ކެލާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުން ރަނގަޅުވެއްޖެ

ހއ. ކެލާ---

ހއ. ކެލާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހުރިހާ އެންމެން މިހާރު ރަނގަޅު ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ކެލާއިން ކޮވިޑް ޕޮޒިޓިވް މީހެއް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެރަށާ މޭލެއާ ދެމެދު ދަތުރުކުރާ ބޯޓެއް ކަމަށްވާ "ސަވާރީ"ގެ ފަޅުވެރި އެކެވެ.

ކެލާ ކައުންސިލުގެ ނައިބު ރައީސް އައިމިނަތު އިސްމާއިލު މިއަދު ސަން އަށް ވިދާޅުވީ އެރަށުން ކޮވިޑް-19 އަށް 10 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ އެންމެނަކީވެސް ސަވާރީ ބޯޓު ކޭސްއާ ގުޅިގެން ޕޮޒިޓިވްވި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހުރިހާ އެންމެން ރަނގަޅުވެފައިވާއިރު އެ ކޭސްއާ ގުޅިގެން އެ ރަށުގައި އިތުރު މީހަކު މިހާރު މޮނިޓަރިންގެ ހާލަތުގައިވެސް ނެތް ކަމަށް އައިމިނަތު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ވައިރަސް ޖެހި އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 5،572 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ، 3،010 އެވެ. އޭގެ ތެރޭގައި މިއަދު ބަލިން ރަނގަޅުވި 90 މީހުން ހިމެނެއެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 150 އެވެ. ބަލި ޖެހިގެން އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކޮށްފައިވާ ވަނީ، 1،508 އެވެ. މިހާތަނަށް ބަލި ޖެހިގެން 22 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް