުރިން އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް