ވަކީލުންނާ ބައްދަލުނުވާތީ ރައީސް ޔާމީންގެ އާ ދައުވާތަކުގެ ޝަރީއަތް ފަސްކޮށްފި

ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީހެއް އޮންލައިންކޮށް ކުރިއަށް ގެންދަނީ --

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ ރިޝްވަަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގައި އެމަނިކުފާނަށް ވަކީލުންނާ ބައްދަލުނުކުރެވޭތީ އެހެން ދުވަހަކަށް މައްސަލައިގެ އަޑުއެހުން ތާވަލުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ރިޝްވަަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމް މިއަދު ވަނީ ބާއްވައިފައެވެ. މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު އެދިވަޑައިގެންނެވީ ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އިއްވުމަށެވެ.

ނަމަވެސް، ދައުލަތުގެ ވަކީލު އައިޝަތު މުހައްމަދު ފާހަގަކުރެއްވީ މިއަދުގެ އަޑުއެހުމަކީ އޮންލައިން އަޑުއެހުމަކަށް ވާތީ ދައުވާ އިއްވުމުގެ ކުރިން، ދައުވާ ލިބޭ ފަރާތަށް ހުރިހާ ލިޔެކިޔުމެއް ލިބިފައިވާކަން ކަށަވަރު ކުރަން ޖެހޭ ކަމެވެ. މިއަދުގެ ވަގުތެއްގައިވެސް އިތުރު ލިޔެކިޔުންތަކެއް ރައީސް ޔާމީންއާ ހަވާލުކޮށްދިނުމަށް ދައުލަތުން ކޯޓަށް ފޮނުވާފައިވާނެ ކަމަށްވެސް އައިޝަތު ވިދާޅުވިއެވެ. އެއީ ލިބިފައި ނުވާ ލިޔުންތަކެއް ކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރެއްވި ލިޔުންތަކަކާ ޕީޖީއިން ކުރިން ދީފައި ނުވާ އެ ނޫންްވެސް ލިޔުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް އެއްވެސް ލިޔުމެއް ބަލާލުމުގެ ފުރުސަތު ލިބިވަޑައިގެންފައިނުވާ ކަމަށެވެ. ހުރިހާ ލިޔެކިޔުމެއް ހުރީ ވަކީލުންގެ އަތްޕުޅުގައި ކަމަށާއި ވަކީލުންނާ ބައްދަލުވެވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަކީލުންނަށް ލިޔުންތައް ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނު އެ ލިޔުންތައް ބައްލަވައި ވަކީލުންނާ މަޝްވަރާކޮށްފައި ނޫނީ ކުރިއަށްވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، އިތުރަށް ހުށަހެޅި ލިޔުންތައް ލިބިގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ވަކީލުންނަށް ރައީސް ޔާމީނާ ބައްދަލުނުކުރެއްވޭތީ އެކަމުގެ ކަންބޮޑުވުންވެސް ޑރ. ޖަމީލް މިއަދު ފާޅުކުރެއްވިއެވެ. ރައީސް ޔާމީންއާ ބައްދަލު ނުކުރެއްވެނީ ކީއްވެތޯ ގާޒީ ޝަކީލު ސުވާލު ކުރެއްވުމުން ޖަމީލް ވިދާޅުވީ، އެ ފުރުސަތު ކަމާ ބެހޭ ފަރާތްތަކުން ފަހިކޮށްނުދީގެން ކަމަށެވެ. ރައީސް ޔާމީންވެސް ވިދާޅުވީ، ވަކީލުންނާއެކު ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވަނީ ދައުލަތުން އެ ފުރުސަތު ފަހިކޮށްދީފައިނުވާތީ ކަމަށެވެ.

ދައުލަތުން ކަރެކްޝަންސްއާ ހަވާލާދީ ބުނީ ރިޝްވަތުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ފަހުން ރައީސް ޔާމީނާ ބައްދަލުކުރައްވަން ވަކީލުން އެދިވަޑައިގެންފައި ވަނީ އެންމެ ފަހަރަކު ކަމަށެވެ. އެއީ ހަތަރެއް އޮގަސްޓުގައި ކަމަށް ދައުލަތުން ބުންޏެވެ. އަދި އާންމު އުސޫލުން ފޯނުން ގުޅައިގެން އެ ބައްދަލުވުން ކުރިއަށްގެންދަން ހަމަޖެހޭނެ ކަމަށް ވަކީލުންނަށް އަންގާފައިވާނެ ކަމަށް ކަރެކްޝަންސްއާ ހަވާލާދެއްވައި ދައުލަތުން ބުންޏެވެ. އޭގެ އިތުރުން، ކޮވިޑް-19އާ ގުޅިގެން ނަގަން ޖެހޭ އެންމެހާ ހުއްދަތައް ނަގައިގެން މާފުށީ ޖަލަށް ވަޑައިގަތުމުން ބައްދަލުވުން ހަމަޖެހޭނެ ކަމަށް ޑރ. ޖަމީލަށް އަންގާފައިވާނެ ކަމަށްވެސް ބުންޏެވެ.

ގާޒީ ޝަކީލް ވިދާޅުވީ ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލުކުރެއްވޭނެ ގޮތަށް މިއަދު އަމުރެއް ނެރުއްވާނެ ކަމަށެވެ.

"ޝަރީއަތުން މިއަދު މިި ނިންމަނީ މި މައްސަލައަކީ ބޮޑު މައްސަލައަކަށްވެފައި އަދި ގިނަ ލިޔެކިޔުންތަކުގެ މައްސަލައަކަށް ވާތީ ދިފާއީ ވަކީލުންނާ ދައުވާ ލިބޭ ފަރާތާ ސީދާ ބައްދަލުވެވޭނެ ގޮތެއްގައި ޕްރައިވެޓް ބައްދަލުވުމެއް ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރު މިއަދު ކޯޓުން ނެރޭނަން،" ގާޒީ ޝަކީލު ވިދާޅުވިއެވެ.

އަދި ވަކީލުންނާ ބައްދަލުކުރައްވަން ފުރުސަތު ދެއްވުމަށް ފަހު 10 ދުވަސް ނުވަތަ 15 ދުވަސް ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް