ދިޔަމިގިލި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ތ. ދިޔަމިގިލީގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެޅި ފުޓްސަލް ދަނޑު --- ފޮޓޯ//ޔޫތް މިނިސްޓްރީ

ތ. ދިޔަމިގިލީގައި ކުޅިވަރާ ބެހޭ ވުޒާރާއިން ހަދަމުން ދިޔަ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި އެ ރަށުގެ ޒުވާނުން އެ ދަނޑު ބޭނުން ކުރަން ފަށައިފި އެވެ.

މި ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވަމުން މިނިސްޓަރު އަޙްމަދު މަޙްލޫފް ވިދާޅުވީ ދަނޑުގެ މަސައްކަތްތައް ނިންމާލާފައި ވަނީ ދިޔަމިގިލީ ޒުވާނުނާއި ކައުންސިލުން އެދުނު ގޮތަށް ކަމަށެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ ގިނަ އަދަދެއްގެ ފުޓްސަލް ދަނޑުތަކެއްގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށާއި އަދި ވެސް ގިނަ ދަނޑުތަކެއްގެ މަސައްކަތް މިނިސްޓްރީއިން ކުރަމުންދާ ކަމަށެވެ. ހަމައެހެންމެ ފުޓްސަލް ދަނޑުތައް އަޅަމުންދާތީ ބައެއް ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި އެހެން ކުޅިވަރުތަކަށް ވެސް ބޭނުންވާ ފެސިލިޓީސް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިޔަމިގިލި ފުޓްސަލް ދަނޑުގެ މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ލޯންސްޓާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. އެ މަސައްކަތަށް ގާތްގަނޑަކަށް 580،00 ރުފިޔާ ޚަރަދުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާ އިން ބުންޏެވެ.

ކޮވިޑްގެ ސަބަބުން ސަރުކާރުން ކުރަމުން އައި މަޝްރޫއުތަކަށް ކޮންމެސް ވަރެއްގެ މަޑު ޖެހުމެއް އައި ނަމަވެސް ޒުވާނުންގެ މަސްލަހަތު ހިމެނޭ ކަންކަން ވީހާ ވެސް އަވަހަށް ނިންމުމަށް ބުރަ މަސައްކަތެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު މަހްލޫފް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ރަށްރަށުގައި އަޅާ ބޮޑު ފުޓުބޯޅަ ދަނޑުތަކުގެ މަސައްކަތުގެ ތެރެއިން މިއަހަރު އެކަނި ވެސް 13 ރަށެއްގެ ދަނޑުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށާއި، އިތުރު 22 ރަށެއްގެ ދަނޑުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް ފިނޭންސް މިނިސްޓްރީގެ ލަފާ ހޯއްދަވާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް