ޓޫރިޒަމް މިނިސްޓްރީ އިން ކޮވިޑަށް ގަތީ ފެންވަރު ދަށް ތަކެތި: އޮޑިޓް

އެކަންއުންޓެންޓްސް ފޯރަމް ނިންމުމުގެ ރަސްމިއްޔާތަށްފަހު އޮޑިޓާ ޖެނަރަލް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ -- ފައިލް ފޮޓޯ/އޮޑިޓް އޮފީސް

ކޮވިޑް-19 އާ ގުޅިގެން ނެޝަނަލް ޑިޒާޒްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން އެދުނު މިންވަރަށް ވުރެ އެތައް ގުނަ އިތުރަށް ޓޫރިޒަމް މިނިސްޓްރީ އިން ތަކެތި ގަތް އިރު އެ ތަކެއްޗަކީ ފެންވަރު ދަށް ތަކެެތި ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިގޮތަށް ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ކުރި ޚަރަދުތަކުގެ މައްޗަށް ތައްޔާރުކޮށް ނެރުނު ކޮމްޕްލަޔަންސް އޮޑިޓްރިޕޯޓުގަ އެވެ.

ކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އެތައް އަސަރެއް ކޮށްފައިވާ ދަނޑިވަޅުގައި މާޗު 9 ވަނަ ދުވަހު އެންޑީއެމްއޭ އިން ވަނީ އޮޕަރޭޝަނަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ޓޫރިޒަމް މިނިސްޓްރީގެ އެދުމުގެ މަތިން އެ މިނިސްޓްރީ އަށް ފޮނުވައިފަ އެވެ.

އޯޑިޓް ރިޕޯޓަށް ފާހަގަކުރެވުނު ގޮތުގައި މިނިސްޓްރީ އިން އެ ލިސްޓުގައި ހިމެނޭ ބައެއް ތަކެތި ގަނެފައެއް ނުވެ އެވެ. އެ ލިސްޓުގައި ދެން ހުރި ތަކެތި ގަނެފައި ވަނީ އެންޑީއެމްއޭ އިން އެދުނު މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށެވެ.

އެގޮތުން އެންޑީއެމްއޭއިން މިނިސްޓްރީއަށް ފޮނުވި ލިސްޓުގައި ގަތުމަށް އެދިފައިވަނީ އެން-95ގެ 3،000 މާސްކެވެ. އެހެންނަމަވެސް މިނިސްޓްރީ އިން ވަނީ 136،000 ޑޮލަރަށް 20،000 މާސްކު ގަނެފަ އެވެ.

ހެޒްމެޓް ސޫޓު (އެކި ސައިޒުގެ) 3،000 ސޫޓަށް އެންޑީއެމްއޭ އިން އެދުނު އިރު މިނިސްޓްރީ އިން ވަނީ 80،000 ޑޮލަރަށް 5،000 ސޫޓު ގަނެފަ އެވެ.

އެންޑީއެމްއޭ އިން ތައްޔާރު ކުރި ލިސްޓުގައި ހިމެނޭ ތަކެތި ގަތުމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ޖުމްލަ 216،000 ޑޮލަރު (3.3 މިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.

ޖޫން 8، 2020: އެމްޕީއެލް ސަރަހައްދުގައި އާރް އާރް ޓީމްތަކުން ރެންޑަމް ސާމްޕަލް ނެގުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންޑީއެމްއޭ އިން ތައްޔާރުކުރި ލިސްޓުގައި އެދުނު ތަކެތީގެ ތެރެއިން މިނިސްޓްރީ އިން އެޑަލްޓް އަދި ޕީޑިއޭޓްރިކް ނޮން-ބްރީދާ މާސްކު ނުގަންނަ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި ހެޒްމެޓް ސޫޓުގެ ހުޑް، ޑިސްޕޯޒެބަލް ހައިފްލޯ ނޭޒަލް ކެނިއުލާ އަދި ހައި ފްލޯ އޮކްސިޖަން ނޭޒަލް ކެނިއުލާ ޑިވައިސްވެސް މިނިސްޓްރީ އިން ގަނެފައެއް ނުވެ އެވެ.

