ކްރިކެޓް ސްޓޭޑިއަމާއެކު އިންގިލާބީ ބަދަލެއްގެ އުންމީދު

ޖޫން 8، 2019: ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅު ތަކާއި ދެޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ ކްރެޑިޓް ލައިންގެ ތެރޭގައި ހިމެނިގެން ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ ދުނިޔޭގެ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމާ އެކު ކްރިކެޓަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށް ކްރިކެޓް އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަފްލާހް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާއިން ރާއްޖެއަށް ދޭން އިއުލާންކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރޭގައި ހިމެނިގެން އައި ކަންތައްތަކުގެ ތެރެއިން ކުޅިވަރުގެ ރޮނގުން އެންމެ ބޮޑު އުފަލެއް ލިބުނީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމެއް ރާއްޖޭގައި އަޅާނެ ކަމުގެ ޔަގީންކަން ލިބުމުންނެވެ.

އެއަށްފަހު 2019 ވަނަ އަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއް ހަދައި، ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް އެހީތެރިވެދޭނެކަން ރަސްމީކޮށް ވަނީ އިއުލާން ކޮށްފަ އެވެ.

އަދި ދެގައުމުގެ މެދުގައި މަޝްވަރާކުރެވި، އެކަމާ ގުޅުން ހުރި މަސައްކަތްތަކަށްފަހު، މިދިޔަ ހަފްތާގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ އެސް ޖައިޝަންކަރާއެކު ބޭއްވި ވީޑިއޯ ކޮންފަރެންސްގައި އިންޑިއާއިން ރާއްޖޭގައި ހިންގާ ބޮޑު 7 މަޝްރޫއެއްގެ ތެރޭގައި ކްރިކެޓް ސްޓޭޑިއަމްގެ މަޝްރޫއު ކުރިއަށްގެންދާނެކަން ވަނީ ހާމަކުރައްވާފަ އެވެ.

ދިގު އިންތިޒާރެއްގެ ނިމުން ކައިރިވެފައިވާ އިރު މި ފޮނި ހުވަފެން ހަގީގަތަކަށް ވެގެން ދިއުމާ އެކު ކްރިކެޓުން ރާއްޖެ ދުވަހަކުވެސް ނުދެކޭ ފަދަ ކުރިއެރުންތައް ލިބޭނެ ކަމުގެ އުންމީދު ވެސް ވަނީ ބޮޑުވެފަ އެވެ.

އަދި އެހެންމެ އެ ސްޓޭޑިއަމާ އެކު ދުނިޔޭގެ ސަމާލުކަން ވެސް ރާއްޖެއަށް ލިބި ސްޕޯޓްސް ޓުއަރިޒަމް އިތުރަށް ތަރައްގީވާނޭ ކަމަށާއި، މިއީ ހަމައެކަނި ކްރިކެޓަށް ލިބުނު އުފަލެއް ނޫން ކަމަށް ކްރިކެޓް އެސޯސިއޭޝަނުގެ ރައީސް އަފްލާހް ވަނީ ވިދާޅުވެފަ އެވެ.

"ސްޓޭޑިއަމުގެ ސަބަބުން އެންމެ ފުރަތަމަ ލިބޭނެ ކުރިއެރުމަކީ އިންފްރާސްޓްރަކްޗާއެއް ގާއިމުވުން. ދެން ސްޓޭޑިއަމުގެ ތެރޭގައި ކުރެވޭނީ ކޮންކަމެއްތޯ ބަލާއިރު، އިންޓަނޭޝަނަލް ސްޓޭޑިއަމްތައް ހޯސްޓް ކުރެވޭނެ. ދެން އަނެއްކަމަކީ ސްޓޭޑިއަމުގައި އެބައޮތް އެކެޑެމީއެއް ވެސް. އިންޓަނޭޝަނަލް އެކްރެޑިޓް އެކެޑެމީއެއް. އޭގެ މާނައަކީ ދުނިޔޭގެ ކޮންމެ ތަނަކުން ވެސް މިތަނަށް އައިސްފައި، އެކެޑެމީގެ ޓްރެއިނިންގްތައް ހެދޭނޭ،" އަފްލާހް ވިދާޅުވި އެވެ.

