ގެވެށި އަނިޔާގެ މައްސަލަތަކުގައި ގާނޫނުގެ ބާރު ފުރިހަމައަށް ބޭނުންކުރާނަން: ޕީޖީ

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގެވެށި އަނިޔާގެ މައްސަލަތަކުގައި ގާނޫނުން ލިބިދޭ ބާރުފެ ފުރިހަމަ ބޭނުން ހިފާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ ކުރީގެ އަނބިމީހާގެ އަނގަޔަށް ކެމިކަލް އެޅި މީހާއަށް، ކުރި މީހަކު މަރަން އުޅުނުކަމުގެ ދައުވާއާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ރ. އަލިފުށި، ކަސްތޫރިގެ، އަލީ އަމީންގެ މައްޗަށް ދައުވާ ކުރީ، މިދިޔަ މަހު އެއް ވަނަ ދުވަހު އޭނާގެ ކުރީގެ އަންހެނުންނަށް މަރުގެ އިންޒާރުދީ، އަނިޔާކޮށް، އެ އަންހެންމީހާގެ އަނގަޔަށް ބާރުގަދަ ކެމިކަލްއެއް އަޅައި، އެ އަންހެންމީހާގެ ހަށިގަނޑަށް ގެއްލުންދީ، މަރާލަން އުޅުނު މައްސަލައިގައެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް ކޮށްފައިވެއެވެ. އޭނާގެ މައްޗަށްކޮށްފައިވާ ދައުވާތަކަކީ، މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އަދި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ މިއީ ގާނޫނުލްއުގޫބާތުގެ ދަށުން މިފަދަ މައްސަލައެއްގައި މީހަކު މަރާލަން އުޅުނުކަމުގެ ދައުވާ އުފުލު ފުރަތަމަ ފަހަރު ކަމަށެވެ.

މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ، އާސާސީ މިންގަޑުން ބަލައި 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ އާސީސީ މިންގަނޑުން ބަލައި، އެއް އަހަރާއި ހަތް މަހާއި ހަދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ، އަސާސީ މިންގަނޑުން ބަލައި، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.

އަލިފުށިން މީގެ ކުރިން "ސަން"އަށް ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި އަންގެން މީހާގެ ކުރީގެ ފިރިމީހާ އޭނާގެ އަނގަޔަށް ލައްފިލުވާ އެޅީ، އޭނާ ނަމާދަށް ހުއްޓާ މޫނު ނިވާކޮށްގެން، އަތަށް އަންގި އަރުވައިގެން ގޮސް ކަމަށެވެ. އަދި އެ މީހުން ވަރިވެފައި ތިބޭތާ 10 މަސް ދުވަސްވެފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

comment ކޮމެންޓް