ރިޕޯޓުގައި ވަނީ އެންޑީއެމްއޭ އިން އެދުނު ތަކެތީގެ ތެރެއިން މިނިސްޓްރީ އިން ގަތް ތަކެއްޗަކީ ބޭނުންވާ ފެންވަރުގެ ތަކެތި ކަމާ މެދު ޔަގީންކަމެއްނެތް ކަމަށެވެ.

ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ޓޫރިޒަމް މިނިސްޓްރީ އިން އަދި އެންޑީއެމްއޭ އިންވެސް ގަތް ތަކެތީގެ ފެންވަރު ރަނގަޅަށް ބަލާފައިވާކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނާކަށް ނެތެވެ.

އަދި ގެނައި ތަކެތީގެ ތެރެއިން މާސްކާ ގުޅޭ އެޕްރޫވަލް ސެޓްފިކެޓްގައި ބަޔާންކޮށްފައިވާ މޮޑެލް ނަންބަރު މިނިސްޓްރީ އިން ގެނައި މާސްކުތަކުގެ ލިޔެކިޔުންތަކުގައި ފެންނަން ނެތުމުން ގެނެސްފައި ވަނީ ސެޓްފިކެޓުގައި ބުނެފައިވާ މާސްކުތައް ކަން ޔަގީންކުރެވެން ނެތްކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މިނިސްޓްރީ އިން ގެނައި މާސްކުތަކަކީ ކޮވިޑް-19ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބުނާ މާސްކުތަކެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި ސިއްހީ މާހިރުން ފާހަގަކޮށްފައިވާ އިރު އެ ކަމުގައި ޕޮލިސީ ފެންވަރުގައި ނިމުނު ގޮތުގެ ލިޔުމެއް އޯޑިޓް އޮފީހުގެ އެ ރިޕޯޓަށް ލިބޭ ގޮތް ވަނީ ނުވެފައި ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

ގަތް ތަކެއްޗާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އޯޑިޓް އޮފީހުން އެންޑީއެމްއޭގައި އެދުމުން އެ އޮފީހުން ވަނީ ގަތް ތަކެތީގެ ފެންވަރު ބެލުމަކީ އެ އޮފީހުން ކުރަން އޮންނަ ކަމެއް ނޫންކަމަށް ބުނެފައި ކަމަށެވެ.

އަދި ގެނެވުނު ތަކެތީގެ ތެރެއިން އެން-95 މާސްކުތަކަކީ ދަށް ފެންވަރުގެ ތަކެތި ކަމަށް މަޝްވަރާކުރެވުނު ކަމަށް އަދި ގަތް ތަކެތި އެހެނިހެން އެކި މުއައްސަސާތަކާ ހަވާލުކުރެވިފައިވާ ކަމަށް އެންޑީއެމްއޭގެ ފަރާތުން މައުލޫމާތު ލިބުނު ކަމަށް ރިޕޯޓުގައިވެ އެވެ.

މިއީ ކޮން ކޮން މުއައްސަސާތަކެއްކަން އޯޑިޓް އޮފީހަށް ސާފުވެފައިނުވާ އިރު އެ ތަކެތި ގަތުމުގައި ތަކެތީގެ އަދަދާއި، ފެންވަރު އަދި ސްޕެސިފިކޭޝަން ފަދަ މައުލޫމާތު ނުނިންމައި އަދި ލިޔެކިޔުމުން ބެލެހެއްޓިފައި ނުވާކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި ތަކެތީގެ ފެންވަރު ނުބެލުމުގެ އިތުރުން ސިއްހީ ދާއިރާގެ ކަމާބެހޭ ފަންނީ މާހިރުންގެ ބަސް ވެސް ހޯދާފައިނުވާ ކަމަށް އޯޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް