އޮޑިޓް: ވެންޓިލޭޓަރާ ގުޅޭ ގޮތުން ހެދީ ދޮގު، ޑަބްލިއުއެޗްއޯގެ ލަފައެއް ނެތް

އޭޕްރީލް 6، 2020: ކޮރޯނާވައިރަހަށް ޓެސްޓު ކުރުމަށް ބޭނުންކުރާ އިތުރު 5،000 ޓެސްޓް ކިޓު ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެލްތު މިނިސްޓްރީއިން ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ ކުންފުނި އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާ ދީގެން ހަވާލުކުރި ކުންފުންޏެއް ނޫންކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޮޑިޓު އޮފީހުން މިހެން ބުނީ ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައެވެ.

މީގެ ކުރިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސަރުކާރުގެ އެކި އޮފިޝަލުން ވަނީ ދުބާއީގެ އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް ކުންފުންޏަކީ ވެންޓިލޭޓަރު ގަތުމަށް ޑަބްލިއުއެޗްއޯއިން ރިކޮމެންޑްކޮށްގެން ހަވާލުކުރި ކުންފުންޏެއް ކަމަށް ވިދާޅުވެފައެވެ.

އޯޑިޓް ރިޕޯޓުގައި ފާހަގަކުރި ގޮތުގައ 75 ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީއިން ހަވާލުކުރި އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް އާ ޑަބްލިއުއެޗްއޯ އާ އެއްވެސް މުއާމަލާތެއް ކުރެވިފައެއް ނުވެއެވެ. އަދި ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއްވެސް އެ ޖަމިއްޔާއިން ފޯރުކޮށްދީފައެއް ނުވެ އެވެ.

އެހެންނަމަވެސް ހެލްތު މިނިސްޓްރީއިން ފިނޭންސް މިނިސްޓްރީއަށް އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގްއަކީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން އެ ޖަމިއްޔާއިން ފޯރުކޮށްދިން ސަޕްލަޔަރުންގެ ލިސްޓުގައި ހިމެނޭ ކުންފުންނެއްކަމަށް ދޭހަވާގޮތަށް ވަނީ ބަޔާންކޮށްފަ އެވެ.

އަދި ހެލްތު މިނިސްޓްރީގެ ފިނޭންސް އެގްޒެކެޓިވް އެ މިނިސްޓްރީގެ ބިޑް ކޮމިޓީއަށް ފޮނުވި މެމޯގައިވެސް މިފަދަ ގޮތަކަށް ބުނެފައިވާކަމަށް ވަނީ އޯޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ވެންތިލޭޓަރު ގަތުމަށް މިނިސްޓްރީގެ ބިޑް ކޮމިޓީއިން ބެއްވި ޖަލްސާގައި ކޮމިޓީގެ މުގައްރިރު ޑަބްލިއުއެޗްއޯގެ ނެޝަނަލް ޕްރޮފެޝަނަލް އޮފިސަރަށް ގުޅުމުން، އެ އޮފިސަރުވެސް މިފަދަ ލިސްޓެއް ފޯރުކޮށްދީފައިވާނޭކަމަށް އަދި އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގްއަކީ ވެންޓިލޭޓަރު ފަދަ ތަކެތި ޑަބްލިއުއެޗްއޯއަށް ގަންނަ ފަރާތެއްކަމަށް މައުލޫމާތު ދީފައިވާކަމަށް ބިޑް ކޮމިޓީގެ ޖަލްސާގެ ޔައުމިއްޔާގައި ބަޔާންކޮށްފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް މި ކަންކަމަށް އޮޑިޓް އޮފީހުން ބެލިބެލުމުން ޑަބްލިއުއެޗްއޯގެ އޮފިސަރު ވަނީ އިންކާރުކޮށްފަ އެވެ. ޑަބްލިއުއެޗްއޯގެ އޮފިސަރުގެ ކިބައިން މައުލޫމާތު އޮޅުންފިލުވުމުން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީއަށް މައުލޫމާތު ދިނުމަށް އޭނާއަކީ އެންމެ އެކަށީގެންވާ ފަރާތް ނޫންކަމަށް ބުނިކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި ހަމަ އެއާއެކު މިނިސްޓްރީގެ ފިނޭންސް އެގްޒެކިއުޓިވް ފޯވަޑްކޮށްފައިވާ އީމެއިލްގައިވާ ފަރާތް (އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް)އާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭކަމަށް އަދި އެ ފަރާތް މެދުވެރިކޮށް ގެންނަ ވެންޓިލޭޓަަރަކީ ޑަބްލިއުއެޗްއޯއިން ރެކޮމެންޑްކޮށްގެން ގެންނަ ވެންޓިލޭޓަރުތަކެއް ނޫންކަމަށް ބިޑް ކޮމިޓީއަށް އޭނާ މައުލޫމާތު ދިންކަމަށް ރިޕޯޓުގައިވެ އެވެ.

