ޝިޕިން އެޖެންޓުން ރެޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ޝިޕިން އޭޖެންސީގެ ހިދުމަތް ދެވޭނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަމަށް ކަމަށް ބުނާ ގަވައިދުގެ ދަށުން ޝިޕިން އެޖެންޓުން ރެޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މީގެ ކުރިން އޮތްގޮތުން، މިއަދުގެ ކުރިން ޝިޕިން އެޖެންޓުން ރެޖިސްޓްރީ ކުރަން ޖެހެ އެވެ. ނަމަވެސް ޓްރަންސްޕޯޓް އޮތޯރިޓީ އިންް ބުނީ ޝިޕިން އެޖެންސީގެ ހިދުމަތްދޭ ކުންފުނިތަކުންް ރެޖިސްޓްރީ ވާން ޖެހޭނީ ސެޕްޓެމްބަރު 15ގެ ކުރިން ކަމަށެވެ.

ޝިޕިން އޭޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ، ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކުންފުނިތައް ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

ގަވައިދު ބުނާ ގޮތުން ޝިޕިން އޭޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަން ޖެހޭ އެންމެހައި ފައިސާ ދައްކަން ވާނީ ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވަޑަރެވެ.

ކޮންސައިނީއަށް ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އޭޖެންޓް
ނުވަތަ ފުރައިޓް ފޯވާޑަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ކުރިން އެއްބަސްވެފައިވާ ފުރައިޓުގެ އިތުރަށް އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނަގައިގެން ނުވާނެ ކަަށް ގަވައިދު ބުނެ އެވެ.

ނަމަވެސް ޝިޕިން ޑޮކިއުމަންޓަށް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ، އެކަމަށް ކުރިން ކަނޑައަޅައިފައިވާ އަގަކާއި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500 ރުފިޔާގެ ފީ އެއް ނެގިދާނެ ކަމަށް ގަވައިދު ބުނެ އެވެ.

މީގެ އިތުރުން އެޖެންޓެއް މެދުވެރިވެގެން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި އުޅަނދު ދަތުރުކުރާއިރު ދިމާވާ ނުރައްކައުތެރި ހާދިސާތަކާއި ތިމާވެށްޓަށް ގެއްލުން ލިބޭ ފަދަ ކަންކަމުގައި ސަލާމަތީ ބާރުތަކަށް ދޭންޖެހޭ އެންމެހައި އެހީތެރިކަން ދިނުމާއި، އޭޖެންޓުގެ އިހުމާލުން ހިނގާ ކަންކަމުގައި ދެވަނަ ފަރާތަކަށް ލިބޭ ގެއްލުންތައް ހައްލުކޮށްދިނުމުގައި އޭޖެންޓު މަސައްކަތް ކޮށްދޭންވާނެ ކަމަށް ވެސް ގަވައިދު ބުނެ އެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާ އިން ޖޫރިމަނާކުރާނެ އެވެ. އަދި އެކަން ތަކުރާރު ނުކުރުމަށް ލިޔުމުން އަންގާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް