އަސަރުގަދަ ލަވައަކާއެކު މަހިންދްރަ ސިންގް ދޯނީ ރިޓަޔަވެއްޖެ

އެމްއެސް ދޯނީ އަކީ އިންޑިއާ ކްރިކެޓުގެ ތާރީހުގައި ގައުމީ ޓީމު ދުށް އެންމެ ކާމިޔާބު އެއް ކެޕްޓަން --- ފޮޓޯ : އެންޑީޓީވީ

މަޝްހޫރު ކްރިކެޓު ކުޅުންތެރިޔާ އަދި އިންޑިއާ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން އެމްއެސް ދޯނީ، ސޯޝަލް މީޑިއާއަށް އާންމުކުރި އަސަރުގަދަ ލަވައަކާއެކު ކްރިކެޓުން އޭނާގެ ރިޓަޔަރުމެންޓް އިއުލާނުކޮށްފި އެވެ.

މުކޭޝްގެ ލަވައެއް ކަމަށްވާ "މެއިން ޕަލް ދޯ ޕަލް ކާ ޝާޔަރު ހޫން" ލަވައާއެކު ތައްޔާރުކޮށްފައިވާ ވީޑިއޯ ކޮމްޕިލޭޝަނަކާއެކު ދޯނީ ވަނީ މިރޭ އޭނާ ކްރިކެޓުން ރިޓަޔަރުވެފައިވާ ކަން އިއުލާނުކޮށްފައެވެ. އެ ވީޑިއޯ ކޮމްޕިލޭޝަންގައި ދޯނީ ކްރިކެޓު ކެރިއަރުގެ އުސްއަލިތަކަށް ހާއްސަ ސަމާލުކަމެއް ދީފައިވެއެވެ.

ދޯނީ މިރޭ ބުނެފައިވަނީ އިންޑިއާ ގަޑީން މިރޭގެ 19:29 އަށްފަހު އޭނާ ރިޓަޔަރުވެއްޖެ ކަމަށެވެ.

އޭނާ ރިޓަޔަރުވިއިރު އޭނާއަކީ އިންޑިއާގެ ކްރިކެޓުގެ ތާރީހުގައި މިހާތަނަށް ފެނުނު އެންމެ ކާމިޔާބު އެއް ކެޕްޓަނެވެ. އެގޮތުން އޭނާގެ ކެޕްޓަން ކަމުގައި އިންޑިއާ ކްރިކެޓު ޓީމު ވަނީ ތިން އައިސީސީ ޓްރޮފީ އުފުލާލާފައެވެ. އެއީ 2007ގެ ޓީ20 ވޯލްޑް ކަޕް އާއި 2011ގެ 20 އޯވާ ވޯލްޑްކަޕްގެ އިތުރުން 2013 ވަނަ އަހަރުގެ އައިސީސީ ކަޕް އެވެ.

ދޯނީ އެންމެ ފަހުން ބައިނަލްއަގުވާމީ ކްރިކެޓު މުބާރާތެއްގައި ބައިވެރިވެފައިވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ އައިސީސީ ކްރިކެޓް ވޯލްޑްކަޕްގައެވެ. ނަމަވެސް ސެމީ ފައިނަލާ ހަމައަށް ގޮސް އިންޑީއާ ވަނީ މިދިޔަ އަހަރު ނިއު ޒީލެންޑްގެ އަތުން ބަލިވެފައެވެ.

އުމުރުން 39 އަހަރުގެ ދޯނީ މިރޭ ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔަރުވިއިރު އޭނާ ކްރިކެޓުގެ ކެރިއަރުގައި 15 އަހަރު ހޭދަކޮށްފައިވެއެވެ. އަދި މިރޭގެ ރިޓަޔަރުމަންޓަށްފަހު ކްރިކެޓު އެއްވެސް މުބާރާތެއްގައި ދެން އޭނާ ބައިވެރިއެއް ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

comment ކޮމެންޓް