އަފްލާހް ވިދާޅުވީ، އެ ސްޓޭޑިއަމަކީ ހަމައެކަނި ކްރިކެޓަށް ހާއްސަ ސްޓޭޑިއަމެއްގެ ބަދަލުގައި އެތަން ވެގެންދާނީ މަލްޓި ޓާސްކިންގް ސްޓޭޑިއަމެއް ކަމަށެވެ. އެހެން ކަމުން އެތަނުގައި އިތުރު ކުޅިވަރުތަކާއި، ޝޯތައް ވެސް ބޭއްވިގެންދިއުމާ އެކު ކުޅިވަރުގެ އިންފްރާސްޓްރަކްޗާއަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޓޭޑިއަމެއް އޮވެގެން ރާއްޖެގައި އިންޓަނޭޝަނަލް މުބާރާތްތަކެއް ހޯސްޓް ކުރެވިއްޖެޔާ އެއީ ސީދާ ސްޕޯޓްސް ޓުއަރިޒަމް. އެ މުބާރާތަށް މީހުން އައުމާއެކު އިންކަމްއަށް ބަލާއިރު ވަރަށް ބޮޑެތި ފައިދާތަކެއް ރާއްޖެއަށާއި، ކްރިކެޓަށް ކުރާނެ. އެހެން ކަމުން އެ ސްޓޭޑިއަމްގެ ސަބަބުން ކްރިކެޓް އެހެން ބަޔަކަށް ބަރޯސާ ނުވެ ހިނގޭނެ. އެހިސާބުން އަސްލު ސަސްޓޭން ކުރެވޭނީ،"

ރާއްޖޭގައި ކުރިކެޓު ކުރިއެރުވުމަށް ސްޓްރެޓެޖިކް ޕްލޭނެއް ހެދުމަށްޓަކައި ބޭނުންވާ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކުރުމަށް މިދިޔަ އަހަރުގެ ތެރޭ ކްރިކެޓް ބޯޑުގެ ސީނިއާ އޮފިޝަލް އަދި ކުރީގެ ކުޅުންތެރިޔާ ސަބާ ކަރީމް އާއި އިންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ފީލްޑިން ކޯޗު އަބޭ ޝަރްމާ ރާއްޖެ އައެވެ.

އަދި ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ޓްރެއިނިންގް ކޭމްޕުތައް ހަމަޖައްސައިދިނުމަށާއި ކޯޗުންނާއި އަމްޕަޔަރުން ތަމްރީނުކުރުމުގެ ހަރަކާތްތަކެއް ހިންގުމަށް އޭރު ކުރެވުނު މަޝްވަރާތަކުގައި އިންޑިއާއިން ވަނީ އެއްބަސް ވެފަ އެވެ. އެހެން ނަމަވެސް ކޮވިޑާ އެކު އެކަން މަޑުޖެހިފައި އޮތް ނަމަވެސް މިކަމުން އަރައިގަނެވުނުހާ އަވަހަކަށް އެ ފުރުސަތު ލިބޭނެ ކަމަށް އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު ސަންޖޭ ސުދީރު ވަނީ މިފަހުން ވިދާޅުވެފަ އެވެ.

"ސްޓޭޑިއަމްގެ އިތުރުން ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް ކޯޗުންނާއި ކުޅުންތެރިން ތަމްރީންކުރުމާއި، އިންޑިއާއިން ކްރިކެޓްގެ ފުރުސަތުތައް ހޯދައިދިނުމަށް އިންޑިއާއިން އެހީތެރިވެދޭނެ. މިއީ ދެގައުމުގެ މެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ކަމެއް އަދި ސްޕޯޓްސް ޑިޕްލޮމެސީގެ ވަރަށް ފުރިހަމަ މިސާލެއް." ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވި އެވެ.

comment ކޮމެންޓް