އެމްޑީޕީއަކީ ވަރުގަދަ ޕާޓީއެއް، އިދިކޮޅުން އުޅެނީ އޮޅިގެން: ފައްޔާޒު

ފިނޭންސް މިނިސްޓްރާއި އިކޮނަމިކޮ މިނިސްޓަރު ފައްޔާޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ އެންއީއޯސީ

އެމްޑީޕީއަކީ، ވަރުގަދަ ޕާޓީއެއް ކަމަށާއި އެކަން އިދިކޮޅު ފަރާތްތައްކަށް ވިސްނިވަޑައި ނުގަންނަވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މި ގޮތަށް ވިދާޅުވީ، އެނާ ނިސްބަތްވާ އެމްޑީޕީތެރެެއިން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތްތަކެއް ފައްޓަވާފައިވަނިކޮށެވެ. އެގޮތުން އެޕާޓީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެއާއެކު އެމްޑީޕީ ތެރޭގައި ބައިބައިވުން އެފެދިފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި، ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީއަކީ ތަފާތު ފިކުރުތަކުގެ މައްޗަށް އެކުުލެވޭ އާދަޔާ ހިލާފު ވަރުގަދަ ޕާޓީއެއްކަން އިދިކޮޅު މީހުންނަށް ވިސްނިވަޑައިނުގަންނަވާތީ އަދިވެސް ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތުތަކާއި ގުޅިގެން ތަފާތު އެކި ހިޔާލުތައް ޕާޓީގެ މެމްބަރުން އަބަދުވެސް ފާޅުކުރާނެ ކަމަށާއި ޕާޓީގެ މެމްބަރުންނަކީ ވަރަށް ހަން ބޯ ބައެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ކޮންމެ ފަދަ ގޮތަަކަށް [އިދިކޮޅުން] ހަމަލާ ދިނަސް މި ޕާޓީގެ މެންބަރުން އެކަން ހިތު އަޅައިގެން ނޫޅޭނެ،" ފައްޔާޒު ވިދާޅުވިއެވެ.

މި ސަރުކާރުގެ ނުފޫޒުގަދަ ވަޒީރުންގެ ތެރޭ ހިމެނޭ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވަން އުޅެނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނޫނެވެ. އެހެންނަމަވެސް ރައީސް ނަޝީދު ދާދި ފަހުން އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަކަށް ފޮނުވި މެސެޖްގައި ވިދާޅުވެފައި ވަނީ ފައްޔާޒަށް "ބްރޯ" ހެދިގެން ނޫޅެވޭނެ ކަމަށާއި އޭނާވެސް އުޅުއްވަން ޖެހޭނީ ނިޒާމުގެ ތެރެއިން ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާޙިމް އިސްމާއިލްގެ ކޮއްކޮ، ފައްޔާޒު ވިދާޅުވާ ގޮތުން، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވުމުގެ ޖާގަ އޮތުމަކީ، ރާއްޖޭގައި ޑިމޮކްރެސީ ހަރުދާނާ ވެފައި އޮތް ކަމުގެ މިސާލެކެވެ.

އެނގިފައިވާ ގޮތުގައި ފައްޔާޒުގެ އިތުރުބާރު ނެތް ކަމުގެ މައްސަލައިގައި 25 މެމްބަރަކު ވަނީ ސޮއިކުރައްވައިފަ އެވެ. އެކަމަކު ބައެއް މެމްބަރުން ދަނީ ފައްޔާޒުގެ ދިފާއުގައި ފާޅުގައި ވާހަކަ ދައްކަވަމުންނެވެ.

އެނގިފައިވާ ގޮތުގައި 33 މެމްބަރުން ސޮއި ހަމަވުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ އެވެ. އެމްޑީޕީ ޕީޖީ ގުރޫޕުގައި ތްރީލައިން ވިޕެއް ނެރެވޭނީ އެ އަދަަދަށް މެމްބަރުންގެ ތާއީދު ލިބިގެންނެވެ.

މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާއިރު، އެމްޑީޕީގެ މެމްބަރުގެ އަދަދަކީ، 65 އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 10 މެމްބަރެއްގެ ސޮއި އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

comment ކޮމެންޓް