މެދު މިނުމުގެ ހައްލެއް އަންނާނެ ގޮތަށް އެއްވެ އުޅުމުގެ ގާނޫނު އިސްލާހު ކުރަން ޖެހޭ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ --- ފޮޓޯ: ހޯމް މިނިސްޓްރީ

މެދު މިނުގެ ހައްލެއް އަންނާނެ ގޮތަކަށް އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް ރައީސް ޔާމީންގެ ސަރުކާރުގައި ގެނައި އިސްލާހާއެކު، ފުލުހުންނަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި، އެއްވެ އުޅެވޭނީ ހަމައެކަނި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަަނަކަށް އެކަންޏެވެ. މާލޭގައި އެއްވެ އުޅުމަށް ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަނަކީ، ކާނިވާ ސަރަހައްދެވެ. އެ އިސްލާހަށް އޭރުގެ އިދިކޮޅު، މިހާރު ސަރުކާރުގައި ތިބި އެމްޑީޕީ ޖުމްހޫރީ ޕާޓީ އަދި އަދާލަތުން ވެސް ވަރަށް ބޮޑަށް ފާޑުކިޔެވެ. އޭރު އެ ބޭފުޅުން ވިދާޅުވީ، އެއީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށެވެ.

މިރޭ ރާއްޖެ ޓީވީން ގެނެސްދިން "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރު ތެރޭގައިވެސް ވަރަށް ފުޅާކޮށް ވާހަކަ ދެކެވެމުންދާ ކަމަށެވެ. އަދި އެންމެނަށްވެސް ފައިދާ ކުރާނެ ގޮތަކަށް އެ ގާނޫނު އަނެއްކާވެސް އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

"އެއްވެ އުޅުމުގެ މިނިވަން ކަމާއި ހިޔާޅުފާޅުކުރުމުގެ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ހޯދައި ދިނުމަށް، ރައްޔިތުންނަށް، އެންމެނަނަށް މިއީ ހަމަ އިންސާފުކަމަށް ގަބޫލު ކުރެވޭ ގޮތަށް އެފަދަ ފުރުސަތު ލިބޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އިސްލާހު ކުރަން ޖެހޭ ކަމަށްވެސް ގަބޫލު ކުރަން. އަދި އެކަން ކުރަންވާނެ. އެކަން އެއީ ކުރަން ވާނެ ކަމެއް،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، އެ ގާނޫނު އިސްލާޙު ކުރަން ވާނީ، އެއްވެ އުޅުމުގެ މިނިވަންކަންވެސް ލިބޭ ގޮތަށް އަދި އެހެން ރައްޔިތުންގެ ހައްގުތަކާއި ސަލާމަތާ ރައްކާތެރިކަން ނުގެއްލޭނެ ގޮތަކަށް ކަމަށެވެ. އަދި ގައުމުގެ ހަމަނުޖެހުން ގެއްލިގެން ނުދާ ގޮތަށް އެކަންކަން ބަދަލު ކުރެވި، އެއަށް ފުރުސަތު ދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއްވެ އުޅުމުގެ ގާނޫނު ހަނި ކުރާ އިސްލާހު އުވާލުމަށްވެސް މި ސަރުކާރުން ވެރިކަމަށް އައި އިރު ވައުދު ވިއެވެ.

އެ އިސްލާހު އުވާލަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިލު މިދިޔަ އަހަރުގެ އޯގަސްޓު މަހު ހުށަހެޅި ބިލު، ސެޕްޓެމްބަރު މަހު މަޖިލީހަށް ބަލައިގަނެ ކޮމިޓީ މަރުހަލާފައި އޮންނަތާ އަހަރެއް ވާން ވަނީ ކައިރިވެފަ އެވެ.

އެ އިސްލާހު ބަދަލު ކުރަން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއިރު، ޖާބިރު ހުށަހެޅުއްވި ބިލު ދިރާސާ ކުރި ކޮމިޓީގައި އިމްރާން އަބްދުﷲ ވަނީ އެ އިސްލާހު އުވާލައިފި ނަމަ މުޅި ނިޒާމަށް ބުރުއަރާނެ އެތައް ކަމެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ އެ ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައި ވީނަމަވެސް، ފުލުހުން ލިޔުމުން ދޭ ހުއްދައަކާ އެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހޯމް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށެވެ.

ނަމަވެސް ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.

comment ކޮމެންޓް