ރަސްމީ ގުޅުން ގާއިމްކުރުމަށް ފަހު އިސްރާއިލާއި ޔޫއޭއީން މުވާސަލާތީ ގުޅުންވެސް ގާއިމްކޮށްފި

ޔޫއޭއީގެ މީހަކު ފޯނު ބޭނުންކުރަނީ--

އިސްރާއިލާ ޔޫއޭއީއާ ސިޔާސީ ގުޅުން ގާއިމްކޮށް ދެގައުމުގެ ދެމެދުގައި މުވާސަލާތީ ގުޅުން ވެސް ގާއިމްކޮށްފި އެވެ.

އެމެރިކާގެ ޑޮނަލްޑް ޓްރަމްޕް މެދުވެރިއަކަށް ހުރެ އިސްރާއިލާ ޔޫއޭއީއާ ދެމެދު ރަސްމީކޮށް ގުޅުން ގާއިމްކުރީ މިދިޔަ ހުކުރު ދުވަހު އެވެ. މިއިީ މެދުއިރުމަތީގެ ގައުމްތަކާ އިސްރާއިލުން ގާއިމްކުރި ތިން ވަނަ ސުލްހައިގެ އެއްބަސްވުމެވެ. މީގެ ކުރިން އިސްރާއިލާ މިސްރާއި އުރުދުންއާ ދެމެދު ރަސްމީކޮށް ގުޅުން ގާއިމްކޮށްފައިވެ އެވެ.

މިފަހުން އިސްރާއިލާ ޔޫއޭއީއާާ ދެމެދު ގާއިމްކުރި އެއްބަސްވުމުގެ ދަށުން އިސްރާއިލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ސަރަހައްދުތައް އިސްރާއިލްގެ ބައެއްގެ ގޮތުގައި ހަމަޖެއްސުން ހުއްޓާލަން ޖެހެ އެވެ.

މުވާސަލާތީ ގުޅުން ގާއިމްކުރުމަށް ފަހު އިސްރާއިލް އަދި ޔޫއޭއީގެ ފޮރިން މިނިސްޓަރުން ވަނީ ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ.

އިސްރާއިލްގެ ކޮމިއުނިކޭޝަން މިނިސްޓްރީން ބުނީ މިހާރު ޔޫއޭއީގެ ނަންބަރުތަކުން އިސްރާއިލްގެ ކޯޑް (+972) ޖެހުމަށް ފަހު ހުރަހެއް ނެތި ގުޅޭނެ ކަމަށެވެ.

ޔޫއޭއީ އާއި އިސްރާއިލްއާ ދެމެދު ގުޅުން ގާއިމްކުރުމަށް ފަހު ދެގައުމުގައި އެއްގައުމު އަނެއްގައުމުގެ އެމްބަސީތައް ގާއިމްކުރާނެއެވެ. އޭގެ އިތުރުން ކޮވިޑާ ގުޅޭ ގޮތުން ދެގައުމު ގުޅިގެން ދިރާސާ ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ފަލަސްތީނުން ވަނީ ޔޫއޭއީން ގާއިމްކުރި އެއްބަސްވުމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އަދި މިއީ ފަހަތުން އައިސް ބުރަކަށްޓަށް ވަޅިހެރުން ފަދަ އަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.== ބީބީސީ

comment ކޮމެންޓް