ހެލްތު މިނިސްޓްރީއިން ބިޑް ކޮމިޓީއަށް ފޮނުވި މެމޯގައި އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގްއަކީ ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެސެންޓެޓިވް ޑރ. އަރުވިންދު މަތޫރުގެ ލަފާގެ މަތިން ޑަބްލިއުއެޗްއޯއިން ރެކޮމެންޑް ކުރި ކުންފުންޏެއްކަމަށް ވަނީ ބުނެފައެވެ.

އަދި އެ ކުންފުނިން ސަޕްލައި ކުރާ ވެންޓިލޭޓަރުތަކުގެ ބްރޭންޑްގެ ލިސްޓެއްވެސް އެ އިދާރާއަށް ލިބިފައިވާކަމަށް މެމޯގައި ބުނެފައިވާކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އެހެންނަމަވެސް އޮޑިޓް އޮފީހުން މިކަން އިތުރަށް ސާފުކުރިއިރު ހެލްތު މިނިސްޓްރީއަށް ވެންޓިލޭޓަރު ހޯދަން ދަތިވެގެން ޑރ. އަރުވިންދް މަތޫރުގެ އަރިހުން އެހީތެރިކަމަށް އެދުމުން ލިބުނު މައުލޫމާތު ނުރަސްމި ހައިސިއްޔަތަކުން ފޯރުކޮށްދީފައިކަމަށް ވަނީ އެނގިފައެވެ.

އެހެންނަމަވެސް ހެލްތު މިނިސްޓަރު އަމީން ވިދާޅުވި ފަދަ ރެކޮމެންޑަޑް ސަޕްލަޔަރުންގެ ލިސްޓެއް ޑަބްލިއުއެޗްއޯއިން ފޯރުކޮށްދީފައިނުވާކަމަށް އަދި އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް އަދި އެހެންވެސް ކުންފުންޏަކުން ވެންޓިލޭޓަރު ގަތުމަށް ޑަބްލިއުއެޗްއޯއިން ލަފާދީފައިވާކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތްކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ވެންޓިލެޓަރު ގަތުމަށް ހެދުނު އެއްބަސްވުމުގައި ޕާފޯމަންސް ގެރެންޓީއެއް މިނިސްޓްްރީއިން ހޯދާފައިނުވާއިރު މިއީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޙިލާފްކަމެއްކަމަށް އޯޑިޓް ރިޕޮޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެޑްވާންސްގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއްވެސް ބަހައްޓާފައިނުވާކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި އެޑްވާންސް ޕޭމަންޓް ދިނުމުގައި އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް އިން ބުނި ބުނުމަކަށް ބަރޯސާވެ "އާންމު ބުއްދީގެ" ހަމަތަކާއި ޙިލާފަށް ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ވަޒަންނުކޮށް ބޭންކް ގެރެންޓީއެއް ނުލައި ފައިސާ އެޑްވާންސަށް ދޫކޮށްފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް