އެއާޕޯޓު އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެ

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ގޮސްފައިވާ ހިސާބު -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މި މަހުގެ 10 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެއެވެ.

އެ ހާދިސާ ހިނގާފައި ވަނީ އެދުވަހު އިރުއޮއްސި 18:15 ހާއިރު، ވީއައިއޭގެ ސީޕްލޭން އޮޕަރޭޓްކުރާ ސަރަހައްދުގައި ހުރި ތެޔޮ ރައްކާކުރާ ތާނގީތައް ކައިރީގައެވެ.

އެ ހާދިސާގައި ފިހުނީ އެމްއޭސީއެލްގެ މުވައްޒަފެއް ކަމަށްވާ އިސްމާއީލް ރަޝީދު (46އ) އެވެ. އޭނާ މަރުވިކަން އެމްއޭސީއެލް އިން ވަނީ "ސަން" އަށް ކަށަވަރުކޮށްދީފައެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

އެމްއޭސީއެލް އިން ބުނީ އިސްމާއީލް ރަޝީދަކީ އެ ކުންފުނީގައި 26 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފެއް ކަމަށެވެ.

އަލިފާން ރޯވިތާ މާގިނަ އިރުތަކެއް ނުވަނީސް އެއާޕޯޓުގެ ފަޔާމަނުން އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި އެ ހާދިސާ ހިނގިގޮތް ބެލުމަށް އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް